24 އޮކްޓޯބަރ 2022
ރާއްޖޭގައި ހިންގާފައިވާ ސްކޭމް ކޯލްތަކުގެ އަދަދާއި އޭގެ ތެރެއިން ގެއްލިފައިވާ ފައިސާގެ އަދަދުތައް ސިއްސައިގެން ދާހާ ގިނަ އެވެ. ޖެނުއަރީ 1، 2019 އިން ފެށިގެން މި އަހަރުގެ މެއި މަހުގެ ނިޔަލަށް ސްކޭމް ކޯލްގެ 1423 މައްސަލައެއް ފުލުހުންގެ އިދާރާ އަށް ވަނީ ހުށަހަޅައިފަ އެވެ. އޭގެ ތެރެއިން ގިނައީ 100،000ރ. އަށް ވުރެ ގިނައިން ފައިސާ ވަގަށް ނަގާފައިވާ މައްސަލަތަކެކެވެ. ކޮންމެ އަހަރަކު އެތައް ބައެއް އަތުން މިލިއަނުން ފޭރެ އެވެ.
ރާއްޖޭގައި ހިންގާފައިވާ ސްކޭމް ކޯލްތަކުގެ އަދަދާއި އޭގެ ތެރެއިން ގެއްލިފައިވާ ފައިސާގެ އަދަދުތައް ސިއްސައިގެން ދާހާ ގިނަ އެވެ. ޖެނުއަރީ 1، 2019 އިން ފެށިގެން މި އަހަރުގެ މެއި މަހުގެ ނިޔަލަށް ސްކޭމް ކޯލްގެ 1423 މައްސަލައެއް ފުލުހުންގެ އިދާރާ އަށް ވަނީ ހުށަހަޅައިފަ އެވެ. އޭގެ ތެރެއިން ގިނައީ 100،000ރ. އަށް ވުރެ ގިނައިން ފައިސާ ވަގަށް ނަގާފައިވާ މައްސަލަތަކެކެވެ. ކޮންމެ އަހަރަކު އެތައް ބައެއް އަތުން މިލިއަނުން ފޭރެ އެވެ.
މި މައްސަލާގައި އެތައް ބަޔަކު ރުޅިގަދަވެ، މުއައްސަސާތަކާއި ބޭންކުތަކާ ދޭތެރޭ ސުވާލު އުފައްދާ ސަބަބުތައް ވެސް މަދެއް ނޫނެވެ. މުޅި އެތި ރާވައި ހިންގާ ގޮތުން މި ކަމަކީ އެތެރެއިން ގުޅިގެން ހިންގާ ޖަރީމާއެއް ކަމަށް ވެސް ބައެއް މީހުންނަށް ޝައްކު ކުރެ އެވެ.
ގުޅާ މީހުންނަށް ހުރިހާ މައުލޫމާތެއް ލިބެނީ ކިހިނެއް ކަމާއި ކާޑުގެ ތަފްސީލެއް ނުދެނީސް އެކައުންޓަށް ވަދެ ފައިސާ ނެގެނީ ކިހިނެއްތޯ އާންމުން ސުވާލު އުފައްދަ އެވެ.
އެތައް މިލިއަނުން ފައިސާ ފޭރިގަންނަ މައްސަލަ މިހާ ބޮޑުވެފައިވާ އިރު މިއަދާ ހަމައަށް ވެސް އެއިން މައްސަލައެއްގައި މީހަކު ހައްޔަރު ކުރި އަޑެއް ނާހަ އެވެ. ދައުލަތަށް އަތު ނުވާ ބަޔަކު އުޅެނީތޯ ނުވަތަ ބާރުގަދަ ބައެއްގެ ދަށުވެފައި ދައުލަތް އޮތީތޯ ވެސް ސުވާލު އުފައްދަ އެވެ.
ހަގީގަތުގައި މުޅި މަންޒަރު ސާފު ވާން އޮތީ ސްކޭމް ކޯލްތައް ހިންގާ މީހުން އުޅޭ ގޮތާއި ގެންގުޅޭ ޕެޓާންތައް ދެނެގަނެވިގެންނެވެ. އަދި އެކަމުގައި މުއައްސަސާތައް އަޅާ ފިޔަވަޅުތަކާއި އެޅުން މަޑުޖެހިފައި ހުރި ފިޔަވަޅުތަކާއި މުއައްސަސާތަކުގެ ދައުރަކީ ކޮބައިތޯ އާއި ހައްލު ކުރެވޭނެ ގޮތްތައް އެނގިގެންނެވެ.
އަހުމަދު މުހުސިން (އަސްލު ނަމެއް ނޫން) އަށް ފުރަތަމަ އަންނަނީ ކޯލެކެވެ. ގުޅި މީހާ ބުނީ އޭނާއަކީ އެޗްޑީސީގެ މުއައްޒަފެއް ކަމަށެވެ. ހިޔާ ފްލެޓުގެ ބާކީ ހުރި ފްލެޓްތަކުން ޖާގަ ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ. މުހުސިންގެ ނަން އޮތީ 106 މީހުންގެ ތެރެއިން 18 ވަނައިގައި ކަމަށާއި އެ ރޭ 8:45 ގައި އެޗްޑީސީ އޮފީހަށް އާދެވިދާނެތޯ އޭނާ ސުވާލު ކުރި އެވެ.
