Roadha Mihaaru
އިންޑަސްޓްރިއަލް ވިލެޖް ތަރައްގީކުރުން: ހިޔާލު ދެކަފި!

އިންޑަސްޓްރިއަލް ވިލެޖް: ސަރުކާރާއި ކައުންސިލުން ދެ ޑިޒައިނެއް!

09 ޖޫން 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާލޭގެ ހުޅަނގު ފަރާތުން ހިއްކި ހަތް ހެކްޓަރު ބިމުގައި އޮތް އިންޑަސްޓްރިއަލް ވިލެޖު ތަރައްގީކުރުމުގެ ވިސްނުން އޭރުގެ ސަރުކާރުން ގެންގުޅުނީ ތޮއްޖެހިފައިވާ މާލޭގެ ތެރޭގައި ހުރި ގުދަންތަކާއި ގަރާޖުތައް އަދި ވޯކްޝޮޕްތައް އެތަނަށް ބަދަލުކޮށްގެންނެވެ. ވެރިކަން ބަދަލުވިއިރު ޕްލޭން ކުރި ގޮތަށް އެކަން ކުރެވިފައެއް ނުވެ އެވެ. އެތަން މިހާރު އޮތީ ކުނިބުންޏާއި ބޭނުންނުކުރާ އުޅަނދުފަހަރު ޕާކުކޮށްފައި އޮތް "ގޮނޑެއްގެ"ގެ ގޮތުގަ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާލޭގެ ހުޅަނގު ފަރާތުން ހިއްކި ހަތް ހެކްޓަރު ބިމުގައި އޮތް އިންޑަސްޓްރިއަލް ވިލެޖު ތަރައްގީކުރުމުގެ ވިސްނުން އޭރުގެ ސަރުކާރުން ގެންގުޅުނީ ތޮއްޖެހިފައިވާ މާލޭގެ ތެރޭގައި ހުރި ގުދަންތަކާއި ގަރާޖުތައް އަދި ވޯކްޝޮޕްތައް އެތަނަށް ބަދަލުކޮށްގެންނެވެ. ވެރިކަން ބަދަލުވިއިރު ޕްލޭން ކުރި ގޮތަށް އެކަން ކުރެވިފައެއް ނުވެ އެވެ. އެތަން މިހާރު އޮތީ ކުނިބުންޏާއި ބޭނުންނުކުރާ އުޅަނދުފަހަރު ޕާކުކޮށްފައި އޮތް "ގޮނޑެއްގެ"ގެ ގޮތުގަ އެވެ.

ކުރީ ސަރުކާރުން 170 މިލިއަން ރުފިޔާ ހޭދަކޮށްގެން ހިއްކި ހަތް ހެކްޓަރުގެ އެ ބިން މި ސަރުކާރުން ބޭނުންކުރާނެ ގޮތުގެ ޕްލޭނެއް "މިހާރު" އަށް ވަނީ ލިބިފަ އެވެ. އޭގައިވާ ގޮތުން ކުރީ ސަރުކާރުގެ ޕްލޭންގައި ހިމެނޭ ގުދަންތަކާއި ގަރާޖުތަކާއި ވޯކްޝޮޕްތަކެއް އެތަނަކު ނެތެވެ. އަދި ޕްލޭނިން މިނިސްޓްްރީން ވެސް ބުނި ގޮތުގައި މި ސަރުކާރުން އެ ސަރަހައްދު ބޭނުންކުރާނީ "ކޮމިއުނިޓީ ރެކްރިއޭޝަނަލް" ސަރަހައްދެއްގެ ގޮތުގަ އެވެ.

ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވި ގޮތުގައި އިންޑަސްޓްރިއަލް ވިލެޖް ތަރައްގީކުރާނެ ގޮތުގެ ކޮންސެޕްޓް ޕްލޭން އެކުލަވާލިއިރު މައިގަނޑު ގޮތެއްގައި އިސްކަން ދީފައިވާނީ މާލެއަކީ މިހާރު ވެސް، އިޖްތިމާއީ ހަރަކާތްތަކަށް ޖާގަ މަދު ރަށަކަށް ވާތީ އެކަންތައްތަކަށް ބަލައިގެންނެވެ.

މާލެ، ހިތްފަސޭހަ ފެހި ސަރަހައްދެއްގެ ގޮތުގައި ތަރައްގީ ކުރުމާއި، މާލެ އަށް ބޭނުންވާ ޕާކިން ޖާގަ އިތުރުކުރުމަށް ޕާކިން ލޮޓްތަކެއް ގާއިމުކުރުން މި ޕްލޭންގައި ހިމެނެ އެވެ.

