Roadha Mihaaru
ކާޅަށް ދިނަސް ހައްގު ބަސް ބުނާނަން: ބިގޭ

ކާޅަށް ދިނަސް ހައްގު ބަސް ބުނުމުގައި ދެމި ހުންނާނަން: ބިގޭ

10 ޖޫން 2021

"ތުތި މަހަށް ކޮށާއި ކާޅަށް ކާން ދިނަސް" ހައްގު ބަސް ވިދާޅުވުމުގައި ދެމިހުންނަވާނެ ކަމަށް ވިދާޅުވެ، އެމްޑީޕީ މެމްބަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަށް ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ އެ ޕާޓީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ރައްދު ދެއްވައިިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

"ތުތި މަހަށް ކޮށާއި ކާޅަށް ކާން ދިނަސް" ހައްގު ބަސް ވިދާޅުވުމުގައި ދެމިހުންނަވާނެ ކަމަށް ވިދާޅުވެ، އެމްޑީޕީ މެމްބަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަށް ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ އެ ޕާޓީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ރައްދު ދެއްވައިިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ވިދާޅުވެ، ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލްގެ މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިމްތިޔާޒު ކޮމިޓީ އަށް ފޮނުއްވި މައްސަލަ އެ ކޮމިޓީން ބޭރުކޮށްލުމާ އެކު، އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ ބިގޭ އަށެވެ. އެމްޑީޕީގެ ބައެއް އިސް މެމްބަރުން ތުހުމަތު ކުރެއްވި ގޮތުގައި، އެ މައްސަލަ އިމްތިޔާޒު ކޮމިޓީން ބޭރުކޮށްލީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޅިޔަނު ބިގޭގެ އަތެއް އޮވެގެންނެވެ.

އެ ތުހުމަތުތައް ފެންމަތިވެފައި ވަނިކޮށް، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ބިގޭ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، އޭނާ އަށް ވަގަށް ގޮވައި ގައުމު "ފުނޑާލަން" މަސައްކަތް ކުރާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އޭނާގެ އަނބުރު ކަތިލަމުން ދިއުމަކީ ބަލައިގަންނަން އުނދަގޫ ކަމެއް ކަމަށެވެ.

"އަޅުގަނޑު ތުތިމަހަށް ކޮށާއި ކާޅަށް ކާން ދިނަަސް ހައްގު ބަސް ބުނުމުގައި ފަހަތަކަށް ނުޖެހޭނަން. މާތްﷲ ހައްގަށް ނަސްރު ދެއްވައި އަޅުގަނޑަށް ރައްކާތެރިކަން ދެއްވާނެ،" ބިގޭ ވިދާޅުވި އެވެ.

ބިގޭ ވިދާޅުވި ގޮތުގައި މާޒީގައި ކަންކަން ވެފައި އޮތް ގޮތުން ވެސް އޭނާއަކީ ހައްގު ބަސް ވިދާޅުވުމުގައި ފަސްޖެހިވަޑައިގަންނުވާނެ ބޭފުޅެއްކަން އެނގެން ޖެހެ އެވެ. އަދި އުމުރުގެ ބާކީ އޮތްތަނުގައި ވެސް އެގޮތުގައި ދެމިހުންނަވާނެ ކަމަށް ވިދާޅުވި އެވެ.

އަޅުގަނޑަކީ ވެސް އިސްލާހީ މަސައްކަތުގައި ފާއިތުވި 30 އަހަރު އެތައް އަނިޔާއެއް ލިބި، މުޅި ހަޔާތް ގައުމަށްޓަކައި ޖާނާއި މާލުން ގުރުބާން ކުރި އިންސާނެއް --- ބިގޭ

ބިގޭ ވިދާޅުވީ އަބުރުވެރިކަމާ އެކު ހަލާލު މަސައްކަތުން ލިބިވަޑައިގަންނަވާ ވަރަކުން، އޭނާ އުޅުއްވަނީ އުފަލުގައި ކަމަށެވެ. އެކަމަކު އަނބުރު ކަތިލާއިރު، އެ ކަމަށް ބީރު ކަންފަތެއް ދެއްވައިގެން ހުންނެވުމަކީ އުނދަގޫ ކަމެއް ކަމަށް ވިދާޅުވި އެވެ.

