Roadha Mihaaru
ޖައްވަށް ދާން ޓިކެޓެއް ހަ މިލިއަން ރުފިޔާއަށް

ޖައްވަށް ދާން ޓިކެޓެއް ހަ މިލިއަން ރުފިޔާއަށް

09 އޯގަސްޓް 2021

އަންނަ އަހަރުން ފެށިގެން ވާޖިން ގެލެކްޓިކުން ސްޕޭސް ޓޫރިޒަމްގެ ގޮތުގައި ކޮމާޝަލް ދަތުރުތައް ފަށަން ނިންމާފައިވާތީ އެ ދަތުރުގެ ޓިކެޓް ވިއްކަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ އަހަރުން ފެށިގެން ވާޖިން ގެލެކްޓިކުން ސްޕޭސް ޓޫރިޒަމްގެ ގޮތުގައި ކޮމާޝަލް ދަތުރުތައް ފަށަން ނިންމާފައިވާތީ އެ ދަތުރުގެ ޓިކެޓް ވިއްކަން ފަށައިފި އެވެ.

ޓިކެޓެއްގެ އަގަކީ 450،000 ޑޮލަރު (6.95 މިލިއަން ރުފިޔާ) އެވެ. އެ އަގަށް ބަލާ އިރު މިއީ ދުނިޔޭގެ ބޮޑެތި މަހުޖަނުންނަށް ނޫނީ އަތްފޯރާ ވަރުގެ އަގެއް ނޫނެވެ. ވާޖިން ގެލެކްޓިކުން މިހާ އަގު ބޮޑުކޮށް ޓިކެޓް ވިއްކަން ފެށުމުގެ ކުރިން މީގެ އަހަރުތަކެއް ކުރިން ޖައްވީ ދަތުރުގެ ޓިކެޓް މީގެ ދެ ގުނަ އަށް ވެސް ކުޑަކޮށް ވިއްކާފައިވެ އެވެ.

އެގޮތުން މިދިޔަ މަހުގެ 20 ގައި ދުނިޔޭގެ ބޮޑު މަހުޖަނު އެމެރިކާގެ ޖެފް ބެޒޯސްގެ ބްލޫ އޮރިޖިނުން ކުރި ޖައްވީ ދަތިުރުގައި ބައިވެރިވި ދުވަސްވީ އަންހެން މީހާ ވެލީ ފަންކް، 82، ވާޖިން ގެލެކްޓިކުން ކުރިން 200،000 ޑޮލަރަށް ޓިކެޓެއް ގަނެފައިވެ އެވެ.

އިނގިރޭސި މަހުޖަނު ރިޗަޑް ބްރޭންސަންގެ ވާޖިން ގްރޫޕްގެ ދަށުން ހިންގާ ވާޖިން ގެލެކްޓިކުން ބުނި ގޮތުގައި ޖައްވީ ދަތުރުތަކުގެ ޓިކެޓް މިހާރު ވިއްކަމުން އަންނަ އިރު ތިން ގޮތަކަށް ޓިކެޓް ގަނެވޭނެ އެވެ. އެއީ ހަ މީހުންގެ ޖާގައިގެ ޖައްވީ އުޅަނދު "ޔުނިޓީ-22" ގައި ކުރާ ދަތުރުގެ ޓިކެޓް ވަކިން ގަތުމާއި އާއިލާ އާއި ރައްޓެހިން ބައިވެރިވާ ގޮތަށް ގަތުމާއި ހަ ސީޓް އެއްކޮށް ގަތުމެވެ.

ވާޖިން ގެލެކްޓިކްގެ ސީއީއޯ މައިކަލް ކޮލްގްލޭޒިއާ މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވި ގޮތުގައި ހަ ސީޓް އެއްކޮށް ގަންނަ ނަމަ އެއީ "މޮޑެސްޓް ޕްރީމިއަމް" އޮފާއެކެވެ.

ވާޖިން ގެލެކްޓިކުން ބުނީ ޖައްވީ ދަތުރަށް ވާން ހަދަން ޖެހޭ އެސްޓްރޮނޯޓް ޓްރޭނިންއެއްގެ އަގު 600،000 ޑޮލަރަށް އަރާނެ ކަމަށާއި އެހެންވެ ބޮލަކަށް 450،000 ޑޮލަރަކީ ބޮޑު އަގެއް ނޫން ކަމަށެވެ. ޓިކެޓް ވިއްކާ އިރު، އިސްކަން ދޭނީ އެންމެ ފުރަތަމަ ބުކްކުރާ މީހުންނަށެވެ.

ވާޖިން ގެލެކްޓިކުން ޖައްވީ ދަތުރުގެ ޓިކެޓް އަލުން ވިއްކަން ފަށާފައި މި ވަނީ ބްރޭންސަނާ އެކު ކުންފުނީގެ އިތުރު ފަސް މީހަކު މިދިޔަ މަހުގެ 11 ގައި ޖައްވީ ދަތުރެއްކޮށްފައި ވަނިކޮށެވެ. އެއާ އެކު އަންނަ އަހަރު ދެ މީހަކަށް ޖައްވޫ ދަތުރުދޭ ޕްރޮގްރާމަކަށް ވެސް ހުޅުވާލާފައިވެ އެވެ.

މި ފަހަރު 450،000 ޑޮލަރަށް ޓިކެޓް ގަނެގެން ޖައްވީ ދަތުރަށް ދާ މީހުންގެ ދަތުރުތައް ބާއްވާނީ ވާޖިން ގެލެކްޓިކުން މީގެ 10 ވަރަކަށް އަހަރު ކުރިން ޓިކެޓް ގަތް މީހުންގެ ދަތުރުތައް ބޭއްވުމަށް ފަހު އެވެ. އޭރު 600 އަށް ވުރެ ގިނަ މީހުން ޓިކެޓް ގަނެފައިވާ ކަމަށް ކުންފުނިން ބުންޏެވެ.