އެ ޕްލޭންގައިވާ ގޮތުން އެތަނުގެ އެކި ބްލޮކްތައް ވަނީ އެކި ކަންކަމަށް ބަހާލައިފަ އެވެ. އެ ޕްލޭންގައި އެ ސަރަހައްދުގެ ބްލޮކް ދޭއް އަދި ތިނެއްގައި ސެންޓްރަލް ބަސް ޓާމިނަލް އަދި ޓާމިނަލް އާ ގުޅުންހުރި ކަންތައް ހިމަނާފައިވާއިރު ބްލޮކް ނަންބަރު ހަތަރެއްގައި ޕަބްލިކް ގްރީންސްޕޭސް އެއްގެ ގޮތުގައި އާއި، ކަސްރަތު ފަދަ ހަރަކާތްތަކަށް ބޭނުންކުރެވޭ ގޮތަށް ލޭންޑްސްކޭޕް ކުރެވިފައިވާ ސަރަހައްދެއް ހިމެނެ އެވެ.

ބްލޮކް ފަހެއްގައި އާންމު ފަރާތްތަކަށް ކުޅިވަރު ކުޅެވޭނެ ސަރަހައްދުތަކެއް، ބްލޮކް ހަތެއްގައި ޕަބްލިކް ރެސްޓް ރޫމްސް، ބްލޮކް އަށެއްގައި މިހާރު ވެސް ޕެޓްރޯލް ޝެޑް ތަރައްގީ ކުރަމުންދާ ސަރަހައްދު ހިމެނެ އެވެ. އެތަނުގެ ކުރިމަތިން ލޭންޑްސްކޭޕް ކޮށްފައިވާ ސަރަހައްދެއް ހިމެނޭއިރު ބްލޮކް ނުވައެއްގައި އާންމު ފަރާތްތަކަށް ކުޅިވަރު ކުޅެވޭނެ ސަރަހައްދުތަކެއް، ބްލޮކް 10 ހެވީ ވެހިކަލް ޕާކިން ވެސް ހިމެނެ އެވެ.

"ޖުމްލަ ގޮތެއްގައި ވީހާ ވެސް ފެހިކަން ގަދަ އޯޕަން ސްޕޭސްއެއްގެ ގޮތަށް ތަރައްގީ ކުރުމަށް ބާރު އަޅާފައި ވާނީ،" މިނިސްޓްރީން ބުނެ އެވެ.

ކުރީ ސަރުކާރުގެ ހިޔާލާއި މި ސަރުކާރުގެ ހިޔާލު، އެ ސަރަހައްދު ތަރައްގީކުރުމުގައި ތަފާތު ނަމަވެސް ބޭނުމަކީ، އަސްލަމް ވިދާޅުވި ގޮތުގައި، މައިގަނޑު އެއް ކަމެކެވެ. މާލެއަކީ ހިތްފަސޭހަ، ހަމަޖެހޭ ތަނަކަށް ހަދައިދިނުމެވެ.

ޔާމީންގެ ސަރުކާރުގެ ޕްލޭން މި ސަރުކާރަށް ކަމުނުދާ ސަބަބުތައް

އިންޑަސްޓްރިއަލް ޒޯންް ތަރައްގީކުރުމަށް ޕްލޭނެއް އެކުލަވާލި ސަބަބެއްގެ ގޮތުގައި މިނިސްޓްރީންް ބުނަނީ ކުރިން ޕްލޭން ކޮށްފައިވާ ގޮތަށް އެ ސަރަހައްދު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމުގައި އެ ޕްލޭނާ އެއްގޮތަށް އެތަނުގައި އިމާރާތްތަކެއް ކުރަން ޖެހުމެވެ.

އެކަމަކު އެ ސަރަހައްދަކީ، ހުޅަނގު މޫސުމުގައި އުދަ އަރާ ސަރަހައްދަކަށް ވާތީ، އިންޑަސްޓްރިއަލް ވިލެޖްގެ ގޮތުގައި ތަރައްގީ ކުރުމަށް ބޭނުންވާ އިމާރާތްތައް އެތަނުގައި ކުރުމަކީ ދެމެހެއްޓެނިވި ގޮތެއް ކަމަށް ނުފެންނަ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އަނެއް ސަބަބަކީ މާލެ އާބަން ރީޖަން އަށް އަމާޒު ކުރެވޭ އެންމެ މުހިއްމު މަޝްރޫއުއެއްގެ ގޮތުގައި އޮތް މާލެ- ވިލިމާލެ- ގުޅިފަޅު- ތިލަފުށި ބްރިޖާ އެކު މި ރީޖަންގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު އައިސް ކުރީ ސަރުކާރުން އިންޑަސްޓްރިއަލް ވިލެޖުގައި ކުރަން ރޭވި ކަންކަން ގުޅިފަޅަށް ބަދަލުވުމެވެ. އެހެންވެ، މާލޭގައި އިތުރު އިންޑަސްޓްރިއަލް ވިލެޖެއް އޮތުމުގެ ބޭނުމެއް ނެތް ކަމަށް މިނިސްޓްރީން ދެކެ އެވެ.

މި ސަރުކާރުން އިންޑަސްޓްރިއަލް ވިލެޖް ތަރައްގީކުރާ ގޮތުގެ ޕްލޭން

މި ސަރުކާރުން އިންޑަސްޓްރިއަލް ވިލެޖް ތަރައްގީކުރާ ގޮތުގެ ޕްލޭން

މިހާރުވެސް ދިރިއުޅުމުގެ މައްސަލަތައް ގިނަ މާލެ، މި ޕްލޭނާ އެއްގޮތަށް ތަރައްގީކުރެވިއްޖެ ނަމަ އިޖުތިމާއީ މައްސަލަތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.

