06 ޖުލައި 2018
ލ. ފޮނަދޫގެ ބޮޑެތި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
ލ. ފޮނަދޫގެ ބޮޑެތި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
މި ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ތާރު އެޅުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި ވެރިކަން ކުރާ ޕީޕީއެމްގެ ނައިބު ލީޑަރު، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ.
ފޮނަދޫ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް އެންމެ ފުރަތަމަ، މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ހަވާލު ކުރީ ސްރީ ލަންކާގެ ކުލުނު ކުންފުންޏާ އެވެ. އެކަމަކު، އެ މަސައްކަތް އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ކުރިއަށް ނުދާ ކަމަށް ބުނެ، ހައުސިން މިނިސްޓްރީން ވަނީ އެ މަސައްކަތް އެ ކުންފުނީގެ އަތުން އަތުލައި މިހާރު އުވާލާފައިވާ އެމްއާރުޑީސީއާ ކުރިން ހަވާލުކޮށްފަ އެވެ.
ފޮނަދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހުކޮށް ދެއްވުމަށް ފަހު، އަބްދުއްރަހީމާއި މިނިސްޓަރު މުއިއްޒު ވެހިކަލުން ފައިބައިވަޑައިގަންނަވަނީ. - ފޮޓޯ: ހައުސިން މިނިސްޓްރީ
އެމްއާރުޑީސީން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ފާހަގަވުމުން މިހާރު އެ މަސައްކަތް ހަވާލު ކުރީ ހައުސިން މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޕަބްލިކް ވޯކްސް ސާވިސްއާ އެވެ. ފޮނަދޫ މަގު ހެދުމުގެ މަސައްކަތް ކުރަނީ ޕަބްލިކް ވޯކްސް ސާވިސްގައި މަސައްކަތް ކުރާ އެ ރަށު ރައްޔިތުންނެވެ.
ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ ފޮނަދޫ ތަރައްގީވުމުން ފައިދާ ކުރާނީ ހަމައެކަނި ރަށުގެ ރައްޔިތުންނަށް އެކަނި ނޫން ކަމަށާއި ކައިރި ރަށްރަށުން ހިޖުރަ ކުރަން ބޭނުންވާ މީހުންނަށް އެކަމުގެ ފައިދާ ކުރާނެ ކަމަށެވެ. އަދި ފޮނަދޫގެ މަގުތައް ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހެދުމުން އިގްތިސާދީ ގޮތުންނާއި އުމްރާނީ ގޮތުން ކުރިއަށް ދިއުމަށް ވެސް ފައިދާވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ފޮނަދޫގެ ވަރަށް ގިނަ މަގުތަކެއް ރަނގަޅު ފެންވަރަކަށް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ. އެކަމަކު، ތާރު އެޅުމަށް ހަމަޖެހިފައި ވަނީ ކިތައް މަގުގައި ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. ހައުސިން މިނިސްޓްރީން ނިންމާފައި އޮތީ 6.1 ކިލޯމީޓަރުގެ މަގުތަކުގައި ތާރު އެޅުމަށެވެ.
ފޮނަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު މުއިއްޒު ވާހަކަ ދައްކަވަނީ. - ފޮޓޯ: ހައުސިން މިނިސްޓްރީ
"އާންމުން ހިދުމަތް ހޯދަން ބޭނުންވާ ތަންތަން، އެއީ ކައުންސިލް، ސްކޫލް، މިސްކިތްތައް، ރައްޔިތުން ގިނަ އިން ބޭނުންކުރާ މަގުތަކަށް އިސްކަން ދީގެން އަޅުގަނޑުމެން މަގުތައް މި ހަދަނީ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ތާރު އެޅުމަށް ބޭނުންވާ ހުރިހާ ތަކެއްޗެއް އެއްވެސް ދަތިކަމެއް ނެތި ލިބިގެންދާނެ ކަމަށެވެ. އަދި އޮގަސްޓް މަހުގެ ކުރިން މަސައްކަތް ނިންމުމަށް މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީނަށް ތައުރީފް ކުރައްވައި މުއިއްޒު ވިދާޅުވީ އެމަނިކުފާނު ރަށްރަށަށް ވަޑައިގަންނަވަނީ "ކަޑަ ޖަހާކަށް" ނުވަތަ ހަމައެކަނި ބިންގާ އަޅުއްވަން ނޫން ކަމަށެވެ. ކުރީގެ ރައީސުން ބިންގާ އަޅާއިރު، މަޝްރޫއުތައް ކުރިއަށް ގެންދެވިދާނެތޯ ބައްލަވަމުން ނުގެންދަވައި، މަސައްކަތް ކުރެއްވީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ކަމަށް ވެސް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.
