Roadha Mihaaru
އަހަރު ނިމޭއިރު 2019ގެ އިގްތިސާދީ ހާލަތަށް ދެވޭނެ

އަހަރު ނިމޭއިރު 2019 ގެ އިގްތިސާދީ ހާލަތަށް ދެވޭނެ: އަމީރު

23 ޖޫން 2021

ރާއްޖޭގެ އިގްތިސާދު 2019 ވަނަ އަހަރު އޮތް ހާލަތަށް، މި އަހަރު ނިމޭއިރު އަނބުރާ ރުޖޫއަ ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގެ އިގްތިސާދު 2019 ވަނަ އަހަރު އޮތް ހާލަތަށް، މި އަހަރު ނިމޭއިރު އަނބުރާ ރުޖޫއަ ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 ގެ މި ދަތި ހާލަތުން އަރައިގަތުމަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ސްޓިމިއުލަސް ލޯނު ޕެކޭޖު ތައާރަފު ކުރައްވައި އަމީރު ވިދާޅުވީ، އޭގެ ބޭނުމަކީ ރާއްޖޭގެ އިގްތިސާދު އަލުން އިޔާދަ ކުރުމަށް ބާރު އެޅުން ކަމަށެވެ. އެގޮތުން 2019 ގައި އިގްތިސާދު އޮތް ހާލަތަށް ރުޖޫއަ ކުރުމަށް ކުރެވެން ހުރި ހުރިހާ ހަރަދެއް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ދުވެލި މިހާރު އޮތް ހާލަތަށް ބަލައި މި އަހަރު ނިމޭއިރު އިގްތިސާދު 18 ޕަސެންޓު ކުރިއަރާނެ ކަމަށެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ވެސް ލަފާ ކޮށްފައިވާ ގޮތުގައި މި އަހަރު ނިމޭއިރު ރާއްޖޭގެ އިގްތިސާދު 18 ޕަސެންޓު ކުރިއަރާނެ އެވެ.

"ސަރުކާރުގެ އަމާޒަކީ 2019 ވަނަ އަހަރު، ކޮވިޑް-19 އައުމުގެ ކުރިން އޮތް އިގްތިސާދަށް ވާސިލުވުމަށް ކުރަން ޖެހޭ ހުރިހާ ހަރަދެއް ކުރަމުން ގެންދިއުން. އަޅުގަނޑުމެންނަށް ލަފާކުރެވޭ ގޮތުގައި މި އަހަރު ނިމޭއިރު އެ ހިސާބަށް ވާސިލު ވެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮވިޑް-19އާ ގުޅިގެން މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދަށް ވަނީ ވަރަށް ބޮޑު އަސަރެއް ކޮށްފަ އެވެ. އިގްތިސާދު 34 ޕަސެންޓު ދަށްވެފައިވާއިރު ލަފާކުރި އާމްދަނީ ވެސް ވަނީ 15 ބިލިއަން ރުފިޔާ އަށް ދަށް ވެފަ އެވެ.

އިގްތިސާދު ކުރިއަރުވަން ވިޔަފާރިތަކަށާއި އާއްމުންނަށް އެހީވުމުގެ ގޮތުން ކޮވިޑް-19ގެ ހާލަތުގައި ސަރުކާރުން ވަނީ މިހާތަނަށް 1.7 ބިލިއަން ރުފިޔާގެ ރިލީފް ލޯނުތައް ދޫކޮށްފަ އެވެ. މިއީ ވީހާ ވެސް އަވަހަކަށް އިގްތިސާދީ ކާރިސާ އިން އަރައިގަނެ 2019 ގައި އޮތް އިގްތިސާދީ ހާލަތަށް ރުޖޫއަ ވާން މަގުފަހިކުރުމުގެ ގޮތުން ދޫކުރި ލޯނުތައް ކަމަށް އަމީރު ވިދާޅުވި އެވެ.