Roadha Mihaaru
ޖެފް ބެޒޮސް ކުންފުނިން ޖައްވީ ޕާކަކަށް ތައްޔާރު ވަނީ

ޖެފް ބެޒޮސް ކުންފުުނިން ޖައްވީ ޕާކެއް ހަދަން ތައްޔާރު ވަނީ

27 އޮކްޓޯބަރ 2021

އެމެރިކާގެ މަހުޖަނު ޖެފް ބެޒޮސްގެ ކުންފުނި، ބްލޫ އޮރިޖިނުން ވިޔަފާރި އުސޫލުން ޖައްވަށް މީހުން ގެންދަން ކުރާ މަސައްކަތުގެ ތެރެއިން ސްޕޭސް ޓޫރިޒަމަށް ހާއްސަ ކޮށްގެން ކުންފުނީގެ އަމިއްލަ ޖައްވީ ސްޓޭޝަނެއް ނުވަތަ ޕާކެއް ހަދަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ މަހުޖަނު ޖެފް ބެޒޮސްގެ ކުންފުނި، ބްލޫ އޮރިޖިނުން ވިޔަފާރި އުސޫލުން ޖައްވަށް މީހުން ގެންދަން ކުރާ މަސައްކަތުގެ ތެރެއިން ސްޕޭސް ޓޫރިޒަމަށް ހާއްސަ ކޮށްގެން ކުންފުނީގެ އަމިއްލަ ޖައްވީ ސްޓޭޝަނެއް ނުވަތަ ޕާކެއް ހަދަން ނިންމައިފި އެވެ.

މިކަން އެ ކުންފުނިން ހޯމަ ދުވަހު އިއުލާންކޮށް ބުނީ ޓޫރިސްޓުންގެ ގޮތުގައި ޖައްވާ ދާ މީހުންނަށް ހާއްސަ ފެސިލިޓީތަކާ އެކު ގާއިމުކުރާ ސްޓޭޝަންގެ ނަމަކީ "އޯބިޓަލް ރީފް" ކަމަށެވެ. ބްލޫ އޮރިޖިނުން އެ ސިފަކޮށްގައި ވަނީ "މިކްސްޑް-ޔޫޒް ބިޒްނެސް ޕާކް" އެއްގެ ގޮތުގަ އެވެ.

އެ ކުންފުނިން ބުނި ގޮތުގައި ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ޖައްވީ ސްޓޭޝަން ހަގީގަތަކަށް ވާނެ އެވެ. ބައްތަރީސް ހާސް އަކަފޫޓްގެ އަދި 10 މީހުންގެ ޖާގަ ހުންނާނެ މި ސްޓޭޝަނަކީ ޖައްވުގައި ތަފާތު ވިޔަފާރިތަކަށް ހުޅުވޭނެ ވަރަށް ފަހި ފުރުސަތެއް ކަމަށް ބްލޫ އޮރިޖިނުން ބުންޏެވެ.

އޭގެ ތެރޭގައި ޖައްވީ ހޮޓަލާއި ޖައްވުގައި ފިލްމު ޝޫޓް ކުރުމުގެ ފުރުސަތުތަކަކާއި އެކިއެކި ރިސާޗްތަކުގެ މަސައްކަތްތަކަށް "އޯބިޓަލް ރީފް" ސަބަބުން ފަސޭހަ ދޮރުތަކެއް ހުޅުވުގެން ދާނެ އެވެ.

ބްލޫ އޮރިޖިނުން މި މަސައްކަތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ސިއެރާ ސްޕޭސް އާއި ބޮއިންއާ ގުޅިގެންނެވެ. ނަމަވެސް "އޯބިޓަލް ރީފް" އަށް ހަރަދުވާނެ ވަރެއް ހާމައެއް ނުކުރެ އެވެ. އެކަމަކު ފާހަގަ ކޮށްލެވޭ ކަމަކީ ބްލޫ އޮރިޖިން އިން ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކަށް އަހަރަކަށް ބިލިއަން ޑޮލަރު ހޭދަކުރަން ބެޒޮސް ނިންމާފައި އޮތްކަމެވެ.

ސްޕޭސް ޓޫރިޒަމަށް ބްލޫ އޮރިޖިނުން ފަށާފައިވާ މަސައްކަތުގެ ތެރެއިން މިދިޔަ ޖުލައި މަހުގެ 20 ގައި ވަނީ ފުރަތަމަ ފަހަރަށް ކުންފުނީގެ ޖައްވީ އުޅަނދު "ނިއު ޝެފަޑް" ގައި ދަތުރެއް ވެސް ބާއްވައިފަ އެވެ. އަދި މި މަހުގެ 12 ވަނަ ދުވަހު ދެވަނަ ދަތުރެއް ކޮށްފައިވެ އެވެ.

ކުރިއަށް ދެން އޮތީ ވިޔަފާރި އުސޫލުން އެކަން ކުރުމެވެ.