ކުއްލިއަކަށް އެހެން ގުޅާލުމުން އެ ގަޑިއަށް ދާން ދަތި ކަމަށް މުހުސިން ބުންޏެވެ.
"މައްސަލައެއް ނެތް. ބައްދަލުވުމުގައި އަޅުގަނޑުމެން ނިންމާ ކަންކަން ހިއްސާ ކޮށްލާނަން. ލިޔުންތައް ފޮނުވާލާނެ އީމެއިލް ވިދާޅުވެ ދީފާނަންތޯ؟" އެޗްޑީސީގެ މުއައްޒަފެއް ކަމަށް ހެދިގެން ގުޅި މީހާ ބުންޏެވެ.
މި ވާ ގޮތަށް ރަނގަޅަށް ނޭނގި ހުރެ ޖީމެއިލް އައިޑީ ހިއްސާ ކުރި އެވެ.
އަނެއް ދުވަހު ވެސް އެ ނަމްބަރުން ގުޅި އެވެ;
"އެޗްޑީސީން އިނގޭތޯ. މިއަދު 2:30 އަށް މި އޮފީހަށް ދުރުވެވިދާނެތޯ."
ހިޔާގެ ޓަވަރެއް: -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އެޗްޑީސީ މުއައްޒަފަކަށް ހެދިގެން ގުޅި މީހާ ބުނި ގޮތުގައި މުހުސިން ހޮވިފައި ވަނީ "ޖީ ކެޓަގަރީގެ" ފްލެޓަށެވެ. އެހެންވެ ފޯނަށް ޖީ އަކުރުން ފެށޭ ކޯޑެއް ދާނެ އެވެ. އެޗްޑީސީ އަށް އައުމުގެ ކުރިން ވެރިފަރާތްތޯ ޔަގީން ކޮށްލަން އެ މެސެޖު ކިޔައިދޭން އޭނާ އެދުނެވެ.
މި އުޅެނީ އެކައުންޓުން ފައިސާތަކެއް ފޭރި ގަންނަން ކަމަށް މުހުސިން ހީވެސް ނުކުރެ އެވެ. ޝައްކު ކުރަންވީ ސަބަބެއް ވެސް އޭނާ އަކަށް ނޭނގުނެވެ. އަހަނީ އެކައުންޓު ނަމްބަރެއް ނުވަތަ ކާޑުގެ ފަހަތުގައިވާ ތިން އަކުރެއް ނޫނެވެ.
އީމެއިލް އައިޑީ ދިނުމަކީ ފައިސާ ފޭރި ގަނެވިދާނެ ކަމެއް ކަމަށް އޭނާގެ ވިސްނުމަކަށް ނާދެ އެވެ. އެހެން ހިތަކަށް ވެސް ނާރަ އެވެ. ފޯނަށް އައި އޯޓީޕީ އަށް ވެސް މާ ބޮޑަށް ބަލައި ނުލައި ޖީ އަކުރަކުން ފެށޭ ކޯޑު ވެސް ކިޔައިދީފި އެވެ.
މުހުސިން އެ ނަމްބަރު ހިއްސާ ކުރުމަށް ފަހު އެޗްޑީސީ އޮފީހަށް ދިޔަ އެވެ. ކައުންޓަރުގަ އިން މީހާ ކައިރިން އަހާލައިގެން ސާފު ވާ ގޮތެއް ނުވި އެވެ.
ފްލެޓެއް ބަހަން އުޅޭކަން އެނގޭ މީހަކު އެޗްޑީސީ އޮފީހަކު ނެތެވެ. އަނބުރާ އެ ނަމްބަރަށް ގުޅުމުން ފޯނެއް ވެސް ނުނަގަ އެވެ. އިތުރަށް މައުލޫމާތު ސާފު ކުރުމުން ހިޔާގެ އެފަދަ އެއްވެސް ކަމެއް ނުކުރާ ކަމަށް އެޗްޑީސީން ބުންޏެވެ.
"އޭގެ އިރުތަކެއް ފަހުން ފިހާރައަކަށް ގޮސް ކާޑު މެޝިނުން ފައިސާ ކަނޑަން އުޅެ އުޅެ ނުވި. ބަލައިލި އިރު އެކައުންޓުގައި ހުރި އެތައް ހާސް ރުފިޔާއެއް ކުއްލިއަކަށް ގެއްލިއްޖެ. އެކައުންޓަށް ވަން ގޮތެއް އެ މީހުން އެކަން ކުރި ގޮތެއް އެއްގޮތަކަށް ވެސް ނުވިސްނޭ. ކާޑުގެ އެއްވެސް ތަފްސީލެއް އެކަކަށް ވެސް ނުދެން," އޭނާ ބުންޏެވެ.
