Roadha Mihaaru
އެޕޯލޯއިން އަޅާ 1،000 ފްލެޓްގެ މަސައްކަތް ފަށައިފި

އެޕޯލޯއިން ހުޅުމާލޭގައި އަޅާ 1،000 ހައުސިން ޔުނިޓުގެ މަސައްކަތް ފަށައިފި

15 ޖޫން 2021

ހުޅުމާލޭގައި އެޕޯލޯ ހޯލްޑިން އިން އިމާރާތްކުރާ 1،000 ހައުސިން ޔުނިޓުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލޭގައި އެޕޯލޯ ހޯލްޑިން އިން އިމާރާތްކުރާ 1،000 ހައުސިން ޔުނިޓުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

އެ މަޝްރޫއުގެ ތެރޭގައި ހިމެނެނީ ކައުންސިލް ހައުސިން އާއި އެފޯޑަބަލް ހައުސިން އަދި މިޑް ރޭންޖުގެ ހައުސިން ޔުނިޓްތަކެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން ނުވަ ޓަވަރުގައި 1،000 ފްލެޓް އެޅުމަށް ހަމަޖެހިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ކައުންސިލް ހައުސިންގެ 120 ޔުނިޓާއި އެފޯޑަބަލް ހައުސިންގެ 220 އަދި މިޑްރޭންޖް ހައުސިންގެ 660 ޔުނިޓެވެ.

ކައުންސިލް ހައުސިންގެ ދަށުން ތަރައްގީކުރާނީ ދެ ކޮޓަރީގެ 650 އަކަފޫޓުގެ ފްލެޓްތަކާއި ތިން ކޮޓަރީގެ 800 އަކަފޫޓުގެ ފްލެޓެވެ. އަދި އެފޯޑަބަލް ހައުސިންގައި ހިމެނެނީ ދެ ކޮޓަރީގެ 650 އަކަފޫޓާއި ތިން ކޮޓަރީގެ 900 އަކަފޫޓެވެ. މިޑްރޭންޖަކީ ދެ ކޮޓަރީގެ 750 އަކަފޫޓުގެ ފްލެޓާއި ތިން ކޮޓަރީގެ 1000 އަކަފޫޓުގެ ފްލެޓް ހިމެނޭ ކެޓަގަރީ އެކެވެ.

އެ ހައުސިން ޔުނިޓްތައް އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ، އެ މަޝްރޫއުއަކީ ދިވެހި އަމިއްލަ ކުންފުންޏަކުން ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށެވެ.

ސުހައިލް ވިދާޅުވީ، މި މަޝްރޫއުގެ ދަށުން ބޯހިޔާވަހިކަމަށް ބޭނުން ޖެހިފައިވާ މީހުންނަށް ހެޔޮ އަގުގައި ފެންވަރު ރަނގަޅު ބޯހިޔާވަހިކަމެއް ލިބޭނެ ކަމަށެވެ.

"މީގެ ކުރިން ތަރައްގީކުރެވުނު ހައުސިން ޔުނިޓްތަކަށް ވުރެ މި މަޝްރޫއުގެ ދަށުން އަޅާ ތަންތަން ޖާގައިގެ ގޮތުން ތަނަވަސްވާނެ. އަދި ކޮންމެހެން ބޭނުންވާ ހުރިހާ ހިދުމަތްތަކާ އެކު ގާއިމުކުރެވޭ ޒަމާނީ ހައުސިން ޔުނިޓްތަކެއް. މި މަޝްރޫއުގެ ދަށުން ބޯހިޔާވަހިކަން ލިބޭ މީހުންނަށް އާއިލާއާ އެކު އުފާވެރިކަމާ އެކު ދިރިއުޅެވޭނެ،" ސުހައިލް ވިދާޅުވި އެވެ.

އެ ފްލެޓްތަކުގެ ކޮންސެޕްޓް ޑިޒައިންކޮށް އިމާރާތްކުރުމާއި ފައިނޭންސިން ކުރިއަށް ގެންދާނީ ވެސް އެޕޯލޯ ކުންފުނިންނެވެ.

އެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަށް ލުޔެއް ހޯދުމަށް ދިވެހި ކުންފުންޏަކުން ކުރިމަތިލުމުން އުފާވާ ކަމަށެވެ.

އެ މަޝްރޫއަކީ ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެން ލޯނު ނަގައިގެން ކުރިއަށް ގެންދާ މަޝްރޫއެެއް ނޫނެވެ.

"އާންމުގޮތެއްގައި ސަރުކާރުން ހިންގަމުން ގެންދާ ހައުސިން ޕްރޮގްރާމުތައް ހިންގާފައި ހުރީ އަދި ހިންގަމުން ގެންދަނީ ވެސް ބޭރުގެ ކޮންމެވެސް ބޭންކަކުން ލޯނެއް ނަގައިގެން، ސޮވެރިން ގެރެންޓީއެއް ހޯދައިގެން. އެ ގެރެންޓީގެ ދަށުން ލިބޭ ލާރި ކޮންޓްރެކްޓަރަކަށް ހަވާލުކޮށްގެން. އެހެންވީމަ ކޮންޓްރެކްޓަކަށް ނެތް އެއްވެސް ކަހަލަ ރިސްކެއް،" އަސްލަމް ވިދާޅުވި އެވެ.

އެކަމަކު މި މަޝްރޫއުއަށް ފަންޑުކުރަނީ އެޕޯލޯ އިންނެވެ. އެ ކުންފުންޏަށް ކައުންސިލް ހައުސިން އާއި އެފޯޑަބަލް ހައުސިން ކެޓަގަރީން ސަރުކާރުން ބައިބެކް ގެރެންޓީއެއް ދީގެން ކުރިއަށް ގެންދާއިރު އޭގެ ދަށުން، އެ ފްލެޓްތައް އެޅުމުން އެތަންތަން ގަންނާނެ މީހުން ހޯދައިދިނުމުގެ ޔަގީންކަން ސަރުކާރުން ދީފައިވެ އެވެ. އެހެންކަމުން، މިޑް އިންކަމް ރޭންޖުގައި ހިމެނޭ އާއިލާތަކަށް ގަނެވޭވަރުގެ އަގެއްގައި ފްލެޓްތަކުގެ އަގު ހިފެހެއްޓޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"ސަރުކާރުން ދިނީ މީގެ ތެރެއިން، މި މަޝްރޫއުގައި ހިމެނޭ ކައުންސިލް ހައުސިން، އެފޯޑަބަލް ހައުސިން، މިޑް އިންކަމް ހައުސިން. އޭގެ ތެރެއިން ކައުންސިލް ހައުސިން އާއި އެފޯޑަބަލް ހައުސިން ސަރުކާރުން ބައި ބެކް ގެރެންޓީއެއް ދިނީ" އަސްލަމް ވިދާޅުވި އެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން އެ މަޝްރޫއުގެ މަސައްކަތް ފެށުން ލަސްވި ނަމަވެސް ހުއްޓުމެއް ނެތި މަސައްކަތް ކުރިއަށްދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"އެއްވެސް ހާލަތެއްގައި ގަލެއް ބައިންދާލާ ގޮތަށް ކަމެއް ކުރުމުގެ ނިޔަތް ނެތީމަ، ހަގީގަތުގައި ވެސް މަަސައްކަތް ލަސްވި ނަމަވެސް އަޅުގަނޑަށް ފާޑުކިޔުން ކުރިމަތިވި ނަމަވެސް އަޅުގަނޑު އިންތިޒާރުކުރީ މި ހިސާބަށް އަންނަން،" އަސްލަމް ވިދާޅުވި އެވެ.