Roadha Mihaaru
އޮރިޔާން ފޮޓޯ ޑައުންލޯޑްކުރި މީހާއާ އެކު އެއްބަސްވުމެއް

ކުޑަކުދިންގެ އޮރިޔާން ފޮޓޯ ޑައުންލޯންޑުކުރި މީހާ އަށް ދައުވާ ނުކޮށް ހެދީ ނަސޭހަތުގެ އެއްބަސްވުމެއް

22 މާޗް 2024

ކުޑަކުދިންގެ އޮރިޔާން ފޮޓޯ ޑައުންލޯންޑުކުރި ކަމުގެ ތުހުމަތުގައި ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލައިގައި ހަދާފައިވަނީ ނަސޭހަތުގެ އެއްބަސްވުމެއް ކަމަށް އެ އޮފީހުން ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުޑަކުދިންގެ އޮރިޔާން ފޮޓޯ ޑައުންލޯންޑުކުރި ކަމުގެ ތުހުމަތުގައި ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލައިގައި ހަދާފައިވަނީ ނަސޭހަތުގެ އެއްބަސްވުމެއް ކަމަށް އެ އޮފީހުން ބުނެފި އެވެ.

ފުލުހުން، މިދިޔަ ހަފުތާގައި ބޭއްވި ނިއުސް ކޮންފަރެންސްގައި، އެކްޓިން ހެޑް އޮފް ކްރައިމް އެގެއިންސްޓް ޗިލްޑްރަން، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ސަފްއަތު ރައޫފް ވިދާޅުވީ، ކުޑަކުދިންގެ އޮރިޔާން ފެންނަ ފޮޓޯ އާއި ވީޑިއޯ ރާއްޖޭގައި ޑައުންލޯންޑު ކުރުމުގެ މައްސަލަ ބޮޑުވުމުން އެފަދަ ކަންކަން މޮނީޓަ ކުރާ ބޭރުގެ ފަރާތްތަކުން މިދިޔަ އަހަރު ފުލުހުންނަށް ހުށަހެޅި ކަމަށެވެ.

އެހެންވެ، އެ ފަދަ ފުރަތަމަ މައްސަލަ ތަހުގީގުކުރުމަށް ފަހު، އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޕީޖީ އޮފީހަށް ފޮނުވި ކަމަށް ސަފްއަތު އެ ދުވަހު ވިދާޅުވި އެވެ.

އެކަމަކު، އެކަމުގެ ތަފްސީލު ދެއްވަމުން، ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލަކު އިއްޔެ ވިދާޅުވީ، އެ ފިރިހެން މީހާގެ މައްޗަށް ދައުވާނުކޮށް ހެދީ ނަސޭހަތުގެ އެއްބަސްވުމެއް ކަމަށެވެ.

އެ އޮފީހުން ބުނީ ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުން ގާނޫނުގައި ވަކި ކުށެއްގެ ގޮތުގައި ނޯންނަ ކަމަށާއި ހަމަ އެކަނި އޮންނަނީ އޮރިޔާން ކާޑު ގެންގުޅުމުގެ ކުށް ކަމަށެވެ. އެއީ އަސާސީ އަދަބަކަށް 1 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އޮންނަ ކުށެކެވެ.

"އެ ކޭސްގައި ތުހުމަތުކުރެވޭ މީހާ ކުށުގައި ބައިވެރިވެ ވެފައިވާ މިންވަރަށާއި އޭނާގެ އިތުރު ކުށުގެ ރެކޯޑެއް ނެތުމާއި އޭނާ އެ ކުށަށް އިއުތިރާފުވެ ކުށާ މެދު ދެރަވާކަން ހާމަކޮށްފައިވާތީ 1 އަހަރުގެ މުއްދަތަށް ނަސޭހަތުގެ އެއްބަސްވުމެއް ހެދީ" ކަމަށް ޕީޕީ އޮފީހުން ބުންޏެވެ.

އެ އެއްބަސްވުމަށް އަމަލުުކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 15 ގަ އެވެ.

އެނގިފައިވާ ގޮތުގައި، އެ ފޮޓޯ އާއި ވީޑިއޯތަކުގައި މުޅިން ވެސް ހުރީ ރާއްޖޭން ބޭރުގެ ކުދިން ކަމަށް ބެލެވެ އެވެ. އަދި ކުދިންގެ މޫނު ވެސް ހުރީ ނޭނގޭ ގޮތަށް ފޮރުވައިފަ އެވެ. އެހެންވެ އެއިން އެއްވެސް ކުއްޖަކު ދެނެގަނެވޭނެ ގޮތެއް އޮތީ ނުވެފަ އެވެ.

ސަފްއަތު ވިދާޅުވީ ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ޑައުންލޯންޑު ކުރުމުގެ ދެ ވަނަ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެ މައްސަލަތައް ތަހުގީގު ކުރިއިރު، އެ މީހުންގެ އެކި ޑިވައިސްތަކުން 2-18 އަހަރާ ދެމެދުގެ ކުދިންގެ އޮރިޔާން ފޮޓޯ އާއި ވީޑިއޯ ފެނިފައިވެ އެވެ.

ސަފްއަތު ވިދާޅުވި ގޮތުގައި، ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ މައްސަލަ ތަހުގީގު ކުރުމުގައި އަމަލުކުރާނެ އުސޫލެއް ޕީޖީ އޮފީހާ ގުޅިގެން ޑްރާފްޓުކޮށް، އެ އުސޫލު މިހާރު އަންނަނީ ފައިނަލް ކުރަމުންނެވެ. އެހެންވެ، ކުޑަކުދިންނާ ގުޅޭ އެފަދަ މައްސަލަތަކުގައި ހަރުދަނާ ގޮތެއްގައި ތަހުގީގުކޮށް، ފިޔަވަޅު އެޅޭނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.