ފޯނު ކުރީ އެޗްޑީސީގެ މުއައްޒަފެއް ނޫނެވެ. ފުލުހުން ދީފައިވާ ބައެއް މައުލޫމާތުތަކަށް ބަލާއިރު ބޮޑަށް ބެލެވެނީ އެ ގުޅީ ޖަލެއްގައި ބަންދުކޮށްފައި ހުރި ގައިދީ އެކެވެ. މުހުސިން އަކީ ފްލެޓެއް ބޭނުންވާނެ މީހެއް ކަން އެނގުނީ ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން އާންމު ކުރާ ފްލެޓް ލިސްޓުތަކުންނެވެ.
އެކައުންޓަށް ވަންނަން ފުރަތަމަ ބޭނުންވީ ޖީމެއިލް އައިޑީ އެވެ. ލިޔުންތައް ފޮނުވާލަން ކަމަށް ބުނެ ޖީމެއިލް ހޯދުމަށް ފަހު ދެން ޕާސްވޯޑު ރީސެޓު ކުރީ އެވެ. ރީސެޓް ކުރުމުން ފޯނަށް ޖީ އަކުރުން ފެށޭ ޓޫ ފެކްޓާ އޮތޮންޓިކޭޝަން ކޯޑު އަންނާނެ އެވެ. އެއީ ޖީ ކެޓަގަރީގެ ފްލެޓެއްގެ ވާހަކައެއް ނޫނެވެ. އެ ކޯޑު ލިބޭ ހިސާބުން ޖީމެއިލް އަށް ވަދެވޭނެ އެވެ.
ދެން ސުވާލަކީ ޖީމެއިލް އަށް ވަނަސް ބީއެމްއެލް އެކައުންޓަށް ވަދެވެނީ ކިހިނެއް ހެއްޔޭ އެވެ؟
އާންމުކޮށް ކޮންމެ މީހެއް ވެސް އިންޓަނެޓް ބޭންކިން އެކައުންޓްގެ ޔޫޒާ ނޭމް އާއި ޕާސްވޯޑު އަދި އެހެން ވެސް ސޯޝަލް މީޑިއާތަކުގެ ޕާސްވޯޑުތައް ހުންނާނީ ފޯނަށް ސޭވް ކޮށްފަ އެވެ. އެއީ ކޮންމެ ފަހަރަކު ޕާސްވޯޑު ޖެހުމުގެ ބަދަލުގައި ފޭސް އައިޑީ ނުވަތަ ފިންގާ ޕްރިންޓު ބޭނުން ކޮށްގެން އެކްސެސް ކުރުމަށެވެ.
ޕާސްވޯޑު ރީސެޓް ކުރަން ފޯނަށް ކޯޑު ފޮނުވުން
އެ ހުރިހާ ޕާސްވޯޑެއް ސޭވް ވެފައި ހުންނާނީ ކުކީސްގަ އެވެ. ޖީމެއިލް އޮތް މީހަކަށް ބްރައުޒާ އަކަށް ވަދެ ފަސޭހައިން ސޭވް ކޮށްފައި ހުރި ހުރިހާ ކުކީސްތައް ބަލައިލެވޭނެ އެވެ. އޭގެ ތެރެއިން ސޭވް ކޮށްފައިވާ ހުރިހާ އައިޑީ އާއި ޕާސްވޯޑުތައް ފެންނާނެ އެވެ. ގިނަ ފަހަރަށް ބީއެމްއެލްގެ އިންޓަނެޓް ބޭންކިން ޔޫޒާ ނަމާއި ޕާސްވޯޑު ވެސް ހުންނާނީ ސޭވް ކޮށްފަ އެވެ.
ކުރު ގޮތަކަށް ބުނާ ނަމަ ޖީމެއިލް އަށް ވަދެވޭ ހިސާބުން އެ މީހެއްގެ އިންޓަނެޓް ބޭންކިން އަށް ވަދެވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެއަށް ފަހު ބޭނުން ވަރަކަށް ފައިސާ ޓްރާންސްފާ ކުރުމަށް ފަހު ގުޅި މީހާ "ގެއްލެނީ" އެވެ.
ދެން ސުވާލަކީ އެ ފައިސާ ވަންނަނީ ކާކުގެ އެކައުންޓަކަށް ހެއްޔެވެ؟
ފުރަތަމަ ގުޅި ނަމްބަރު ޑިސްއޭބަލް ކޮށްލުމަށް ފަހު ސްކޭމް ކޯލް ކުރާ މީހާ އެހެން ނަމްބަރަކުން އަނެއްކާ އެހެން މީހަކަށް ގުޅަ އެވެ.
މިފަހަރު ހެދެނީ އެތައް ދުވަހަކަށް ފަހު އަލުން ގުޅައިގެން ވާހަކަ ދައްކާ ރައްޓެއްސަކަށެވެ. ނުވަތަ ދުރުތާ ތިމާގެ މީހަކަށެވެ. ނުވަތަ ކުރިން މަސައްކަތް ކުރި ކޮލީގަކަށެވެ.
