Roadha Mihaaru
"ގެދޮރުވެރިޔާ" ލޯނު ދިނުމަށް 170 މިލިއަން ރުފިޔާ!

"ގެދޮރުވެރިޔާ" ލޯން ދިނުމަށް ކަނޑައަޅާފައި ވަނީ 170 މިލިއަން ރުފިޔާ!

17 ޖޫން 2021

މި ސަރުކާރުގެ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން ރަށްރަށުގެ މީހުންނަށް ގެދޮރު އެޅުމަށް ދޫކުރާ "ގެދޮރުވެރިޔާ ލޯން" ގެ އިނީޝިއަލް ފަންޑަށް 170 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި ސަރުކާރުގެ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން ރަށްރަށުގެ މީހުންނަށް ގެދޮރު އެޅުމަށް ދޫކުރާ "ގެދޮރުވެރިޔާ ލޯން" ގެ އިނީޝިއަލް ފަންޑަށް 170 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މި ސްކީމްގެ ދަށުން، ކަނޑައަޅާފައިވާ އެންމެ މަތީ އަދަދު، 700،000ރ. އިން ލޯނު ދޭ ނަމަ، 242 މީހަކަށް ލޯނު ދެވޭނެ އެވެ. މި ލޯނު ގިނަވެގެން 500،000ރ. އާއި 700،000ރ. ދެމެދުގެ އަދަދަކުން ދޭން ވަނީ ނިންމައިފަ އެވެ.

"މިހާރު" އަށް ރޭ ދެއްވި އިންޓަވިއުއެއްގައި އަސްލަމް ވިދާޅުވީ ލޯނު ދިނުމަށް ކަނޑައަޅާފައިވާ 170 މިލިއަން ރުފިޔާ އަށް ވުރެ ގިނައިން ލޯނު ނަގަން މީހުން ޝައުގުވެރި ވެއްޖެ ނަމަ، މި ފަންޑަށް ފައިސާ އިތުރު ކުރައްވާނެ ކަމަށެވެ. މި ފަންޑު މެނޭޖުކުރަނީ އެޗްޑީއެފްސީންނެވެ.

"މިއީ އަބަދު ވެސް ގްރޯވަމުން [ފައިސާ އިތުރުވަމުން] ދާނެ ފަންޑެއް. ޕްލޭނަކީ ލޯނު ނަގާވަރު އިތުރުވަމުން އަންނަ ވަރަކަށް މި ފަންޑަށް ފައިސާ ވެސް އިތުރުކުރަމުން ދިއުން،" ވިސްނަވަނީ ދެމެހެއްޓެނިވި ގޮތެއްގައި މި ލޯނު ދޫކުރަމުން ދިއުމަށް ކަމަށް އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ 700،000ރ. އިން ރަށެއްގައި ދޭއް ނުވަތަ ތިން ކޮޓަރީގެ ގެއެއް އިމާރާތްކުރެވިދާނެ ކަމަށެވެ. ނަމަވެސް އެއީ އަމިއްލަ އަށް ނުވަތަ ރަށުގެ ކޮންޓްރެކްޓަރަކާ ހަވާލުކޮށްގެން އެ މަސައްކަތް ކުރާ ނަމަ އެވެ. މާލެ އިން ކޮންޓްރެކްޓަރެއް ގެންގޮސް މަސައްކަތް ކުރުވާ ނަމަ ހަރަދު އެއަށް ވުރެ ބޮޑު ވެދާނެ ކަމަށް މިނިސްޓަރު ވެސް ގަބޫލުކުރައްވަ އެވެ.

"އަމިއްލަ އަށް މަސައްކަތް ކުރާ ނަމަ، ހުސް ބިމަކުން ވެސް ގެއެއް ނެގިދާނެ 700،000ރ. އަށް،" އަސްލަމް ވިދާޅުވި އެވެ.

މި ލޯނު ސްކީމަށް ކަނޑައަޅާފައިވާ ހަ ޕަސެންޓުގެ އިންޓަރެސްޓް ރޭޓަކީ ބޭންކުތަކާ އަޅާ ބަލާއިރު ނިސްބަތުން ކުޑަ އަދަދެއް ކަމަށް ވިދާޅުވެ އަސްލަމް ހިސާބު ޖެއްސެވީ 700،000ރ. ގެ ލޯނެއް ނަގާ ނަމަ އިންޓަރެސްޓަށް އަރާނެ އަދަދުތަކެވެ. އޭރުން މަހަކު ދައްކަން ޖެހޭނީ 5،015ރ. ކަމަށާއި އަދި އޭގެން އިންޓަރެސްޓުގެ ގޮތުގައި ދައްކާނީ މަހަކު 2،019ރ. އެވެ. އަދި 20 އަހަރުން ލޯނު ދައްކާ ނަމަ މުޅި ޖުމްލަ 1.2 މިލިއަން އަނބުރާ ދައްކަން ޖެހޭނެ އެވެ.

ގެދޮރުވެރިޔާ ލޯނު ސްކީމްގައި ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތުތަކާއި މަހަކު ދައްކަންޖެހޭ އަދަދު.

ގެދޮރުވެރިޔާ ލޯނު ސްކީމްގައި ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތުތަކާއި މަހަކު ދައްކަންޖެހޭ އަދަދު.

"ލޯނު އަނބުރާ ދައްކަން ހޭދަކުރާ މުއްދަތު [އަހަރު] މަދު ކުރާ ނަމަ އިންޓަރެސްޓްގެ ގޮތުގައި ދައްކަންޖެހޭ އަދަދު ވެސް ކުޑަވެގެންދާނެ."

އެހެންވެ މިއީ ރަނގަޅު އިންޓަރެސްޓް ރޭޓެއް ކަމަށް އަސްލަމް ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީ އާއި އެޗްޑީއެފްސީން ގުޅިގެން ދޫކުރާ މި ލޯނަށް ޝަރުތު ހަމަވަނީ، ލޯނަށް އެދޭ ފަރާތުގެ ނަމުގައި އެހެން ބިމެއް ރަޖިސްޓްރީ ވެފައި ނެތުމާއި ބިން ރަޖިސްޓްރީ ވެފައިވާ ރަށުގެ ރަށްވެއްސަކަށް ވުމާއި ރަށްވެހި ވެފައިވާ ރަށުގައި ލޯނަށް އެދޭ ފަރާތް ނުވަތަ އެ މީހެއްގެ އާއިލާ ދިރިއުޅޭތާ މަދުވެގެން ތިން އަހަރުވެފައިވާ މީހުންނަށެވެ.

އެޗްޑީއެފްސީން މިހާރު ވަނީ މި ލޯން ސްކީމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ އަދި މި އަހަރު ފަހުކޮޅު ލޯނު ދޫކުރަން ފަށާނެ އެވެ. މި ފޯމުތައް ބަލައިގަންނަނީ ޕްލޭނިން މިނިސްޓްރީ އާއި އެޗްޑީއެފްސީ ގުޅިގެން އެކުލަވާލައިފައިވާ ޖޮއިންޓް ކްރެޑިޓް ކޮމިޓީއަކުންނެވެ.