Roadha Mihaaru
ކުރީ ސަރުކާރުގެ ބޮންޑަކީ ފައިސާ މެނޭޖްކުރަން ހުރަހެއް

ކުރީ ސަރުކާރުން ނެގި ބޮންޑާ ހެދި ފައިސާ މެނޭޖްކުރަން އުނދަގޫ: އަމީރު

22 އެޕްރީލް 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2017 ވަނަ އަހަރު ނެގި ސޮވެރިން ބޮންޑު އަނބުރާ ދެއްކުމަށްޓަކައި ފައިސާތައް ދައްކަމުން ދިއުމަކީ މި ވަގުތު ފައިސާ މެނޭޖުކުރުމަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ހުރަހެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2017 ވަނަ އަހަރު ނެގި ސޮވެރިން ބޮންޑު އަނބުރާ ދެއްކުމަށްޓަކައި ފައިސާތައް ދައްކަމުން ދިއުމަކީ މި ވަގުތު ފައިސާ މެނޭޖުކުރުމަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ހުރަހެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި އަމީރު ވިދާޅުވީ ސަރުކާރުން ވިއްކި ސުކޫކުން ލިބުނު 191 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) ދައްކަން ޖެހުނީ ސަރުކާރުން އެންމެ ފުރަތަމަ ނެގި ސޮވެރިން ބޮންޑުގެ ދަރަނި އަދާކުރަން ކަމަށެވެ. އެއީ 2017 ވަނަ އަހަރު އެވެ.

"ސަނީ ސައިޑް" ގެ ނަމުގައި 2017 ވަނަ އަހަރު ޔާމީންގެ ސަރުކާރުން 200 މިލިއަން ޑޮލަރުގެ ސޮވެރިން ބޮންޑެއް ވިއްކި އެވެ. އެއީ ބޭރުގެ މާކެޓަށް ރާއްޖެއިން ވިއްކި ފުރަތަމަ ބޮންޑެވެ. އޭރު މި ބޮންޑު ވިއްކީ ފަސް އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށެވެ.

"2022 ގައި ޑިއުވާ 250 މިލިއަން ޑޮލަރު (3 ބިލިއަން ރުފިޔާ) އެބައިން. އެއީ އެއްފަހަރާ ދައްކަން ޖެހޭ ބުލެޓް ޕޭމެންޓެއް. އެއީ [އެލިފެންޓް އިން ދަ ރޫމް]. އެއާ ހެދި އަސްލު ހަގީގަތުގައި ލިކުއިޑިޓީ މެނޭޖްމެންޓަށް ވަރަށް ބޮޑު އަސަރުތަކެއް ކުރޭ. އިންވެސްޓަރުންނަށް ވެސް މި ހާލަތުގައި ޔަގީން ކަމެއް ނެތް 2022 ވަނަ އަހަރަށް ދާ އިރު އެ ޕޭ ކުރެވޭނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.

އަމީރު ވިދާޅުުވީ، ދަރަނި އަދާކުރަން އެ ފައިސާ ދެއްކުމާ އެކު، މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭ ދައުލަތުގެ ދަރަންޏަށް ކޮންމެވެސް ވަރެއްގެ ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. މި ފައިސާ ދެއްކުމުން އަންނަ އަހަރު ބާކީ ދައްކަން ޖެހޭނީ 58 މިލިއަން ޑޮލަރު (890 މިލިއަން ރުފިޔާ) އެވެ.

"ދެން އަޅުގަނޑުމެން މާކެޓަށް ދަންޏާމު އަޅުގަނޑުމެންގެ ރޭޓިން ވެސް ރަނގަޅު ވެގެންދާނެ. މިހާރު މޫޑީސްގެ އެންމެ ފަހުގެ ރިޕޯޓުގައި ވެސް އެބައޮތް އިމީޑިއެޓް ލިކުއިޑިޓީ ރިސްކެއް ނެތް ކަމަށް،" އޭނާ ވިދާޅުވި އެވެ.

އަމީރު ވިދާޅުވިގޮތުގައި، ދެން އަންނަ ރޭޓިން ރިވިއުއެއްގައި މޫޑީސްގެ ރޭޓިން ވެސް ރަނގަޅުވާނެ އެވެ.

މިދިޔަ އަހަރު ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އިގްތިސާދު ހީނަރުވެ ރާއްޖޭގެ މޫޑީސް ރޭޓިން ވަނީ ބީ-2 އިން ބީ-3 އަށް ވެއްޓިފަ އެވެ.