03 އޮކްޓޯބަރ 2019
ހަތަރު ފުރޮޅު ނެތް "ބާވެފައި" އޮތް ޓެކްސީއެކެވެ. ޕާކްކޮށްފައި ހުރި ގިނަ ލޮރީތަކުގައި ދަބަރު ޖަހައި "ބާ ދަގަނޑަށް" ކިރަން ޖެހޭ ހާލަތުގަ އެވެ. ގިނަ ޕިކަޕްތައް ހުރީ "ގުޑުވާނުލެވޭ" ވަރަށް ހަރުވެފަ އެވެ. ބައެއް ލޮރީތައް އޮތީ ކުނިތަކުން ފުރިފަ އެވެ. އެ ތަނުން ކުނި ނޫން އެއްޗެއް ނުފެނެ އެވެ.
ހަތަރު ފުރޮޅު ނެތް "ބާވެފައި" އޮތް ޓެކްސީއެކެވެ. ޕާކްކޮށްފައި ހުރި ގިނަ ލޮރީތަކުގައި ދަބަރު ޖަހައި "ބާ ދަގަނޑަށް" ކިރަން ޖެހޭ ހާލަތުގަ އެވެ. ގިނަ ޕިކަޕްތައް ހުރީ "ގުޑުވާނުލެވޭ" ވަރަށް ހަރުވެފަ އެވެ. ބައެއް ލޮރީތައް އޮތީ ކުނިތަކުން ފުރިފަ އެވެ. އެ ތަނުން ކުނި ނޫން އެއްޗެއް ނުފެނެ އެވެ.
މިއީ މާލޭގެ ހުޅަނގު ދެކުނު ފަޅުން ހިއްކި ހަތް ހެކްޓަރު ބިމުގެ މިހާރުގެ ހާލަތެވެ. އިންޑަސްޓްރިއަލް ޒޯންގެ ނަމުން މަޝްހޫރުވި އެ ސަރަހައްދު މިހާރު އޮތީ ވެހިކަލްތަކުން ތޮއްޖެހި، ފުރި ބާރުވެފަ އެވެ. ކަސްޓަމުން ނެރެގެން ގެންދާ ގިނަ ވެހިކަލްތައް ބާއްވަނީ ވެސް އެތަނުގަ އެވެ. އުކާލަން ޖެހޭ ދަގަނޑުތަކާއި ކުނިބުނީގެ އެތައް އެއްޗެއް ހުރީ ޖެހުނު ގޮތަކަށް އުކާލައިފަ އެވެ.
މި ކަހަލަ ކޮންމެ އެއްޗެއް ވެސް އެއްލައިލަން ވީމާ ގެންދަނީ އިންޑަސްޓްރިއަލް ޒޯނަށް --- ފޮޓޯ: ނިޝާން އަލީ/ މިހާރު
ގުދަންތަކާއި ވޯކްޝޮޕާއި ވެހިކަލް މަރާމާތުކުރާ ގަރާޖު ފަދަ ތަންތަން، މާލެ ތެރޭގައި ހެދުން ހުއްޓުމަކަށް ގެނެސް، އެފަދަ ތަންތަން މީހުން އުޅޭ ސަރަހައްދާ ދުރަށް ގެންދަން ކަމަށް ބުނެ، ކުރީގެ ސަރުކާރުން ހިއްކި ސަރަހައްދަކީ ނުރައްކާތެރި ހާާދިސާތަކަށް ވެސް އޮތް ފުރުސަތެކެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މައި އޮފީސް ކައިރީގައި، ބަރިބަރިއަށް އޮންނަނީ ތެޔޮ ބައުޒަރުތަކެވެ. ތެޔޮ އެޅުމުގެ މަސައްކަތް އަބަދު ހިނގާ ސަރަހައްދެއް ނަމަވެސް ސަލާމަތީ ފިޔަވަޅުތަކެއް ނެތެވެ. ޓީ-ޖެޓީ ސަރަހައްދުގައި މި ފަހުން ހިނގައި ދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާ އިން އެކަމަށް ހެކިދެ އެވެ.
އެއީ ހަގީގަތެކެވެ؛ މާލޭގެ އިންޑަސްޓްރިއަލް ޒޯނުގައި ހަދާފައި ހުރި ހަނި މަގުތަކުގެ ދެ ފަރާތުގައި ހުރީ ނުދުއްވޭ ވަރަށް ބާވެފައި ވާ ވެހިކަލްތަކެވެ. ބައެއް އެއްޗެހީގެ އިންޖީނު ވެސް ނެތީ އެވެ. ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އެތަން ސިފަކުރެއްވި ގޮތް ހަމަ ބަރާބަރެވެ!
އެއީ އެއްވެސް ދިރުމެއް ނެތް ޖަންކް ޔާޑެކެވެ.
