Roadha Mihaaru
ރިޗަޑް ބްރަންސަންގެ ޖައްވީ ހުވަފެން ހަގީގަތަކަށް

ރިޗަޑް ބްރަންސަންގެ ޖައްވީ ހުވަފެން ހަގީގަތަކަށް ހަދައިފި

12 ޖުލައި 2021

ނިއު މެކްސިކޯ (ޖުލައި 11) - އިނގިރޭސި ވިލާތުގެ މިލިއަނަރު ރިޗަޑް ބްރެންސަން، ޖައްވަށް ދަތުރުކޮށް މިބިމުގެ ވައްބުރު ބައްޓަން ހަމަލޮލުން ދެކިލުމަށް ދެކެމުން އައި ހުވަފެން އިއްޔެ ހަގީގަތަކަށް ހަދައި، ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދައިފި އެވެ.

ނިއު މެކްސިކޯ (ޖުލައި 11) - އިނގިރޭސި ވިލާތުގެ މިލިއަނަރު ރިޗަޑް ބްރެންސަން، ޖައްވަށް ދަތުރުކޮށް މިބިމުގެ ވައްބުރު ބައްޓަން ހަމަލޮލުން ދެކިލުމަށް ދެކެމުން އައި ހުވަފެން އިއްޔެ ހަގީގަތަކަށް ހަދައި، ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދައިފި އެވެ.

ވިޔަފާރި އުސޫލުން މަދަނީ ޖައްވީ ދަތުރުތައް ފެށުމަށް އުފެއްދި އޭނާގެ އަމިއްލަ ކުންފުނި، ވާޖިން ގެލެކްޓިކް ކުންފުނީގެ ވީއެސްއެސް ޔުނިޓީ ކިޔާ ޖައްވީ އުޅަނދުގައި މި ބިމުން ފުރައިގެން މައްޗަށް ދަތުރުކޮށް، މިބިމުގެ ވައިގެ ފަށަލައިން ބޭރަށް ނުކުމެ، ބިމުން ފެށިގެން 85.9 ކިލޯމީޓަރު މައްޗަށް ދަތުރުކުރި އެވެ. އެމެރިކާގެ ޖައްވީ އިދާރާ އިން ގަބޫލުކުރާ ގޮތުގައި، މިބިމުގެ ވައިގެ ފަށަލައިން ބޭރުވެ ޖައްވުގެ ތެރެއަށް ވަދެވެނީ، ބިމުން ފެށިގެން 80 ކިލޯމީޓަރު މައްޗަށް އެރުމުންނެވެ.

މިދަތުރުގައި ކަނޑައެޅިފައިވާ އެންމެ އުހަށް، އުޅަނދު އެރުމުން އޭގެ ރޮކެޓް އިންޖީނު ނިއްވާލާފައި އިރުކޮޅެއް ވަންދެން ބޭއްވި އެވެ. އޭރު އުޅަނދު އޮތީ ބިމުގެ ދަމާބާރުން ނެއްޓިފައި ކަމަށް ވާތީ، ހަށިގަނޑުގައި އެއްވެސް ބަރުދަނެއް ނެތްކަމުގެ ނުވަތަ ޖައްވުގެ ތެރޭގައި އުޅެވޭ ކަމުގެ އިހުސާސް، ދަތުރުގެ ބައިވެރިންނަށް ކުރެވުނެވެ.

ބްރެންސަން ދަތުރުކުރި އުޅަނދު ޖައްވުގެ ތެރޭގައި ވަގުތުކޮޅެއް ހޭދަކުރުމަށް ފަހު، އެނބުރި ބިމަށް ތިރިކުރީ، ދަތުރަށް ފުރިތާ ގާތްގަނޑަކަށް އެއް ގަޑިއިރު ފަހުންނެވެ.

ވީއެސްއެސް ޔުނިޓީ މި ބިމުން ފުރީ، ފުޅާ ފިޔަގަނޑެއް ލައިގެން ފަރުމާކޮށްފައިވާ ހާއްސަ މަތިންދާބޯޓެއްގެ މެދުގައި ހަރުކޮށްފައި ބަހައްޓައިގެންނެވެ. އެ މަތިންދާބޯޓުން ވީއެސްއެސް ޔުނިޓީ ވަކިކޮށްލީ ބިމުން ފެށިގެން 45،000 ފޫޓު މައްޗަށް އެރުމަށް ފަހު އެވެ. ދެ އުޅަނދު ވަކިވުމަށް ފަހު، ވީއެސްއެސް ޔުނިޓީގެ ރޮކެޓް އިންޖީނު ރޯކޮށްލުމާ އެކު، ބާރު ދުވެލީގައި ޖައްވުގެ ތެރެއަށް އަރައިގެން ދިޔައީ އެވެ.

އެމެރިކާގެ ނިއު މެކްސިކޯގެ ސްޕޭސްޕޯޓްގެ ރަންވޭ އިން ފުރައިގެން ކުރި އެއް ގަޑިއިރުގެ ދަތުރަށް ފަހު، އެނބުރި އައިސް ހަމަ އެ ރަންވޭ އަށް ތިރިކުރި، ވީއެސްއެސް ޔުނިޓީގެ މި ދަތުރުގައި ބްރެންސަންއާ އެކު އިތުރު ފަސް މީހަކު ވެސް ބައިވެރިވި އެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ޕައިލެޓުންނާއި ހަތަރު މިޝަން ސްޕެޝަލިސްޓުންނާއި ބްރެންސަން އެވެ.

"މިހާ ހިސާބަށް އައުމަށްޓަކައި 17 އަހަރު ވަންދެން ބުރަ މަސައްކަތް ކުރި، އަހަރެމެންގެ ވާޖިން ގެލެކްޓިކް ޓީމުގެ ހުރިހާ އެންމެންނަށް މަރުހަބާ ކިޔަން،" ޖައްވީ ދަތުރު ނިންމައި ބިމަށް ތިރިކުރުމަށް ފަހު، ބްރެންސަން ބުންޏެވެ.

މިހާރު ޖައްވަށް ދިއުމަށް ކުރާ ހަރަދަށް ވުރެ ކުޑަ ހަރަދެއްގައި ޖައްވަށް ދިއުމުގެ ބޭނުމުގައި، ބްރެންސަން އޭނާގެ ވާޖިން ގެލެކްޓިކް ކުންފުނި އުފެއްދީ 2004 ވަނަ އަހަރު އެވެ. އިއްޔެގެ މި ދަތުރަކީ ވާޖިން ގެލެކްޓިކް ކުންފުނިން ޖައްވަށް ކުރި އަޖުމަ ބެލުމުގެ 22 ވަނަ ދަތުރެވެ. އަދި އިންސާނުން ގޮވައިގެން ޖައްވުގެ ތެރެއަށް ކުރި ހަތަރު ވަނަ ދަތުރެވެ.

ވާޖިން ގެލެކްޓިކް ކުންފުނިން ވިޔަފާރި އުސޫލުން ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ 2022 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭގެ ކުރިން އަޖުމަ ބެލުމުގެ އިތުރު ދެ ދަތުރު ޖައްވަށް ކުރުމަށް ހަމަޖެހިފައިވެ އެވެ. މި ކުންފުނީގެ ދަތުރުތަކުގައި ބައިވެރިވާން މިހާރު ވެސް ގިނަ އަދަދެއްގެ މަހުޖަނުން ނަން ނޯޓުކޮށްފައިވެ އެވެ.