Roadha Mihaaru
ދުނިޔޭގެ އެންމެ މުއްސަނދި މީހާ ޖައްވަށް ދަނީ

ދުނިޔޭގެ އެންމެ މުއްސަނދި މީހާ ޖައްވަށް ދަނީ

08 ޖޫން 2021

ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު، އެމެޒޯން ކުންފުނީގެ ވެރިޔާ ޖެފް ބެޒޯސް އަންނަ މަހު ޖައްވީ ދަތުރަކަށް ވަޑައިގަންނަނަވަން ނިންމަވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު، އެމެޒޯން ކުންފުނީގެ ވެރިޔާ ޖެފް ބެޒޯސް އަންނަ މަހު ޖައްވީ ދަތުރަކަށް ވަޑައިގަންނަނަވަން ނިންމަވައިފި އެވެ.

އުމުރުން 57 އަހަރުގެ މަހުޖަނުގެ މި ދަތުރަކީ ޖައްވީ ޓޫރިމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އޭނާގެ ކުންފުނި ބްލޫ އޮރިޖިން އިން ބާއްވާ ފުރަތަމަ ދަތުރެވެ. އަންނަ މަހުގެ 20 ގައި ކުރާ ދަތުރުގައި ޖެފްއާ އެކު ކޮއްކޮ މާކް ބެޒޯސް، 53، ވެސް ބައިވެރިވާނެ އެވެ.

މި ވާހަކަ އިންސްޓަގްރާމް ހިއްސާކުރައްވައި ޖެފް ވިދާޅުވީ އުމުރުން އެންމެ ފަސް އަހަރުން ފެށިގެން ވެސް އެންމެ ބޮޑަށް ދެކެވަޑައިގަންނަވާ ހުވަފެނަކީ ޖައްވަށް ދިއުން ކަމަށެވެ.

"މި ދަތުރު އޮންނާނީ އަންނަ މަހުގެ ވިހީގައި. އަދި މިއީ އަހަންނާއި އަހަރެންގެ ބެސްޓްފްރެންޑް [ކޮއްކޮ] ގެ އެންމެ ބޮޑު އެޑްވެންޗާ،" އޭނާ ވިދާޅުވި އެވެ.

ޖައްވީ ދަތުރަކަށް ބްލޫ އޮރިޖިން އިން ބަނދެފައިވާ ހަ މީހުންގެ ޖާގައިގެ "ނިއު ޝެފަޑް" ކިޔާ އުޅަނދު ޖައްވަށް ކުރާ ފުރަތަމަ ދަތުރުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރޔު ދުނިޔޭގެ އޯބިޓްގެ ތެރޭގައި 11 މިނިޓްގެ ބުރެއް ޖަހާނެ އެވެ. އެއީ ދުނިޔެ އަށް ވުރެ 60 މޭލު ދުރުންނެވެ. "ނިއު ޝެފަޑް" އަކީ ރޮކެޓް ފަރުމާ އަށް ހަދާފައިވާ 60 ފޫޓް ދިގު އެއްޗެކެވެ.

މި ދަތުރުގެ ވާހަކަ މެއި މަހުގެ ކުރީކޮޅު އިއުލާންކުރި އިރު ހަ މީހުންގެ ޖާގައިގެ އުޅަނދުގައި ކުރާ ދަތުރުގެ އެއް ސީޓް ނީލަން އުސޫލުން ވިއްކައިލަން ވެސް ހުޅުވައިލި އެވެ. އެ ސީޓަށް ބިޑްކުރަން ތިން ހަފުތާގެ މުއްދަތެއް އޭރު ދީފައިވާ އިރު ހޯމަ ދުވަހާ ހަމައަށް ވަނީ 2.8 މިލިއަން ޑޮލަރުގެ އަގެއް ހުށަހަޅައިފަ އެވެ.

ބްލޫ އޮރިޖިންގެ ފުރަތަމަ ދަތުރު ޖުލައި 20 ގައި ބޭއްވުމަށް ފަހު، އަހަރުގެ ފަހުކޮޅު އިތުރު ދަތުރުތަކެއް ބާއްވަން ވެސް ވަނީ ނިންމައިފަ އެވެ. އެކަމަކު ދަތުރުތަކަށް ނަގާނެ އަގުތަކެއް ހާމައެއްނުކުރެ އެވެ.

ބްލޫ އޮރިޖިން އިން ބުނެފައިވާ ގޮތުގައި އަގު ކަނޑައަޅާނީ ނީލަމުގައި ވިއްކާ ސީޓަށް އެންމެ ފަހު ވަގުތާ ހަމައަށް ލިބޭ އަގަށް ބަލައިފަ އެވެ.

ޖެފް ޖައްވީ ދަތުރަކަށް ނުކުންނަވަން ނިންމެވި އިރު އެމެޒޯން ކުންފުނީގެ ސީއީއޯގެ މަގާމު އަންނަ މަހުގެ 1 ގައި ދޫކޮށްލައްވާނެ އެވެ. އެ މަގާމު ދޫކޮށްލައްވާކަން އިއުލާންކުރެއްވީ މި އަހަރުގެ ފެބްރުއަރީގަ އެވެ.

ޖެފްގެ މިލްކިއްޔާތު 186.2 ބިލިއަން ޑޮލަރަށް އަރަ އެވެ.