Roadha Mihaaru
އިންޑަސްޓްރިއަލް ވިލެޖުގެ ބޮޑު ބައި އަންނަ މަހު ނިމޭނެ

އިންޑަސްޓްރިއަލް ވިލެޖުގެ ބޮޑު ބައި އަންނަ މަހު ނިމޭނެ: މުއިއްޒު

10 ސެޕްޓެމްބަރ 2016

އިންޑަސްޓްރިއަލް ވިލެޖުގެ މަސައްކަތްތަކުގެ ބޮޑު ބައި އަންނަ މަހު ނިމޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިންޑަސްޓްރިއަލް ވިލެޖުގެ މަސައްކަތްތަކުގެ ބޮޑު ބައި އަންނަ މަހު ނިމޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިންޑަސްޓްރިއަލް ވިލެޖުގެ މަސައްކަތްތަކާ ގުޅޭ ގޮތުން މިނިސްޓަރު މިދިޔަ ހަފުތާގައި ވިދާޅުވީ އެ ތަނުގައި ކަރަންޓާއި ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތް އަންނަ މަހު ނިމޭނެ ކަމަށް ލަފާ ކުރެވޭއިރު، އެ ތަނުގެ މުހިއްމު މަސައްކަތްތައް ނިމިފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އިންޑަސްޓްރިއަލް ވިލެޖުގައި ގާއިމްކުރާ ވޭސްޓް ޔާޑު ގާއިމްކުރަން ބިން، ލަސްވެގެން އޮކްޓޯބަރު މަހުގެ ތެރޭގައި ވޭސްޓް ކޯޕަރޭޝަނާ އަޅުގަނޑުމެން ހަވާލު ކުރާނަން،" އޭނާ ވިދާޅުވި އެވެ.

އިންޑަސްޓްރިއަލް ވިލެޖު ހަދާތީ މާލޭ ދެކުނުކޮޅުގައި އަލަށް ކަނޑާފައިވާ ނެރުގެ މަސައްކަތް ވީހާ އަވަހަކަށް ނިންމަން ބޭނުންވިޔަސް އެ މަސައްކަތް ލަސްވަމުން ދަނީ ބޮޑު ހިލަ ނުގެނެވިގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ފައިކަށި ހަދަން ގެންނަނީ އާއްމުކޮށް ރާއްޖެ ނުގެންނަ ވަރުގެ ބިޔަ ސައިޒެއްގެ ހިލަ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"ފައިކަށްޓަކީ ޖަޕާނު ސަރުކާރުގެ ކޮންސަލްޓަންޓަކު ޑިޒައިންކޮށްފައިވާ ފައިކަށްޓެއް. ނެރު ވެސް ކަނޑާފައި ވަނީ ކޮންސަލްޓަންޓް ހަދާފައިވާ ޑިޒައިނާ އެއްގޮތަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އިންޑަސްޓްރިއަލް ވިލެޖުގެ މަސައްކަތްތަކާ އެކު ކުރިއަށް ގެންދާ ނެރުގެ މަސައްކަތް ޑިސެމްބަރު މަހާ ހަމައަށް ކުރިއަށްދާނެ ކަމަށް އޮތީ ލަފާކޮށްފަ އެވެ.

އިންޑަސްޓްރިއަލް ވިލެޖަށް ބޭނުންކުރާ މައި މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ދަނީ.-- ފޮޓޯ: ހުސެން ޝަޔާހު/ މިހާރު

އިންޑަސްޓްރިއަލް ވިލެޖަށް ބޭނުންކުރާ މައި މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ދަނީ.-- ފޮޓޯ: ހުސެން ޝަޔާހު/ މިހާރު

މާލޭގައި ހުރި ގުދަންތަކާއި ވޯކްޝޮޕް ފަދަ ތަންތަން ބަދަލުކުރަން ތަރައްގީކުރާ އިންޑަސްޓްރިއަލް ވިލެޖުން 6.9 ހެކްޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ. ވިލެޖުގެ މައި މަގެއްގެ ގޮތުގައި ބޮޑުތަކުރުފާނު މަގުގެ ވަކި ސަރަހައްދެއް ބޭނުންކުރަން ނިންމައި އެ ތަނުގައި މިހާރު އަންނަނީ ތާރު އަޅަމުންނެވެ.

އިންޑަސްޓްރިއަލް ވިލެޖު މި އަހަރުގެ ޖުލައި 26 ގައި ނިމެނޭ ކަމަށް ހައުސިން މިނިސްޓްރީން އިއުލާންކުރި އެވެ. އެކަމަކު އެ މުއްދަތަށް މަސައްކަތް ނުނިމުނީ ލޮޖިސްޓިކަލް ވަރަށް ގިނަ ދަތިތަކެއް ކުރިމަތިވެގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.