Roadha Mihaaru
ހޭންކްސް އަށް ޖައްވީ ދަތުރަކީ ބޭކާރު ކަމެއް

ހޭންކްސް އަށް ޖައްވީ ދަތުރަކީ ބޭކާރު ކަމެއް

05 ނޮވެމްބަރ 2021

އެމެރިކާގެ މަހުޖަނު ޖެފް ބެޒޮސްގެ ބްލޫ އޮރިޖިންގެ އުޅަނދު "ނިއު ޝެފަޑް" ގައި ޖައްވީ ދަތުރަކަށް ދާން އޭނާގެ ފަރާތުން ހުށަހެޅުމެއް ލިބުނު ކަމަށާއި އެކަމަކު 28 މިލިއަނެއްހާ ޑޮލަރު ހޭދަކޮށްފައި 12 ވަރަކަށް މިނިޓްގެ ދަތުރަކަށް ދާން އެއްވެސް ޝައުގުވެރި ކަމެއް ނެތް ކަމަށް ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓޮމް ހޭންކްސް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ މަހުޖަނު ޖެފް ބެޒޮސްގެ ބްލޫ އޮރިޖިންގެ އުޅަނދު "ނިއު ޝެފަޑް" ގައި ޖައްވީ ދަތުރަކަށް ދާން އޭނާގެ ފަރާތުން ހުށަހެޅުމެއް ލިބުނު ކަމަށާއި އެކަމަކު 28 މިލިއަނެއްހާ ޑޮލަރު ހޭދަކޮށްފައި 12 ވަރަކަށް މިނިޓްގެ ދަތުރަކަށް ދާން އެއްވެސް ޝައުގުވެރި ކަމެއް ނެތް ކަމަށް ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓޮމް ހޭންކްސް ބުނެފި އެވެ.

އޭނާ މި މޭރުމުން ވާހަކަ ދެއްކީ މިއަދު ރިލީޒްކުރާ ސައިންސް ފިކްޝަން ފިލްމު "ފިންޗް" ގެ ޕްރޮމޯޝަނަލް އިވެންޓެއްގެ ތެރެއިން "ޖިމީ ކިމެލް ލައިވް" ގައި އަންގާރަ ދުވަހު އެވެ. އުމުރުން 65 އަހަރުގެ އެކްޓަރު ބުނި ގޮތުގައި އޭނާ އަށް ޖެފްގެ ފަރާތުން އެފަދަ ހުށަހެޅުމެއް އައި ޖައްވީ ޓޫރިޒަމް ޕްރޮމޯޓްކުރަން، ބްލޫ އޮރިޖިން ފަށާފައިވާ މަސައްކަތަށް އާންމުންގެ ސަމާލުކަން ހޯދުމުގެ ގޮތުންނެވެ. ނަމަވެސް 28 މިލިއަނެއްހާ ޑޮލަރު ހަރަދު ކޮށްފައި އެންމެ 12 މިނިޓްގެ ޖައްވީ ދަތުރަކަށް ދިއުމަށް ވުރެ އަމިއްލަ ގޭގައި ހުރެގެން އެ ފައިސާ އިން އެއަށް ވުރެ މާ މުހިއްމު ކަންކަން ކޮށްލެވިދާނެ ކަމަށް ހޭންކްސް ބުންޏެވެ.

އޭނާގެ މި ވާހަކަތަކާ ގުޅިގެން ޖެފްގެ ފަރާތުން ހިލޭ ދަތުރަކަށް ދާން ފުރުސަތު ލިބިއްޖެ ނަމަ ދާނެތޯ ޖިމީ އެހުމުން ކާމިޔާބު އެކްޓަރު ބުނީ ބިލިއަނަރެއް ކަމަށް ދައްކަން އެކަމުގެ "މަޖާގަނޑު" ގެ ބޭނުން ހިފިދާނެ ކަމަށެވެ.

ބްލޫ އޮރިންޖިން އިން ބުނެފައިވާ ގޮތުގައި އެ ކުންފުންޏާ އެކު ޖައްވީ ދަތުރުތަކަށް ދާން މިހާރު ވެސް 58 ގައުމަކުން 600 އެއްހާ މީހުން ވެއިޓިން ލިސްޓްގައި އެބަތިއްބެވެ. ބްލޫ އޮރިޖިންގެ ފުރަތަމަ ޖައްވީ ދަތުރު މިދިޔަ ޖުލައި މަހުގެ 20 ގައި ޖެފް ހިމެނޭ ގޮތަށް ބޭއްވުމަށް ފަހު، ދެވަނަ ދަތުރު ބޭއްވީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ. އެ ދަތުރުގެ އެންމެ ހާއްސަ ބައިވެރިޔަކީ އެކްޓަރު ވިލިއަމް ޝެޓްނާ އެވެ.

ޖެފް ބްލޫ އިރިޖިންގެ އިތުރުން ސްޕޭސް ޓޫރިޒަމަށް ޖައްވީ ދަތުރު ލޯންޗް ކޮށްފައިވާ އަނެއް ކުންފުންޏަކީ އިނގިރޭސި މަހުޖަނު ރިޗަޑް ބްރޭންސަަންގެ ވާޖިން ގެލެކްޓިކް އެވެ. އެ ކުންފުނިން ޓިކެޓް ގަނެފައިވާ މީހުންގެ ތެރޭގައި ލިއޮނާޑޯ ޑި ކެޕްރިއޯ އާއި ލޭޑީ ގާގާ އާއި ކޭޓީ ޕެރީ އާއި ރަސަލް ބްރޭންޑް އަދި ޖަސްޓިން ބީބާ ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ދުނިޔޭގެ ބޮޑެތި މަހުޖަނުން ސްޕޭސް ޓޫރިޒަމާ އުޅޭތީ ދާދި ފަހުން ޕްރިންސް ވިލިއަމް ވަރަށް ބޮޑަށް އެކަމަށް ފާޑު ވިދާޅުވެފައިވެ އެވެ.