Roadha Mihaaru
"ވެށިފަހި މާލެ ލިޔުންތައް ސަރުކާރުން ފެންނާކަށް ނެތް"

ވެށިފަހި މާލެ މަޝްރޫއުގެ ލިޔުންތައް ފެންނާކަށް ނެތް: އަސްލަމް

15 ޖުލައި 2020

ވެށިފަހި މާލެ މަޝްރޫއުގެ ދަށުން ދޭން ނިންމި ފްލެޓާއި ގޯތީގެ ލިޔެކިޔުންތައް ސަރުކާރުގެ އިދާރާތަކުން ފެންނަން ނެތް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވެށިފަހި މާލެ މަޝްރޫއުގެ ދަށުން ދޭން ނިންމި ފްލެޓާއި ގޯތީގެ ލިޔެކިޔުންތައް ސަރުކާރުގެ އިދާރާތަކުން ފެންނަން ނެތް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ވެރިކަމުގައި 2010 ގައި އިއުލާންކުރި ވެށިފަހި މާލެ މަޝްރޫއުގެ ދަށުން މާލެ އިން ދޫކޮށްލާ ގޯތީގެ ބަދަލުގައި ހުޅުމާލެ އިން ގޯތި ނުވަތަ ފްލެޓު ދޭން ނިންމި އެވެ. އޭރު ބިން ލިބޭނެ ކަމަށް ލިޔުން ދީފައިވާ މީހުން، އެ ލިޔުންތައް ޕްލޭނިން މިނިސްޓްރީ އަށް ހުށަހަޅަން އެ މިނިސްޓްރީން އޮތީ ފުރުސަތު ހުޅުވާލައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ވެށިފަހި މާލެ މަޝްރޫއާ ގުޅޭގޮތުން މެމްބަރަކު ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، ބިން ނުވަތަ ފްލެޓު ލިބޭނެ ކަމުގެ ލިޔުން ލިބިފައިވާ މީހުންނަށް، އެކަން ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށެވެ. އެ ލިޔުން ގެއްލިއްޖެ ކަމަށް، ބައެއް މީހުން ބުނަމުންދާ ކަމައި އެކަމަކު އެ މަޝްރޫއުގެ ލިޔުންތައް ސަރުކާރުގައި މިހާރު ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ވެށިފަހި މާލޭގެ ލިޔުންތައް ދައުލަތުގެ ތެރޭގައި ހުރީ ކޮންތާކު ކަން އެނގޭ މީހަކު ނެތް. މި ދިވެހިރާއްޖޭގެ ސަރުކާރު ބަދަލުވެގެން ދާއިރު، އެއް ސަރުކާރުން ކޮށްފައި ހުންނަ ކަންކަން އަނެއް ސަރުކާރުން ގެއްލުވާލައި، އެ އެއްޗެއްސަށް ހަދާ ގޮތް. އެކަން ނުވާނެ ގޮތެއް އެބަޖެހޭ ހޯދަން،" ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެށިފަހި މާލެ މަޝްރޫއު ހިންގިއިރު ވެސް ހައުސިން މިނިސްޓަރު ކަން ކުރެއްވި އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި، ސަރުކާރުގައި އޭގެ ލިޔުންތައް ފެންނަން ނެތަސް، ސައްހަ ނޫން ލިޔުމެއް ހިފައިގެން ގޮސް ފްލެޓުތައް ހޯދުމުގެ ފުރުސަތެއް ނުދޭނެ އެވެ. އޭގެ ބަދަލުގައި ހައުސިން މިނިސްޓްރީ އަށް މީސްމީހުން ގެންދާ ލިޔުންތަކުގެ ސައްހަކަން ބަލާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. އެކަމަކު ލިޔުމެއް ނެތީސް، ކުރެވޭނެ ކަމެއް އެއްވެސް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑާ ހަމައަށް އެބަ އާދޭ ތިމަންނަ އަށް ލިޔުން ލިބުނޭ، ލިޔުން ގެއްލިއްޖެއޭ. ވަރަށް ހިތާމައާ އެކު ދަންނަވަން އަޅުގަނޑަށް ވެރިފައި ކުރެވެން ނެތް ކަމެއްގައި އަޅުގަނޑު ކުރާނެ ކަމެއް ނޯންނާނެ،" އަސްލަމް ވިދާޅުވި އެވެ.

"ވެށިފަހި މާލޭގެ ލިޔުންތައް ދައުލަތުގެ ތެރޭގައި ހުރީ ކޮންތާކު ކަން އެނގޭ މީހަކު ނެތް. މި ދިވެހިރާއްޖޭގެ ސަރުކާރު ބަދަލުވެގެން ދާއިރު، އެއް ސަރުކާރުން ކޮށްފައި ހުންނަ ކަންކަން އަނެއް ސަރުކާރުން ގެއްލުވާލައި، އެ އެއްޗެއްސަށް ހަދާ ގޮތް. އެކަން ނުވާނެ ގޮތެއް އެބަޖެހޭ ހޯދަން،"--- އަސްލަމް

އޭނާ ވިދާޅުވީ، ލިޔުންތައް ގެއްލުވައިލީ ވަކި ބަޔަކު ކަމަށް ތުހުމަތު ނުކުރައްވާ ކަމަށާއި އެއީ ކޮން ބައެއް ކަން ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެކަން ހިނގި ގޮތް ތަހުގީގު ކުރަންޖެހޭ ކަމަށާއި އެކަމަކު އެއީ ޕްލޭނިން މިނިސްޓްރީގެ ޒިންމާއެއް ނޫން ކަމަށް ވިދާޅުވި އެވެ.

ވެށިފަހި މާލޭގެ މަޝްރޫއުގެ ދަށުން ތިން ކެޓަގަރީއަކުން ބިިމާއި ފްލެޓު ދޭން ނަޝީދުގެ ސަރުކާރުގައި އިއުލާންކޮށް، އެކި މީސްމީހުންނަށް ލިޔުން ދޫކުރި އެވެ. އެމްޑީޕީގެ ވެރިކަން ނިމުމުން ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އެ މަޝްރޫއު ކުރިއަށް ގެންދިޔަ އެވެ.