އެ ސްކޭމްގައި ބެދުނު މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި ރައްޓެއްސަކަށް ހެދިގެން ގުޅި މީހާ، އެއްގޮތަކަށް ވެސް އޭނާ އަށް ކިޔާ ނަމެއް ނުބުންޏެވެ. އޭގެ ބަދަލުގައި އޭނާގެ އަޑު ވެސް ވަކި ކުރަން ނޭނގުމާއި ނަމްބަރު ވެސް ސޭވް ނުކޮށް އޮތުމުގެ ޝަކުވާ ކުރެ އެވެ. ހަގީގަތުގައި ވެސް އެއީ ހަނދާން ނެތިފައި ހުރި ރައްޓެއްސެއް ކަމަށް ހީކުރުވައި ހައްލައިލަ އެވެ.
"މަގޭ ނަމްބަރު ވެސް ސޭވް ނުކުރަން ދޯ. ދެން އެނގިދާނެތާ. މާލެ އަރައިފަ ކޮފީއަށް ދިޔައީމަ އެނގޭނެ ކާކު ކަން،" ރައްޓެއްސެއް ދައްކާ ސަމާސާ ރާގަކުން ސްކޭމް ކޯލް ކުރާ މީހާ ބުނެ އެވެ.
އޭގެ އެއް ދުވަސް ފަހުން އެ ނަމްބަރުން އަނެއްކާ ވެސް ގުޅި ކަމަށް އޭނާ ބުންޏެވެ.
މިފަހަރު ހުރީ ވަރަށް ހާސް ވެފަ އެވެ. އޭނާ ބުނާ ގޮތުން އާއިލާ މީހަކު ވަރަށް ބޮޑަށް ބަލިވެ ހޮސްޕިޓަލުގައި އޮތީ ބާއްވައިފަ އެވެ. މިވަގުތު ރިސޯޓުގައި ހުރުމުން މާލެ އަށް އަންނަން އުނދަގޫ ކަމަށާއި އޭނާ ޖަމާކޮށްލާ 9000ރ. ހޮސްޕިޓަލު ކައިރިޔަށް ގޮސް އާއިލާ މީހަކާ ހަވާލު ކޮށްލަ ދެވިދާނެތޯ ސްކޭމް ކުރާ މީހާ ސުވާލު ކުރި އެވެ.
މިއީ ސްކޭމެއް ކަމެއް ޝައްކު ވާންވީ އެއްވެސް ސަބަބެއް ގިނަ މީހުންނަށް ނުވިސްނެ އެވެ. ސަބަބަކީ ފައިސާއެއް ހޯދުމުގެ ބަދަލުގައި މި މީހާ ދައްކަނީ ފައިސާތަކެއް ޖަމާ ކުރާ ވާހަކަ އެވެ. އެހެން މީހަކަށް ލަނޑެއް ލިބުނު އަޑު ދުވަހަކު ވެސް ނާހަ އެވެ.
"އެހާ ބޮޑަކަށް އެ ގަޑީގައި ނުވިސްނަން. ރައްޓެއްސަކަށް އަދި ދަންނަ އެހެން މީހެއް ވިޔަސް މީހަކަށް އެހީއެއް ވާން އެވަރުގެ ކަމެއް ކޮށްލެވިދާނެ. އެހެންވެ އެކައުންޓް ނަމްބަރު ފޮނުވީ،" އޭނާ ބުންޏެވެ.
އެކައުންޓް ނަމްބަރު ފޮނުވުމުން ވަގުތުން 9000ރ. އެކައުންޓަށް ޖަމާކޮށްފި އެވެ. އެހާ ހިސާބުން ވަރަށް ގިނައިން ގުޅަން ފެށި ކަމަށް އޭނާ ބުންޏެވެ. އަދި ދާންވީ ލޮކޭޝަން ކިޔައިދީ އަދި ހަވާލު ކުރާ މީހާ ލައިގެން ހުންނާނެ ހެދުމުގެ ކުލަ ކިޔައިދިނެވެ. އެއަށް ފަހު އޭނާ ބުނި ގޮތަށް އެ ފައިސާ ހަވާލު ކުރި ކަމަށް އޭނާ ބުންޏެވެ.
ދެވަނަ މީހާ އަށް ވެސް ވާނުވާ އެނގުނީ އެކައުންޓް އެއް ގޮތަކަށް ވެސް ބޭނުން ނުކުރެވުމުންނެވެ. ބީއެމްއެލް އަށް ގުޅުމުން ބުނި ގޮތުގައި އޮޅުވާލައިގެން މީހެއް އަތުން ފައިސާތަކެއް ހޯދި މައްސަލާގައި މި އެކައުންޓް ވަނީ އިން އެކްޓިވް ކޮށްފަ އެވެ.
އޭނާ އަށް ލިބުނީ ބޮޑު ސިހުމެކެވެ!
އެންމެ ފުރަތަމަ އެކައުންޓް އަތުލި މުހުސިންގެ ފައިސާތައް މި ސްކޭމް ކޯލް ކުރާ މީހާގެ އަމިއްލަ އެކައުންޓަށް ޖަމާ ކޮށްފި ނަމަ އެއީ ކާކުކަން ހޯދައިގަނެވޭނެ އެވެ. އެ ފައިސާ ވެސް ބޭންކަށް ހިފެހެއްޓޭނެ އެވެ.