އިންޑަސްޓްރިއަލް ޒޯނުގައި ލޮރީތަކެއް ޕާކޮށްފައި: ބޭނުންނުކުރެވޭ ފެންވަރުގެ އެއްޗެހި ގިނަ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
އަސްލަމާއި މާލޭގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ މާލޭގެ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ހުރި ހުރިހާ ވެހިކަލްތަކެއް އެ ތަނުން ނަގަން ޖެހޭ ކަމަށެވެ. އަދި އެ ސަރަހައްދުގެ ކަންކަން ވެސް ޕްލޭނެއްގެ ދަށުން ކުރުމަކީ މިހާރު ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ޝަމާއު ވިދާޅުވި އެވެ.
"އަލިފާނުގެ ހާދިސާ ހިނގުމުގެ ކުރިން ވެސް އެކަމުގައި އަޅުގަނޑުމެން ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ކުރަމުން ދިޔައީ، އެތަނުގެ ބޭނުން ކުރެވިދާނެ ގޮތަކާ މެދުގައި،" ޝަމާއު ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ އިންޑަސްޓްރިއަލް ޒޯންގައި ޕާކްކޮށްފައި އޮންނަތާ އެތައް ދުވަހެއް ވީ ވެހިކަލްތަކެއް އެބަހުރި ކަމަށާއި އެ ވެހިކަލްތައް ނެގުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށެވެ. އޭނާ ދެން ނެންގެވީ އެތަނުގައި ހުރި ތެޔޮ ބައުޒަރުތަކުގެ ނުރައްކާތެރިކަމެވެ.
"އިންޑަސްޓްރިއަލް ޒޯންގެ އިރަށް އޮންނަ ބައިގައި އެއްވެސް ގޮތަކަށް ނުދުއްވާ ތެޔޮ ބައުޒަރުތައް އެބަހުރި. އެ ތެޔޮ ބައުޒަރުތައް ހުންނަނީ ދާއިމަށް ޕާކްކޮށްފައި. އެ ތެޔޮ ބައުޒަރުތައް އެ ތަނުގައި ބާއްވައިގެން ޓޭންކަށް ތެޔޮ އަޅައިގެން ހިދުމަތް ދޭ ބަޔަކު ވެސް އެބަ އުޅޭ،" އަސްލަމް ވިދާޅުވި އެވެ.
އިންޑަސްޓްރިއަލް ޒޯންގައި ހުރި ވެހިކަލްތައް ނަގައި ތަން ސާފުކުރުމަށް ފަހު، މާލޭ ވިޔަފާރި ބަނދަރު ސަރަަހައްދުގައި ބޭނުންކުރާ ބޮޑެތި ވެހިކަލްތައް ޕާކްކުރާނެ ތަނަކަށް އެތަން ހެދުމުގެ ވިސްނުން ސަރުކާރުން ގެންގުޅެ އެވެ. އަދި އެ ސަރަހައްދު ފެހިކޮށް ބޭއްވުމަކީ ވެސް ސަރުކާރުގެ ވިސްނުމެކެވެ.
"އަޅުގަނޑުމެން ބޭނުންވޭ ހެވީ ވެހިކަލްތައް ޕާކްކުރަން އެ ސަރަހައްދުގެ ބައެއް ހަދަން. އެ މަސައްކަތް މިހާރު ކުރަމުން އެ ދަނީ. ބިން ސާފުކޮށް އެ ތަނުގައި ގާތައް އަތުރަމުން،" އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިންޑަސްޓްރިއަލް ޒޯންގެ ބޮޑު ބައި އޮންނާނީ އާންމުން ބޭނުން ކުރާ، ވަދެ ނުކުމެ ހެދޭ ގޮތަށެވެ. އެގޮތުން ޕާކް ކުރާނެ އިތުރު ޖާގަ ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަމަކު ކަންބޮޑުވުމަކީ އެ ތަނުގައި އަލުން ޕާކިން އޭރިއާއެއް ހެދުމުން ވެސް ހަލާކުވެފައި ހުންނަ ވެހިކަލްތައް އެތަނަށް ދޫކޮށްލަފާނެތީ އެވެ.
ހެވީ ވެހިކަލް ޕާކް ކުރުމަށް އިންޑަސްޓްރިއަލް ޒޯންގައި ހަދަމުން އަންނަ ޕާކިން ޒޯން. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
އަސްލަމް ވިދާޅުވީ މިދިޔަ ހޯމަ ދުވަހު ބަނދަރު ސަރަހައްދުގައި އަލިފާނުގެ ހާދިސާ ހިނގައިގެން އަލިފާން ގަނޑު ނިއްވުމަށް ސިފައިންނާއި ފުލުހުންނަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ހުރި ވެހިކަލްތަކެވެ. ހާއްސަ ގޮތެއްގައި ތެޔޮ ބައުޒަރުތައް ހުރީ "ގުޑާ ވެސް ނުލެވޭ" ވަރަށް ހާލަތު ދަށްކޮށް ކަމަށް ވިދާޅުވި އެވެ.