މޭޔަރު ވިދާޅުވަނީ ސަރުކާރުގެ ޕްލޭނަކީ ރައްޔިތުންގެ ޕްލޭން ނޫން ކަމަށް

ކުރީ ސަރުކާރުގެ ހައުސިން މިނިސްޓަރުގެ މަގާމުގައި ޑރ. މުހަންމަދު މުއިއްޒު ހުންނަވައިގެން ހެދި އިންޑަސްޓްރިއަލް ވިލެޖަށް، މާލޭގައި ހުރި ގުދަންތަކާއި ގަރާޖުތަކާއި ވޯކްޝޮޕްތައް ބަދަލުކުރަން ނިންމާފައިވާ ޕްލޭން ތަންފީޒުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ވަނީ ފަށައިފަ އެވެ.

އިންޑަސްޓްރިއަލް ވިލެޖް-- ފައިލް ފޮޓޯ: މިހާރު

އިންޑަސްޓްރިއަލް ވިލެޖް-- ފައިލް ފޮޓޯ: މިހާރު

މާލެތެރޭގައި ހުރި ގުދަންތަކާއި ގަރާޖުތަކާއި ވޯކްޝޮޕް އަދި ވަޑާންގެތަކާއި ގާއެޅުން ފަދަ ސިނާއީ މަސައްކަތް ކުރާ ތަންތަން އެކަމަށް ހާއްސަ އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރަން ސަރުކާރުގައި ދަންނަވަން ނިންމަވައި އެކަމުގެ މައުލޫމާތު އެއްކުރަން މިދިޔަ ބުރާސްފަތި ދުވަހު ސާވޭއެއް ވެސް ފަށާފައިވެ އެވެ.

މުއިއްޒު ރޭ ވިދާޅުވި ގޮތުގައި މާލޭގެ ތަރައްގީގެ މަޝްރޫއުތައް ގެންދާނީ ކައުންސިލްގެ ބައިވެރިވުމާ އެކުގަ އެވެ. އޭނާ އަދި ވިދާޅުވީ އެކަން ކުރާނީ ވެސް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ވެސް ހޯދައިގެން ކަމަށެވެ.

"އެ ޕްލޭން [މިނިސްޓްރީގެ ޕްލޭން] އަދި އަޅުގަނޑުމެންނާ ހިއްސާކޮށްފައެއް ނުވޭ. އޮތިއްޔާ ދެއްވާނެ ކަމަށް ބަލަނީ. އެތަން އަޅުގަނޑުމެން ހިއްކީ މާލޭ ތެރޭގައި ހުރި ކަމުނުދާ ތަންތަން އެތަނަށް ބަދަލުކުރުމަށް. އެކަންތައް ހާސިލުކުރެވޭނެ ގޮތަކަށް ކުރިއަށް ދާނީ،" މުއިއްޒު ވިދާޅުވި އެވެ.

"ރައްޔިތުން ހިޔާލު ހޯދައިގެންނެއް ނޫން ތި ޕްލޭން ތި އޮތީ. އެހާ ބޮޑު ބިމެއް ހިއްކައިގެން މާލޭގެ ރައްޔިތުންނަށް ފައިދާއެއް ނުވާނެ ގޮތަކަށް ކުރިއަށް ގެންދިއުމަކީ ރަނގަޅު ކަމެއް ކަމަށް ނުފެނޭ. ކައުންސިލާއި ރައްޔިތުން ބައިވެރިކޮށްގެން ފައިދާވޭތޯ އަޅުގަނޑުމެން ބަލަން ޖެހެނީ."

މޭޔަރުކަމާ ހަވާލުވެވަޑައިގެން މުއިއްޒު ވިދާޅުވި ގޮތުގައި މާލޭގެ ޓްރެފިކް މައްސަލައަށް ވެސް އޮތް ހައްލަކީ ގުދަންތަކާއި ވޯކްޝޮޕްތައް އެ ސަރަހައްދަށް ބަދަލުކުރުމެވެ. ދިރިއުޅެން ފަސޭހަ ތަނަކަށް މާލެ ހެދޭނީ ދިރިއުޅޭ ތަނެއްގައި ހުންނަން ނުޖެހޭ ތަންތަން އެހެން ތަނަކަށް ބަދަލު ކޮށްގެން ކަމުން، ހައްލަކީ އިންޑަސްޓްރިއަލް ވިލެޖް ކަމަށް ވެސް މުއިއްޒު ދެކިވަޑައިގަންނަވަ އެވެ.

އިންޑަސްޓްރިއަލް ވިލެޖްގެ ޕްލޭން ހަދައި، ކަމާ ބެހޭ ވުޒާރާ އަށް ހުށަހަޅައިގެން އެ ތަން ތަރައްގީކުރާނެ ބަޔަކު ވެސް ހޯދާނެ ކަމަށް ވެސް މުއިއްޒު ކުރިން ވަނީ ވިދާޅުވި އެވެ.