އެހެންވެ އެކަން ކުރާ މީހުން އެ ތުހުމަތު އެހެން މީހެއްގެ ބޮލުގައި އަޅުވައި ނަގުދު ފައިސާ އެ މީހާ ލައްވާ ނަގައިގެން އެހެން މީހަކާ ހަވާލު ކުރުވަނީ އެވެ.
އޭގެ ސަބަބުން ގާނޫނީ ގޮތުން ކުށުގެ ގޮޅިއަކަށް ފެތެނީ ފައިސާ ވަން އެކައުންޓުގެ ވެރި ފަރާތާ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މި ފަހަކަށް އައިސް އެތައް ބައެއްގެ އެކައުންޓަށް މިގޮތަށް ފައިސާ ވައްދައިގެން ލަނޑު ލިބިފައި އެބަހުއްޓެވެ. މި މައްސަލަތައް ބޭންކާ ގުޅިގެން ހައްލު ވަނީ އެންމެ ގޮތަކަށެވެ. އެއީ ޕްރައިމަރީ ވިކްޓިމް އަތުން ގެއްލުނު ފައިސާ ސެކަންޑަރީ ވިކްޓިމް ދެއްކުމެވެ.
އެއްވެސް ފައިސާ އެއް ދައްކަން ނުޖެހި އަސްލު ކުށް ކުރާ މީހާ މުއައްސަސާތަކުގެ އަތް ދަށުން ސަލާމަތްވެ އެވެ. އޭނާއާއެކު ނަގުދު ފައިސާ ނަގައިގެން ގޮސް ހަވާލު ކުރި މީހާ ވެސް ނުހޯދެ އެވެ.
ސްކޭމްގެ ވިކްޓިމްތަކުގެ އަތުން ނަގާ ފައިސާތައް ދައުރުކޮށް މާލެ ތެރޭ އަނބުރާ ގޮތުގެ ބައެއް ތަފްސީލްތައް ދެއްވަމުން ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް މުހައްމަދު އުސްމަތު "މިހާރު" އަށް ވިދާޅުވި ގޮތުގައި ބައެއް ހާލަތްތަކަކުގައި ލައްކައެއްހާ ރުފިޔާ އޭޓީއެމް އިން ނަގަން ޖެހިއްޖެ ނަމަ ހަތަރު މީހެއް ލައްވާ 25،000ރ. އިން އެ ފައިސާ ނަގަ އެވެ. އެއަށް ފަހު އެ އެންމެން ވެސް ގޮސް ފައިސާތައް ކަލެކްޓާ އަކާ ހަވާލު ކުރެ އެވެ.
އުސާމަތު ވިދާޅުވި ގޮތުގައި ގިނަ ފަހަރަށް އެ ކަލެކްޓާ އިންނަކީ ވެސް އެކަކެއް ނޫނެވެ. އެއީ ވެސް ބައެއް ފަހަރު ކުށުގެ މާހައުލުގެ ތެރެއިން ނުވަތަ މަސްތުވާތަކެތި ބޭނުން ކުރަމުން އަންނަ މީހުންގެ ތެރެއިން ނަގައިގެން އުޅޭ ބައެކެވެ. އެ މީހުންނަށް ވެސް ގިނަ ފަހަރަށް މާ ގިނަ ތަފްސީލެއް ކިޔައެއް ނުދެ އެވެ.
"އެއީ ކޮން ބައެއް ކަން ދެނެގަނެވިއްޖެ ނަމަ އެ މީހުންނާ ސުވާލު ކުރުމުން މި ބުނަނީ ތިމަންނަ މިވެނި މީހަކާ ހަވާލު ކުރީމޭ. ދެން އެ ހަވާލު ކުރި މީހާ އަނެއްކާވެސް ދެނެގަންނަން ބޮޑެތި ހުރަސްތަކެއް ހުރޭ،" އުސާމަތު ވިދާޅުވި އެވެ.
އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް މުހައްމަދު އުސްމަތު -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ފައިސާ ދައުރުކޮށް ގެއްލުވާލަން ބައެއް ފަހަރު ފިހާރަތަކަށް ގޮސް ފޯނު ފަދަ އިލެކްޓްރޯނިކް އަގު ބޮޑު ސާމާނު ގަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އެއަށް ފަހު އެ ތަކެތި ވެސް އެހެން ބަޔަކާ ހަވާލު ކޮށްގެން އެއްގޮތަކަށް ވެސް ޓްރޭސް ނުކުރެވޭ ވަރަށް ގެއްލުވާލާ ކަމަށް އުސްމަތު ވިދާޅުވި އެވެ.
"އަތުން އަތަށް އެއްޗެހި ހަވާލު ކުރާ އިރު ވަރަށް ބޮޑާށް ބަލާފައި ހުރޭ އެއްވެސް ކެމެރާއެއް ނުހުންނަ ތަންތަން. އެ ހިސާބުތައް ކުރިން ހޯދައިގެން އެ ތަންތަނުން ހަވާލު ކުރަން ބުނެފަ މި ހުންނަނީ،" އޭނާ ވިދާޅުވި އެވެ.
