Roadha Mihaaru
މާލީ ތާށިކަމާ ހެދި ވާޖިން ގެލޭޓިކްގެ ހިއްސާ ވިއްކަނީ

މާލީ ތާށިކަމާ ހެދި ރިޗަޑް ބްރޭންސަންގެ ވާޖިން ގެލޭޓިކްގެ ހިއްސާ ވިއްކަނީ

13 މެއި 2020

ކޮރޯނާވައިރަހާ އެކު ކުރިމަތިވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް، އިނގިރޭސިވިލާތުގެ މަޝްހޫރު މަހުޖަނު ރިޗަޑް ބްރޭންސަންގެ ޖައްވީ ޓޫރިޒަމަށް ހާއްސަ ކުންފުނި ވާޖިން ގެލޭޓިކްގެ ހިއްސާ ވިއްކަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮރޯނާވައިރަހާ އެކު ކުރިމަތިވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް، އިނގިރޭސިވިލާތުގެ މަޝްހޫރު މަހުޖަނު ރިޗަޑް ބްރޭންސަންގެ ޖައްވީ ޓޫރިޒަމަށް ހާއްސަ ކުންފުނި ވާޖިން ގެލޭޓިކްގެ ހިއްސާ ވިއްކަން ނިންމައިފި އެވެ.

މީޑިއާތަކުން ބުނީ 2004 ގައި އުފެއްދި ކުންފުނީގެ ހިއްސާ ވިއްކަނީ ބްރޭންސަންގެ އެހެން ވިޔަފާރިތައް ވެސް އަލުން ކޮޅަށް ޖަހަން ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން ކަމަށެވެ. އޭގެ ތެރޭގައި ވާޖިން އެޓްލާންޓިކް އެއާލައިންގެ ވިޔަފާރި ވެސް ހިމެނެ އެވެ.

ވާޖިން ގެލޭޓިކްގެ ހިއްސާ ވިއްކައިގެން މަދުވެގެން 500 މިލިއަން ޑޮލަރު ހޯދަން ނިންމާފައިވާ ކަމަށް ނޫސްތަކުން ބުނެ އެވެ. އަމިއްލަ ކުންފުންޏެއްގެ ހިއްސާ ވިއްކައިލަން ބްރޭންސަން ނިންމާފައި މި ވަނީ ކުރިމަތިވެފައިވާ މާލީ ދަތިކަމުން އަރައިގަތުމަށް އޭނާގެ ލަގްޒަރީ ރިސޯޓް ނެކާ އައިލެންޑް ރަހުނެއްގެ ގޮތުގައި ބާއްވައިގެން ސަރުކާރުން 600 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ވެސް އެދިފައި ވަނިކޮށެވެ. މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އޭނާ އަށް އަމާޒުވެފައިވެ އެވެ.

އެ ލޯނާ މަޝްވަރާތައް މިހާރު އަންނަނީ ހިނގަމުންނެވެ.

ވާޖިން އެޓްލާންޓިކުގެ 51 ޕަސަންޓް ހިއްސާ ވާޖިން ގްރޫޕްގައި އޮންނަ އިރު، އެ ކުންފުނީގެ 49 ޕަސަންޓް ހިއްސާ އޮންނަނީ ޑެލްޓާ އެއާލައިންސްގަ އެވެ.

ކޮރޯނާވައިރަހާ ދިމާކޮށް ވާޖިން ގްރޫޕްގެ ވިޔަފާރި ބޮޑުތަނުން އަޑިއަޅާލާފައިވާ އިރު، މިދިޔަ ހަފުތާގައި ވަނީ ވާޖިން އެޓްލާންޓިކުން 3،000 ވަޒީފާ މަދުކޮށް، ގެޓްވިކް އެއާޕޯޓްގެ އޮޕަރޭޝަންތައް ވެސް ހުއްޓައިލަން ނިންމިކަން ވެސް އިއުލާންކޮށްފަ އެވެ.

ބްރޭންސަން، 69، ގެ މިލްކިއްޔާތު 4.4 ބިލިއަން ޑޮލަރަށް އަރަ އެވެ.