ފޮނަދޫ މަގު ހެދުމުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި މުއިއްޒު (ކ-2) އާއި ފޮނަދޫ ރައްޔިތުން ބައިވެރިވަނީ. - ފޮޓޯ: ހައުސިން މިނިސްޓްރީ
ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގަނީ ހަމައެކަނި މާލޭގައި ނޫން ކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ އދ. މަހިބަދޫ، ރ. މީދޫ، ހއ. ދިއްދޫ އަދި ހދ. ކުޅުދުއްފުށީގެ މަގުތަކުގައި ތާރު އަޅައި ނިންމާފައިވާ ކަމަށެވެ. އަދި ތާރު އަޅަން ތައްޔާރުވެފައިވާ ރަށްތަކުގެ ތެރޭގައި ރ. އުނގޫފާރު، ބ. އޭދަފުށި، ރ. ދުވާފަރު، ހުޅުމީދޫ، ފުވައްމުލައް އަދި ހދ. ހަނިމާދޫ ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ހުރިހާ ރަށެއްގެ މަސައްކަތް އަޅުގަނޑުމެން ސެޕްޓެމްބަރު މަހުގެ ތެރޭގައި ނިންމާނަން. ސްޕީޑުގައި ގެންދިއުމަށް ރައީސް ޔާމީން އަބަދުވެސް މަސައްކަތް ކުރައްވަނީ،" މުއިއްޒު ވިދާޅުވި އެވެ.
ފޮނަދޫ މަގުތަކުގައި ތާރު އަޅަން ފެށިއިރު، އެ ރަށުގެ ބޮޑެތި މަގުތަކުގެ ދެ ފަރާތުގައި ވަނީ ޕޭވްމަންޓް ހަދައި ބިންގަނޑު ލެވެލްކޮށް، ތާރު އެޅުމަށް ވަނީ ތައްޔާރުވެފަ އެވެ. އެރަށު ބައެއް މީހުން ބުނި ގޮތުގައި މިއީ އެރަށަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ. ފޮނަދޫ މަގުތަކުގައި ތާރު އެޅުމުން ރަށުގެ ރައްޔިތުން ދަތުރުފަތުރު ކުރުމުގައި އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމީހުން ދެކެ އެވެ.
ލ. އަތޮޅުގައި ގުޅިފައިވާ ރަށްތަކަށް ފަސޭހައިން ދެވޭ ގޮތަށް ތާރު އަޅައިގެން ހެދި 17 ކިލޯމީޓަރުގެ ޗާލު މަގުގެ މަސައްކަތް ނިންމައި ހުޅުވީ މީގެ ދެ އަހަރު ކުރިންނެވެ. ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ފޮނަދޫން ފެށިގެން ގަމާ ހަމައަށް ލާމު ލިންކް ރޯޑް ހަދާފައި ވަނީ ވަރަށް ފެންވަރު ރަނގަޅު ކޮށެވެ.
ތިނަދޫން 150 ގޯތި އަންނަ ހަފުތާގައި ދޫކުރަނީ
ރައީސް ޔާމީން ލ. އަތޮޅަށް ވަޑައިގެންފި
ބްރިޖާ ގުޅޭ މާލޭގެ ބޮޑު މަގުގައި ތާރު އަޅައިފި
"މާލޭގައި ތާރު އެޅުން ދެ ދުވަސްތެރޭ ނިންމާނަން"
"ތާރު އަޅާ މަގުތައް ބްރިޖު ހުޅުވެންވާއިރަށް ނިމޭނެ"
ވިލިމާލެ 2 މަޝްރޫއުން ފްލެޓާއި ގޯއްޗަށް ހުޅުވާލަނީ
ރައީސް ޔާމީނަށް 60 ޕަސެންޓު ވޯޓު ލިބޭނެ: އާދަމް
ބްރިޖުގެ މާލެކޮޅުގެ ތަނބުތައް ގުޅުވާލައިފި
47 ބަނދަރަށް 1.6 ބިލިއަން ރުފިޔާ ޚަރަދުކޮށްފި
ބްރިޖުގެ ޑެކު ނިންމަން މާ ގިނަ ދުވަހެއް ދެން ނުނަގާނެ