Roadha Mihaaru
ޒަމީލްގެ މައްސަލަ ޕީޖީއަށް ފޮނުވީ ކޮމިޓީއަށް ނޭނގި!

ޒަމީލްގެ މައްސަލަ ޕީޖީ އަށް ފޮނުވީ އިމްތިޔާޒު ކޮމިޓީއަށް ނޭނގި!

05 ޖޫން 2021

ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލްގެ މައްޗަށް ދައުވާ ކުރަން ފޮނުވުމާ މެދު ގޮތެއް ނިންމޭނީ އިމްތިޔާޒު ކޮމިޓީ އަށް ކަމަށް ވިދާޅުވެ، އެ ކޮމިޓީގެ މެމްބަރަކު މިރޭ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލްގެ މައްޗަށް ދައުވާ ކުރަން ފޮނުވުމާ މެދު ގޮތެއް ނިންމޭނީ އިމްތިޔާޒު ކޮމިޓީ އަށް ކަމަށް ވިދާޅުވެ، އެ ކޮމިޓީގެ މެމްބަރަކު މިރޭ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލައާ ގުޅިގެން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން (241 ކޮމިޓީ) އިން ކުރިއަށް ގެންދާ އިންކުއަރީ އަށް ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ކުރުމަށް މަޖިލީހުން ނިންމާފައި ވަނިކޮށް، އެކަމަށް އިންކާރު ކުރުމުން މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ ޒަމީލްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ވަނީ ފޮނުވައިފަ އެވެ.

އެނގިފައިވާ ގޮތުގައި، ޒަމީލްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް މައްސަލަ ފޮނުވަން އެންގެވީ ސީދާ ނަޝީދެވެ.

އެ މައްސަލަ ޕީޖީ އަށް ފޮނުވީ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީގެ އެއްވެސް މެންބަރަކަށް އެންގުމަކާ ނުލަ އެވެ. އަދި އެ މައްސަލަ އެ ކޮމިޓީ އަށް ނުވެސް ފޮނުވަ އެވެ.

ނަމަވެސް މަޖިލީހުގެ ގަވައިދުގެ 110 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، މަޖިލީހުގެ ބާރުތަކާއި އިމްތިޔާޒުތަކަށް އުނިކަން އަންނާނެ އެއްވެސް ކަމެއް ހިނގާފައިވޭތޯ ބެލުމަކީ އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ މަސްއޫލިއްޔަތެކެވެ.

އެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވައި، "މިހާރު" އާ ވާހަކަ ދެއްކެވި އެ ކޮމިޓީގެ މެމްބަރަކު ވިދާޅުވީ، ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރުކުރުމާ އެމްއެންޑީއެފުން ދެކޮޅު ހަދައި، ފޮނުވި ސިޓީގައި ޑެޕިއުޓީ މިނިސްޓަރު ޒަމީލް ސޮއިކުރެއްވުމަކީ މަޖިލީހުގެ އިމްތިޔާޒާ ގުޅޭ މައްސަލައަކަށް ވާތީ، އެކަން އެ ކޮމިޓީ އަށް ފޮނުވާނެ ކަމަށް ބެއްލެވި ކަމަށެވެ. ނަމަވެސް ރައްޔިތުން މަޖިލީހުގެ ރައީސްގެ މަސްލަހަތު ހިމެނޭ މައްސަލައެއްގައި އެ މަނިކުފާނުގެ އަމިއްލަ އިސްނެންގެވުމުގެ މަތިން، އިމްތިޔާޒާ ބެހޭ ކޮމިޓީ އަށް ވެސް އެންގުމެއް ނެތި އެފަދަ ނިންމުމެއް ނިންމެވުމަކީ އިޖުރާއަތްތަކާ ހިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އިމްޔާޒަށް އަރައިގެން އުޅޭ މައްސަލައެއްގައި އިމްތިޔާޒް ކޮމިޓީން ގޮތެއް ނިންމަން ޖެހޭނީ. އެ ކޮމިޓީ އަށް އެއްވެސް ވަރަކަށް ނޭނގި އެ ކޮމިޓީ އާ ވާހަކަ ނުދައްކައި، މަޖިލީހުގެ ރައީސް ފޮނުވީމާ މިތިބީ ވަރަށް ހައިރާން ވެފައި،" އިމްތިޔާޒް ކޮމިޓީގެ މެންބަރަކު ވިދާޅުވި އެވެ.

"އަޅުގަނޑު ވެސް އުންމީދު ކޮށްގެން ހުރީ އެމައްސަލަ އިމްތިޔާޒާ ބެހޭ ކޮމިޓީ އަށް ފޮނުވާނެ ކަމަށް."

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ މައްސަލައެއްގައި، އެ މަޖިލީހުގެ ތަޅުމުން ވެސް ގޮތެއް ނުނިންމައި މަޖިލީހުގެ ރައީސްގެ އިސްނެންގެވުމަކަށް ޕީޖީ އޮފީހަށް ފޮނުވުމަކީ މަޖިލީހުގެ ގަވައިދުތަކާއި އިޖުރާއަތުތަކާ ހިލާފު ކަމެއް ކަމަށް ނަން ހާމަކުރަން ނޭދޭ ބައެއް މެމްބަރުން ވިދާޅުވެ އެވެ. ހާއްސަކޮށް، އެއީ މަޖިލީހުގެ ރައީސްގެ މަސްލަހަތު ހިމެނޭ މައްސަލައެއް ކަމަށް ވާއިރު، ގާނޫނުއަސާސީގައިވާ ގޮތާ ހިލާފަށް އަމަލު ކުރައްވާފައިވާ ކަމަށް ބައެއް ބޭފުޅުން ތުހުމަތު ކުރައްވަ އެވެ.

އެކަމަކު، މި މައްސަލައިގައި އިމްތިޔާޒު ކޮމިޓީން ރަސްމީކޮށް އަދި ވާހަކައެއް ނުދައްކަ އެވެ.

މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް މައްސަލައެއް އެންމެ ފަހުން ފެންމަތިވީ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލުގެ ފަރާތުންނެވެ. އިމްތިޔާޒާ ބެހޭ ކޮމިޓީން އެ މައްސަލަ ވެސް އޭރު ބަލައި، ނިންމާފައި ވަނީ މަލީހު ދެއްކެވީ "އަސްލެއް ނެތް ވާހަކައެއްކަން އެނގޭތީ" އޭނާގެ މައްސަލަ އިތުރަށް ނުބަލައި ފައިލް ކުރުމަށެވެ

ނަޝީދު އަވަހާރަ ކޮށްލުމަށް ބޮމުގެ ހަމަލާ ދިން މައްސަލާގައި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން ހިންގާ ތަހުގީގަށް ވަކިވަކި ސިފައިން ޖަވާބުދާރީ ނުވާން ނިންމާފައިވާ މައްސަލާގައި ނަޝީދު ވެސް ވަނީ އެކަމާ ދެކޮޅަށް ވާހަކަފުޅު ދައްކަވައިފަ އެވެ.