އުސާމަތު ވިދާޅުވި ގޮތުގައި މި މައްސަލަތަކުގައި ވިކްޓިމް އަށް އެންމެ މުހިންމީ ބަޔަކު ޖަލަށް ލުމުގެ ބަދަލުގައި ގެއްލޭ ފައިސާ އަނބުރާ ހޯދުމެވެ. ނަމަވެސް ރިކަވާ ކުރުމަކީ މިވަގުތު އެންމެ ކުރަން އުނދަގޫ ކަންތައް ކަމަށް އޭނާ ވިދާޅުވި އެވެ.
ސްކޭމް ކުރުމުގެ މައްސަލަތަކުގައި ފުލުހުން ބައެއް މީހުންނަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައި ވެސް އެބަ ހުއްޓެވެ. ނަމަވެސް އެއީ ޕްރައިމަރީ ވިކްޓިމްގެ ފައިސާ ގޮސް ވަން ސެކަންޑަރީ ވިކްޓިމް އެވެ. މި ސަބަބާ ހެދި އެފަދަ މައްސަލަތައް ޕީޖީން ދައުވާއެއް ނުކުރެ އެވެ.
ބޮޑު ނެޓްވޯކެއް ގޮތަށް އޮޕަރޭޓުކޮށް މުގުލުގައި މިކަން ހިންގާ ބަޔަކަށް މިހާތަނަށް ފުލުހުންނަށް ވާސިލް ނުވެ އެވެ. ތިން ހަތަރު އަހަރުވެ އެތައް މިލިއަނެއް ފޭރުނު އިރު އެކަކު ވެސް އަތެއް ނުވެ އެވެ.
ސަރުކާރުގެ މުއައްސަސާތަކުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކާއި ބައެއް ފަހަރު މީޑިއާތަކުގައި ވެސް ބުނާ ވާހަކައަކީ މި ސްކޭމް ކޯލްތައް ކުރަނީ ޖަލުގައި ތިބި ގައިދީން ކަމެވެ.
ރާއްޖޭގެ ޖަލުގެ މާހައުލު އޮތް ގޮތުންނާއި މިކަން ރާވައިގެން ހިންގާ ގޮތުން ޖަލު ވެފައި އޮންނަނީ އެ މީހުންނަށް އެންމެ ޕާފެކްޓް ސްޕޮޓަށް ކަމަށާއި އެކަން ކުރާ ވަކި މީހަކު އަތުލައިގަންނަން ބޮޑެތި ގޮންޖެހުން ހުރި ކަމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ބުނެ އެވެ.
"މިހާރު" އާ ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވި ގޮތުގައި އޭގެ އެއް މިސާލަކީ ޖަލުގެ އާބާދީ އެވެ. މިސާލަކަށް ފޯނު ކޯލުތައް ކުރާ ސީދާ ޖަލު ގޮޅި އެނގުނަސް އެއް ގޮޅިއެއް ތެރޭ 30 މީހުން ތިބެދާނެ ކަމަށާއި އޭގެ ތެރެއިން ސްކޭމް ކޯލް ކުރީ ސީދާ ކާކު ކަމެއް ނޭނގޭނެ އެވެ. ވަކި މީހަކަށް ތުހުމަތު ކުރިޔަސް ސާބިތު ކުރެވޭނެ އެއްވެސް ގޮތެއް ނޯވެ އެވެ.
ހުރިހާ ސްކޭމް ކޯލެއް ކުރަނީ ފޯނުގެ ޒަރިއްޔާ އިން ކަމަށްވާއިރު އެ ކޯލުތައް ޖޭމް ނުކުރެވެނީ ކީއްވެތޯ ސުވާލު ކުރުމުން ސަރުކާރުގެ އޮފިޝަލުން އެންމެ ކުރިޔަށް ނެރޭ ވާހަކައަކީ މާފުށީގެ މައްސަލަ އެވެ.
ބޮޑު ޓޫރިސްޓް ޑެސްޓިނޭޝަނެއް މެދުގައި ޖަލެއް ހުރުމުން އެ ޖަލު ޖޭމް ކުރާ ހިސާބުން މުޅި ސަރަހައްދުގެ ފޯނުތަކާއި ރޭންޖުތަކަށް ބުރޫ އަރާ ކަމަށާއި ޖަލު ހުރި ތަނުގެ ސަބަބުން އެތައް ބަޔަކަށް އޭގެ ސަބަބުން ގެއްލުންވާތީ ޖާމް ނުކުރެވޭ ކަމަށް ޖަލު ބަލަހައްޓާ ފަރާތުން ބުންޏެވެ.