"ބަނދަރުގެ އެންމެ މަގަތަށްވާ ގޮތަށް ތެޔޮ ބައުޒަރުތައް ހުރީ،" އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ އެ ސަރަހައްދުގެ ބަނދަރާ ވީ ފަޅިން ބޭރު މަގުގައި ތެޔޮ ބައުޒަރުތައް ނުބެހެއްޓޭ ގޮތަށް ނިންމާފައިވާ ކަމަށެވެ. އަދި ހާލަތު ދަށްކޮށް ހުރި ބައުޒަރުތަކަށް ތެޔޮ އެޅުމުގެ ފުރުސަތު ނުދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އެ މަގުގެ ޖެހިގެން އެތެރޭގައި އޮންނަ މަގުގައި ތެޔޮ ބައުޒަރުތައް ބެހެއްޓޭނީ. ތެޔޮ އަޅަން އަންނަން ޖެހޭނީ މަގަތަށް ވާ ގޮތަށް އޮންނަ މަގަށް. ތެޔޮ އަޅާފައި އަނެއްކާވެސް ދާން ޖެހޭނީ،" ތެޔޮ ބައުޒަރުތައް ޕާކްކުރަން ވަކި ސަރަހައްދެއް ހަދާނެކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވި އެވެ.
އިންޑަސްޓްރިއަލް ޒޯނަށް ނުދުއްވާ ކާރެއް ދޫކޮށްލާފައި: މިއީ މިހާރު ބޮޑު ގޮނޑެއް --- ފޮޓޯ: ނިޝާން އަލީ/ މިހާރު
މާލޭގައި މިހާރު ބޭނުންކުރާ ތެޔޮ ބައުޒަރުތަކުގެ ތެރެއިން މިންގަނޑުތަކަށް ނުފެތޭ ބައުޒަރުތަކުގެ ހުއްދަ ބާތިލްކޮށް އިތުރަށް ތެޔޮ ބައުޒަރު ރަޖިސްޓްރީކޮށް ދިނުން ހުއްޓާލަން ޕްލޭނިން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. އަދި މާލޭގައި ބޭނުންކުރާ ތެޔޮ ބައުޒަރުތަކުގެ ތެރެއިން މިންގަނޑަށް ނުފެތޭ ބައުޒަރުތަކުގެ ހުއްދަ ބާތިލް ކުރާނެ ކަމަށް ވެސް ވަނީ އިއުލާންކޮށްފަ އެވެ.
ޕްލޭނިން މިނިސްޓްރީން ނިންމާފައިވަނީ އެ ސަރަހައްދުގައި އަލިފާން ނިއްވާނެ ނިޒާމް ގާއިމް ކުރުމާއި އެ ސަރަހައްދު މޮނީޓާ ކުރުން އެމްއެންޑީއެފަށް އަދި ބައުޒަރުތަކުން ހިދުމަތް ދޭ ގޮތް ބެލުން ފުލުހުންނާއި ސިޓީ ކައުންސިލަށް ހަވާލުކުރާ ގޮތަށެވެ.
ކުރަން އޮތީ ބޮޑު މަސައްކަތެކެވެ. ފުރަތަމަ އަމާޒަކަށް ވާން ޖެހޭނީ އިންޑަސްޓްރިއަލް ޒޯންގެ ގޮނޑުކަން ކަނޑުވާލުމެވެ. އެކަން ކުރާނެ ކަމަށް، ސަރުކާރުން ބުނެ އެވެ.
އިންޑަސްޓްރިއަލް ވިލެޖް ތަރައްގީކުރުން: ހިޔާލު ދެކަފި!
ގަރާޖުތައް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރަން ފަށަނީ
"ގުދަން ހަދަން އިންޑަސްޓްރިއަލް ޒޯން ކަމަކު ނުދޭ"
އިންޑަސްޓްރިއަލް ވިލެޖު ސާފުކޮށް ސެކިއުރިޓީ ބަލަހައްޓަނީ
މަގުތަކަށް ކުނި އެޅި 100 މީހުން ޖޫރިމަނާ ކޮށްފި
ހިލޭ ބަހާ ގޯތީގައި މުޅި އާބާދީ ހިޔާވަހިކުރެވޭ!
މި ދެނީ މާލޭ މީހުން ނޭވާލާނެ ޖާގަ: އަސްލަމް
ފިންލެންޑްސްކޫލް ކައިރިއަށް ކޮންމެ ދުވަހަކު ކުނި އަޅަނީ
މާލެއިން ގޯތި ލިބޭ މީހުން އިއުލާންކުރާނީ މެއި މަހު
ގެދޮރުގެމައްސަލަ ހައްލުނުވަނީ އަތޮޅުތެރެ ތަރައްގީ ނުވާތީ