Roadha Mihaaru
އަނިޔާކުރި ފުލުހުންނަށް ޖިނާއީ ދައުވާކުރަން އެދެނީ

ފުލުހުންގެ ބަންދުގައި ހުރި މީހަކަށް އަނިޔާކުރި މައްސަލާގައި ދައުވާކުރަން އެދިއްޖެ

14 ސެޕްޓެމްބަރ 2021

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް އަނިޔާކުރި މައްސަލައިގައި، އެކަން ކުރި ކަމަށް ތުހުމަތު ކުރެވޭ ފުލުހުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި، ދައުވާ ކުރަން އެދެން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް އަނިޔާކުރި މައްސަލައިގައި، އެކަން ކުރި ކަމަށް ތުހުމަތު ކުރެވޭ ފުލުހުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި، ދައުވާ ކުރަން އެދެން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ލ. ކަލައިދޫ، ސްވީޓްހާޓް، އަހުމަދު ސިރާޖު މިދިޔަ އަހަރުގެ ސެޕްޓެމްބަރު ހަ ވަނަ ދުވަހު ހައްޔަރުކުރީ ކަލައިދޫގެ ގެއަކުން ވައްކަންކުރި ކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށުގައި އޭނާ ހުރި އިރު އެކި ވަރުގެ އަނިޔާ ކޮށްފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ ދިރާސާކޮށް 241 ކޮމިޓީން ރިޕޯޓެއް އެކުލަވައިލީ މި މަހުގެ އެއްވަނަ ދުވަހު އެވެ.

ހޯދުންތަކަށް ރިއާޔަތްކޮށް، ހަތަރު ކަމެއް ކުރުމަށް 241 ކޮމިޓީން ހުށަހަޅާފައިވާ އެ ރިޕޯޓު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ ވޯޓުގައި ބައިވެރިވީ 42 މެންބަރުންގެ އިއްތިފާގުންނެވެ.

ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑުން ކުރި ތަހުގީގަށް ސިރާޖު ދިން ބަޔާނުގައި ބުނީ، ވައްކަމުގެ މައްސަލައެއްގެ ތުހުމަތުކޮށް، އިސްދޫ ޕޮލިސް ސްޓޭޝަންގެ ކޮޓަރިއަކަށް ވެއްދުމަށް ފަހު، ފުލުހުން އޭނާ އަށް އަނިޔާކުރި ކަމަށެވެ. ނަމަވެސް ބަންދުން ދޫކޮށްލާނީ އެއީ އޭނާ ގޭގައި އުޅުމުގެ ތެރޭގައި ލިބުނު އަނިޔާތަކެއް ކަމަށް ބުނެ ބަޔާން ދިނުމުން ކަމަށް ސިރާޖާ ހަވާލާދީ ރިޕޯޓުގައި ވެ އެވެ.

އެ މައްސަލައިގައި ހިމެނޭ ފުލުހުން އެ ތުހުމަތުތަކަށް އިންކާރުކުރި ނަމަވެސް ސިރާޖަށް ލިބިފައިވާ ބައެއް އަނިޔާތަކަކީ އޭނާ އިސްދޫ ޕޮލިސް ސްޓޭޝަންގައި ހުއްޓައި ލިބުނު އަނިޔާތަކެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ފާހަގަކުރެވިފައި ކަމަށް ރިޕޯޓުގައި ވެ އެވެ.

މީހަކަށް އަނިޔާ ކުރުމަކީ އެންޓި ޓޯޗާ ގާނޫނުގެ ދަށުން ޖިނާއީ ކުށެއް ކަމަށް ވާއިރު، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް އަނިޔާއެއް ލިބިއްޖެ ކަމަށް ފުލުހުންނަށް ގަބޫލުކުރެވިއްޖެ ނަމަ، އެ ކުށް ކުރި މީހަކާ މެދު ޖިނާއީ އަދުލުގެ ނިޒާމުގައިވާ ގޮތުގެ މަތިން ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭނެ ކަން ފުލުހުންނަށް އަންގަން ފެންނަ ކަމަށް ކޮމިޓީގެ ރިޕޯޓުގައި ވަނީ ހުށަހަޅައިފަ އެވެ.

"ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރެވޭ ފަރާތްތައް ތަހުގީގު ނިމެންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓޭ މުއްދަތުގައި ހައްޔަރު ކުރެވޭ ފަރާތްތަކާ މެދު އަމަލު ކުރެވެމުންދާ ގޮތް ބަލައި މޮނިޓާ ކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމު ކުރުމަށް ފުލުހަށް ދަންނަވަން،" 241 ކޮމިޓީގެ ހުށަހެޅުމުގައި ވެ އެވެ.

އެ ކޮމިޓީން ވަނީ ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންނަށް އަސާސީ ހައްގުތައް ކަށަވަރު ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމަށާއި ފުލުހުންނަކީ އެ ކަންކަމަށް އަހަންމިއްޔަތުކަން ދޭ ބަޔަކަށް ހެދުމަށް ތަމްރީނު ދިނުމަށް ވެސް ހުށަހަޅައިފަ އެވެ.