ނަމަވެސް މި މައްސަލައިގެ ހައްލަކާ ބެހޭ ގޮތުން އެ ދާއިރާ އަށް ގިނަ ދުވަހު ހިދުމަތް ކުރުމަށް ފަހު ރިޓަޔާ ކުރައްވާފައިވާ ބޭފުޅަކު ވިދާޅުވި ގޮތުގައި ހައްލު އަންނަ ފުރަތަމަ ހިސާބަކީ ޖަލަށް ފޯނު ވެއްދުން ހުއްޓުވުމެވެ.
މާފުށީ ޖަލުގެ ސެކިއުރިޓީ ޕޯސްޓެއްގައި ސިފައިން ހަރަކާތްތެރިވަނީ.
"ޖަލުގެ އެތެރެއިންނާއި ބޭރުގެ ސްކޭންތަކުން ވެސް ފުރޭނިގެން ފޯނުތައް ގައިދީންނާ ހަމައަށް އަންނަ ކަމަށް ވާނަމަ ކޮންމެވެސް އެއް ލޭޔާއެއްގެ ސެކިއުރިޓީ ފުލުހުން ނޫނީ އެމްއެންޑީއެފް އާ ހަވާލު ކުރަން ޖެހޭ. އޭރުން މުއައްޒަފުން ގުޅިގެން ހިންގާ ކަންކަން ވަރަށް ބޮޑަށް މަދު ކުރެވޭނެ،" އޭނާ ބުންޏެވެ.
ދެވަނަ ކަމަކަށް އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ އަށް ގެނެސްފައިވާ ޖޭމަރުތަކަކީ އެކި ރޭންޖުތަކަށް ސެޓު ކުރުމަށް ފަހު ބޭނުން ކުރެވޭ އެއްޗެކެވެ. މިހާރު ރޭންޖު ދުއްވާލަން ބޭނުންވާ ސީދާ ހިސާބުތަކުން ކަނޑާލައިގެން އެކަން ކުރެވޭނެ ވަރަށް އެޑްވާންސް އެތައް ޓޫލެއް ކަމާބެހޭ ފަރާތްތަކަށް ހޯދޭނެ ކަމަށް އޭނާ ބުންޏެވެ.
"ބޭނުމިއްޔާ 30-25 މީޓާ ރޭޑިއަސް އަކަށް ބްލޮކް ކުރެވޭނެ ރާއްޖޭގައި ހުރި ޖޭމަރުތަކުން. ވަށައިގެން އިންނަ ސަރަހައްދުގައި އެއްވެސް އެކަހަލަ ޑިވައިސް އެއް ބޭނުން ނުކުރެވޭ ގޮތަށް ބްލޮކް ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
ޖޭމަރާ ހަމައިން މި މައްސަލަ ހައްލު ނުވާތީ މި ސަރުކާރުން ވަނީ ޖަލުތަކުގައި އެންޓަނާތަކެއް ހަރުކޮށްފަ އެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުން އެ އެންޓަނާތައް ބޭނުން ކޮށްގެން ފޯނު ކުރާ މީހުންގެ ހުރިހާ ޑޭޓާތަކެއް ކަރެކްޝަނަށް މިހާރު ހޯދޭނެ އެވެ. އެކަމަކު އެކަމާ ބެހޭ އިތުރު ތަފްސީލެއް އެ މުއައްސަސާ އިން ނުލިބެ އެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ވަރަށް ފުޅާ ދާއިރާއެއްގައި ހިންގާ ފްރޯޑް ކޯލްސްގެ މައްސަލަ އާ ދެކޮޅަށް ކުރާ އެންމެ މުހިންމު ކަމަކީ އެކަން ކުރާ މީހުންނަށް އެންމެ މުހިންމު ޓޫލްތައް އަތުލުމެވެ. އެއީ ޕްރީ ޕެއިޑް ސިމް އެވެ.
ޖަލެއްގެ ތެރޭ ވިޔަސް ނުވަތަ އެހެން ތަނެއްގައި ވެސް ސިމް އެއް ނެތި އެފަދަ ސްކޭމް ކޯލްއެއް ނުކުރެވޭނެ އެވެ. މި މައްސަލަ ރާއްޖޭގައި ހައްދުން ނެޓިގެން ކޮންޓްރޯލް ނުކުރެވިގެން އުޅެނީ ވެސް ހަމައެއް ލަމައެއް ނެތި ބޭނުން މީހަކަށް އެތައް ހާސް ސިމްއެއް ނެގޭ ގޮތަށް އޮތުމެވެ.
އެކަން ކޮންޓްރޯލް ކުރަން ޓެލެކޮމިއުނިކޭޝަން ހިދުމަތް ދޭ ކުންފުނިތަކުން އަމަލު ކުރަން ޖެހޭ އުސޫލުތައް ހަރުކަށި ނުކޮށް އޮތުމެވެ. އެކަމުގައި ޒިންމާވާން ޖެހޭ މޯލްޑިވްސް ކޮމިއުނިކޭޝަން އޮތީރިޓީ އެއްވެސް ޒިންމާއެއް ނުއުފުލާ ނިދަައިފަ އޮތުމެވެ.
