Roadha Mihaaru
ބްރިޖުގެ ޑެކު ނިންމަން މާ ގިނަ ދުވަހެއް ދެން ނުނަގާނެ

އައިބީމްތައް މޫދާ ހަމައަށް، ބްރިޖުގެ ޑެކު ނިންމަން މާ ގިނަ ދުވަހެއް ނެތް

26 ސެޕްޓެމްބަރ 2017

މާލެ އާއި ހުޅުލެއާ މެދު އަޅާ ބްރިޖުގެ ސުޕަ ސްޓްރަކްޗާ އަށް ބޭނުންވާ އައިބީމްތައް ނުވަތަ ކޮންކްރީޓް ބޮޑެތި ބެރިތަކުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަ ގެންދެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާލެ އާއި ހުޅުލެއާ މެދު އަޅާ ބްރިޖުގެ ސުޕަ ސްޓްރަކްޗާ އަށް ބޭނުންވާ އައިބީމްތައް ނުވަތަ ކޮންކްރީޓް ބޮޑެތި ބެރިތަކުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަ ގެންދެ އެވެ.

މިދިޔަ ޖުލައި މަހު އެ ބޮޑު ބެރިިތައް އަޅަން ފެށީ، މާލޭ ކޮޅުން ބްރިޖު ފެށޭ ހިސާބުންނެވެ. ބެރިތައް މިހާރު ވަނީ އެއްގަމުން ފެށިގެން މޫދަށް 150 ފޫޓަށް އަޅައިފަ އެވެ. މިއީ، ބްރިޖްގެ މަސައްކަތުގައި އުޅޭ ބައެއް މީހުން ބުނާ ގޮތުގައި ވަރަށް ބޮޑު ކުރިއެރުމެކެވެ. ބެރިތައް ނިމުމުން، ޑެކު އަޅައި، ޗައިނާގައި މިހާރު ތައްޔާރުކުރަމުން އަންނަ ސުޕަ ސްޓްރަކްޗާ ގެނެސް އަތުރާލާނީ އެވެ.

ލޮނުޒިޔާރަތްކޮޅުގައި ހުރެ ބަލާލުމުން މާލެ އިން ފެށިގެން ހުޅުލެއަށް ބްރިޖު އޮންނާނެ ގޮތް މިހާރު ތަސައްވަރު ކުރެވެ އެވެ. ބްރިޖުގެ މެދުގައިި ހުންނަ އެންމެ އުސް ތަނބު ވެސް މިހާރު ވަނީ ގާތްގަނޑަކަށް ނިންމިފަ އެވެ. އެއީ ބްރިޖްގެ އެންމެ އުސް ދިމާލެވެ.

ބްރިޖުގެ އެންމެ އުސް ތަނބު: މި ތަނބު ހުންނަނީ ބްރިޖުގެ މެދުގައި. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ބްރިޖުގެ އެންމެ އުސް ތަނބު: މި ތަނބު ހުންނަނީ ބްރިޖުގެ މެދުގައި. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މެއިން ބްރިޖު ނުވަތަ މާކަނޑުގައި ހިމެނޭ ބައިގެ ދެ ފަރާތުގައި ހުންނަ 35 ތަނބާއި އެޕްރޯޗް ބްރިޖުގެ 88 ތަނބުގެ ކޮންކްރީޓް މަސައްކަތް ވެސް ގާތްގަނޑަށް ނިމިއްޖެ އެވެ. މެއިން ބްރިޖުގެ ތަނބުތަކުގެ ވީ އަކުރެއްގެ ސިފައިގައި އިންނަ ކެޕިން ވެސް މިހާރު ވަނީ ނިންމާލައިފަ އެވެ.

މާލޭ ކޮޅުން ބްރިޖް ފެށޭ ހިސާބުގައި ކޮންކްރީޓް ބޮޑެތި ބެރިތައް އެތުރުމުގެ މަސައްކަތް ކުރަނީ --ފޮޓޯ: ނިޝާން އަލީ/ މިހާރު

މާލޭ ކޮޅުން ބްރިޖް ފެށޭ ހިސާބުގައި ކޮންކްރީޓް ބޮޑެތި ބެރިތައް އެތުރުމުގެ މަސައްކަތް ކުރަނީ --ފޮޓޯ: ނިޝާން އަލީ/ މިހާރު

ޕީއެސްއެމަށް މި ހަފުތާގައި ދެއްވި އިންޓަވިއުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ބްރިޖުގެ ޑެކުގެ މަސައްކަތް ނޮވެމްބަރު މަހު ނިންމާލެވޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ބްރިޖުގެ ސުޕަސްޓްރަކްޗާ އަންނަ އަހަރުގެ މެއި މަހުގެ ތެރޭގައި ނިމެނޭ އެވެ.

ޗައިނާ އާއި ރާއްޖޭގެ ސަރުކާރުން އެއްބަސްވެފައިވާ ގޮތަށް ބްރިޖުގެ ކަންކަން ކުރިއަށް ދާއިރު، ޝެޑިއުލަށް ވުރެން މާ އަވަހަށް ޗައިނާގެ ސީސީސީސީން މަސައްކަތް ނިންމަމުން އަންނަ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މާލޭ ހުޅުލޭ ބްރިޖްގައި ކަނޑުގައި ޖަހާ އެންމެ ބޮޑެތި ތަނބުތަކުގެ މަސައްކަތް ކުރިއަށް ދަނީ

މާލޭ ހުޅުލޭ ބްރިޖްގައި ކަނޑުގައި ޖަހާ އެންމެ ބޮޑެތި ތަނބުތަކުގެ މަސައްކަތް ކުރިއަށް ދަނީ

މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި އަންނަ އަހަރުގެ ސެޕްޓެމްބަރު މަހަށް މަސައްކަތް ނިންމަން އެއްބަސްވެފައިވާ ބްރިޖު ޖުލައި 26 ގައި ހުޅުވޭ ވަރުވާނެ އެވެ.

ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވާއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.