އިމްތިޔާޒު ކޮމިޓީން މައްސަލަ ބޭރުކޮށްލުމުގެ އަޑީގައި ހުންނެވީ ބިގޭ ކަމަށް އެންމެ ބޮޑަށް ތުހުމަތު ކުރެއްވި އެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ.

އޭނާ ތުހުމަތު ކުރައްވާފައިވާ ގޮތުގައި ނަމަ، ބިގޭ އުޅުއްވަނީ ނަޝީދަށް ދިން ޓެރަރިސްޓް ހަމަލައާ ގުޅިގެން 241 ކޮމިޓީން ކުރިއަށް ގެންދާ އިންކުއަރީ "ފަނިކޮށްލާ"ށެވެ.

"ހަމައެއްނުޖެހޭ ކޮމިޓީ އެހެން މެމްބަރުންނަށް ގުޅައިގެން ތިހެން މިކަން ފަނިކުރާކަށް. ނުކުރިޔަސް ބިގޭގެ ސަރުކާރު ދެމިއޮންނާނެ،،" އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕްގައި އީވާ ވިދާޅުވެފައި ވެ އެވެ.

އޭނާ ވަނީ، ނަޝީދު އެދިވަޑައިގެން އެހެން ކޮމިޓީއެއްގައި މަސައްކަތެއް ކުރިޔަސް ކޮންމެ ފަހަރަކު އެކަން "ގޯސް" ކުރަން ބިގޭ އުޅުއްވަނީ ކީއްވެތޯ ވިދާޅުވެ ސުވާލު އުފައްދަވައިފަ އެވެ.

"ރައީސްގެ ހާލަތަކަށް ވީ ހަމްދަރުދީގެ ޑެޑްލައިން ހަމަވީތަ؟ މާތް ކަލާކޯ މިއީ ވާ ސަރުކާރެއް،" އިމްތިޔާޒު ކޮމިޓީން ޒަމީލްގެ މައްސަލަ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޭރުކޮށްލުމާއެކު، ގައުމީ މަޖިލީހުގެ މެމްބަރުންގެ ވަޓްސްއެޕް ގުރޫޕްގައި އުފެދުނު "ހޫނުގަނޑު" ގައި އީވާ ވިދާޅުވެފައި ވެ އެވެ.

ވަކިވަކި ސިފައިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމުގެ ބަދަލުގައި ގައުމީ ދިފާއީ ބާރުން އެކަމަށް ޖަވާބުދާރީވާނެ ކަމަށް ބުނެފައިވާ ސިޓީއެއްގައި ޒަމީލް ސޮއިކުރެއްވި މައްސަލައެއް ބެލުމަށް އިމްތިޔާޒު ކޮމީޓީއަށް ފޮނުވި މައްސަލަ މިދިޔަ އާދިއްތަ ދުވަހުގެ ރޭ އެ ކޮމިޓީން ބޭރުކޮށްލުމުގެ ފަހަތުގައި ހުންނެވީ ބިގޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔެވެ. އޭގެ ތެރޭގައި ނަޝީދުގެ އާއިލާގެ ބައެއް ބޭފުޅުން ވެސް ހިމެނެ އެވެ.

އެ ބޭފުޅުން ވަނީ އެ އާއިލާގެ ބޭފުޅުން ގޮވައިގެން ދާއިރާގެ ރަށްރަށަށް ވަޑައިގެން، ކެމްޕެއިން ކުރައްވައި ހޮވުމުން، ނަޝީދުގެ "ކަރަށް" އެރީ ކަމަށް ސިފަކުރައްވައިފަ އެވެ.