ސިމް ކާޑުތަކެއް
މި ރިޕޯޓަށް ވާހަކަ ދެއްކެވި ޓެލެކޮމިއުނިކޭޝަން ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި އެންމެ ގިނަ ސްކޭމް ކޯލްތައް އަންނަނީ ރެޖިސްޓާ ނުކޮށް ހުންނަ ނަމްބަރުތަކުންނެވެ. ގިނަ ފަހަރަށް އެއީ ސިމް ވިއްކާ އަމިއްލަ ފިހާރަތަކާއި އެޖަންޓުންނަށް ހަވާލު ކޮށްފައި ހުންނަ ސިމްތައް ވެސް ގިނަ ފަހަރަށް ހުންނަނީ އެއްވެސް ހަމައެއް ނެތި ބަހާލައިފަ އެވެ.
ރަޖިސްޓަރީ ކޮށްފައި ހުރި ނަމްބަރަކުން އެފަދަ ކޯލެއް ކުރާ ނަމަ ލޮކޭޓް ކޮށްގެން ބަލާއިރު ގިނަ ފަހަރަށް އެ ނަމްބަރަކީ ބިދޭސީއެއްގެ ނަމުގައި ނަގާފައި އޮންނަ ނަމްބަރެކެވެ. އެއީ ރާއްޖޭގައި ނުވެސް އުޅޭ މީހަަކަށް ވެދާނެ އެވެ.
އެނގިފައިވާ ގޮތުގައި މިގޮތަށް އެކެއްގެ ނަމުގައި 5000-7000 ދެމެދުގެ އަދަދަކަށް ވެސް ސިމް ނަގާފައި އެބަހުއްޓެވެ.
ސަލާމަތީ ހިދުމަތްތަކާ ބެހޭ ތަޖުރިބާކާރުން ވިދާޅުވާ ގޮތުން އެއީ ގައުމީ ސަލާމަތަށް ވެސް ރައްކާތެރި ކަމެއް ނޫނެވެ. އެގޮތަށް ތަހުޒީބު އެއްވެސް ގައުމެއްގައި ސިމް ނެގުން އެގޮތަށް ދޫކޮށްލައިފައެއް ނޯވެ އެވެ. ގަވައިދު ހަރުކަށިކޮށްގެން ރަޖިސްޓްރީ ކުރުމުގެ އުސޫލު ހަރުކަށި ކުރަން ޖެހޭ ކަމަށާއި ސިމް ނަގާ މީހުން އައިޑެންޓިފައި ކުރެވި އެ މީހުން ޒިންމާދާރު ކުރެވޭނެ ގޮތް ހަދަން ޖެހޭނެ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.
އޭގެ ބަދަލުގައި މިހާރު މި އޮތް ގޮތުން ސިމް ވިޔަފާރިން މިލިއަނުން ފައިދާ ވަނީ ޓެލެކޮމިއުނިކޭޝަން ހިދުމަތް ދޭ ދެ ކުންފުންޏާއި ސްކޭމް ކޯލް ކުރާ ގައިދީންނެވެ.
މި މައްސަލަ އަށް ހައްލެއް ގެންނަން ބޭނުން ނަމަ އެއް ގޮތުން ނޫނީ އަނެއް ގޮތުން ވެސް އެކަން ކުރެވިދާނެ އެވެ. ހަރުދަނާ އުސޫލެއްގެ ދަށުން ސީރިޔަސްކޮށް މި މައްސަލަތައް ނަގައި ރައްޔިތުންނަށް މިވަމުން އަންނަ ގެއްލުންތައް ބަލަން ޖެހެ އެވެ. ސްކޭމް ކޯލަށް ހުޅުވިފައި އޮތް ގިނަ ދޮރުތައް ބަންދު ކުރެވޭނެ އެވެ.
ޖަލަށް މަނާތަކެތި ވައްދާ އޮފިސަރުންގެ މައްސަލަ ޕީޖީއަށް
ޖަލު އޮޕަރޭޝަން: ފޯނާއި ސިމް ކާޑާއި މަސްތުވާތަކެތި
ސްކޭމާއި ޓެރަރިޒަމަށް ތުހުމަތުކޮށް ޖަލު ފާސްކުރަނީ
އޮފިސަރުންގެ މައްސަލަ:އެންމެން ދޫކޮށްލަން ޕީޖީން އެދެފި
މަނާތަކެތި ވެއްދި މައްސަލާގައި ބަންދުކުރީ ގޯސްކޮށް
މަނާތަކެތި ވައްދާ ނެޓްވޯކްގެ ފަސް އޮފިސަރަކަށް ދައުވާ!
ސްކޭމްތަކާ ގުޅިގެން 500 އެކައުންޓް ބްލޮކް ކޮށްފި
ސްކޭމް ހުއްޓުވާ އެންޓަނާގެ ބޭނުން ނުކުރެވޭ:ކަރެކްޝަންސް
ސްކޭމްތަކާ ގުޅިގެން އިދާރާތައް އެސްއޯއީ ކޮމިޓީއަށް
ސްކޭމްތަކުގައި ޖަލު އޮފިސަރުން ބައިވެރިވޭ: ޕޮލިސް