Roadha Mihaaru
ޖަލަށް މަނާތަކެތި ވައްދާ އޮފިސަރުންގެ މައްސަލަ ޕީޖީއަށް

ޖަލަށް ޑްރަގާއި ފޯނު ވައްދާ ނެޓްވޯކުގެ 13 އޮފިސަރެއްގެ މައްސަލަ ޕީޖީއަށް

10 އޯގަސްޓް 2024

މާފުށީ ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވައްދާ ކަމަށް ތުހުމަތުވި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންގެ ތެރެއިން 13 މީހެއްގެ މަައްޗަށް ދައުވާކޮށްދޭން އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާފުށީ ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވައްދާ ކަމަށް ތުހުމަތުވި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންގެ ތެރެއިން 13 މީހެއްގެ މަައްޗަށް ދައުވާކޮށްދޭން އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

މާފުށީ ޖަލުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މި އޮފިސަރުން ހައްޔަރުކުރީ މިދިޔަ ޖޫން މަހުގެ 28ގަ އެވެ. ޖަލަށް ޑްރަގާއި ފޯނު ވެއްދުމުގައި ޖަލު އޮފިސަރުން އެހީތެރިވާ ކަމަށް ކުރާ ތުހުމަތާ ގުޅިގެން ބެލިއިރު، މި އޮފިސަރުންގެ މައްޗަށް ތުހުމަތުވާ ހެކިތައް ހުރި ކަމަށް ފުލުހުން ބުންޏެވެ.

އެ އޮޕަރޭޝަނަށް ފަހު ފުލުހުން ބުނެފައިވާ ގޮތުގައި، އެ ކުށް ކުރުމުގައި ޖަލު އޮފިސަރުންގެ 18 މީހަކު ބައިވެރިވި އެވެ. އެ މީހުންގެ އެކައުންޓުތަކަށް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 73.6 މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށެވެ.

އެއް އޮފިސަރެއްގެ އެކައުންޓަށް އެކި ފަހަރު މަތިން ޖުމްލަ 24 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މައްސަލަ ތަހުގީގު ކުރުމަށް ފަހު ދައުވާކޮށްދޭން ޕީޖީ އޮފީހަށް ފޮނުވައި ފުލުހުން ވަނީ އެ އޮފިސަރުންގެ ވަނަވަރު ވެސް އާއްމުކޮށްފަ އެވެ.

ދައުވާކުރަން ފޮނުވި 13 އޮފިސަރުން

- މާޒިން ހަމީދު، 22 (ހަވޭލި، ފ. ނިލަންދޫ)

- ޖިނާހް އަބްދުއްރަހީމް، 29 (އައިވަރީ ހައުސް، ރ. އުނގޫފާރު)

- މުހައްމަދު ފަތޫހް ފަތުހުﷲ، 24 (ކުއްޅަވަށްގެ، ގއ. ވިލިނގިލި)

- އަލީ ހިޝާމް، 33 (ބީޗްހައުސް، ކ. މާފުށި)

- މުހައްމަދު ނަބްހާން، 30 (ގ. އިވްނިންސްޓާ)

- މުހައްމަދު ނަބީލް އިބްރާހީމް، 21 (މ. މޭދާ)

- އަލީ ނާޒިމް، 36 (ތަރާނާ، ހދ. ނޭކުރެންދޫ)

- ޒަޔާން އަހުމަދު، 23 (މާވިނަ، ކ. މާފުށި)

- ޔާމީން ހުސެއިން 23 (ހިޖާޒް، ރ. މީދޫ)

- އަހުމަދު ޝަމާލް، 24 (ފަހާގެ، ށ. ފޯކައިދޫ)

- މުހައްމަދު ރިމާޒް، 29 (ދަނބުމާގެ، ށ. ފޯކައިދޫ)

- އަލީ އަޝްފާގު، 32 (ކާމިނީގެ، ނ. ލަންދޫ)

- އަހުމަދު އަނޫފް، 27 (ކާމިނީގެ، ނ. ލަންދޫ)

މާފުށީ ޖަލަށް ތަކެތި ވައްދާ ކަމުގެ ތުހުމަތުގައި އޮފިސަރުންތަކެއް ހައްޔަރުކޮށް، ދައުވާ ކުުރަން ފޮނުވި އިރު ބޮޑެތި ސްކޭމްތައްކޮށް ފައިސާ ފޭރިގަންނަ މައްސަލަތަކުގައި ވެސް މާފުށީ ޖަލުގެ ގައިދީންނާ އެކު ކަރެކްޝަނަލް ސާވިސްގެ ޖަލު އޮފިސަރުންގެ ބައިވެރިވުން އޮތް ކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.