Roadha Mihaaru
އެންމެ ގިނަ ސިމް ރާއްޖޭގައި ނޫޅޭ ބިދޭސީންގެ ނަމުގައި!

އެންމެ ގިނައިން ސިމް ހުރީ ރާއްޖޭގައި ނޫޅޭ ބިދޭސީންގެ ނަމުގައި: ޕޮލިސް

16 ނޮވެމްބަރ 2022

ރާއްޖޭގައި މޮބައިލް ސިމް ކާޑު ގަނެފައިވާ މީހުންގެ ތެރޭގައި އެންމެ ގިނައީ ބިދޭސީން ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މޮބައިލް ސިމް ކާޑު ގަނެފައިވާ މީހުންގެ ތެރޭގައި އެންމެ ގިނައީ ބިދޭސީން ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

"ދިވެހިރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ސިމްކާޑު ބަަލައިގެންފައި ނުވަތަ ގަނެފައި ތިބި ފަރާތްތަކަށް ބަލާއިރުގައި އެންމެ ޓޮޕް 5 ގައި ތިބީ ބިދޭސީން. ދިވެހިރާއްޖޭގައި ނޫޅޭ ބިދޭސީން. ކޮންމެ މީހަކަށް އެވްރެޖްކޮށް 5،000 ސިމް ކާޑު،" މި ސަރުކާރަށް ހަތަރު އަހަރު ފުރުން ފާހަގަކުރުމަށް މިހާރު ކުރިއަށް ގެންދާ މީޑިއާ ބްރީފިންގައި ސީޕީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި އެއީ ކުރިން ރާއްޖޭގައި އުޅެފައި އެކަމަކު މިހާރު ރާއްޖޭގައި ނޫޅޭ ބިދޭސީންނެވެ.

ޕޮލިސް ކޮމިޝަނަރު ވިދާޅުވީ، ކުށްކުރުމަށާއި ސްކޭމާއި ޓެރަރިޒަމްގެ އަމަލުތައް ހިންގާ އެންމެން ބޭނުންކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެނގޭ ވަރަކުން މިދަނީ މި ކަންކަމަށް ފިޔަވަޅު އަޅަމުން. ޖަލުތެރެއަށް ވައްދައިގެން ބޭނުންކުރާ ފޯނުތައް މި ގެންދަނީ ބްލޮކް ކުރަން މަސައްކަތް ކުރަމުން. އެކަމާ ގުޅިގެން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އާއި އަދި ޓެލެކޮމިއުނިކޭޝަން ސާވިސަސް ޕްރޮވައިޑަރުންނާ ގުޅިގެން މަސައްކަތްތަކެއް ކުރަމުން. އަދިވެސް އޭގައި އެ ބަހުރި ގޮންޖެހުންތަކެއް،" ހަމީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސިމްތައް ބޭނުންކޮށްގެން ކުރާ ކުށްތައް ހުއްޓުވަން މިދިޔަ ހަތަރު އަހަރު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެއީ:

● ސްކޭމް ކޯލްތައް ހުއްޓުވަން 3،130 ފިޔަވަޅެއް.

● 2،796 ސިމް ކާޑުތައް ފުލުހުން މެދުވެރިވެގެން ކަނޑާލި.

● 817 މޮބައިލް ފޯނެއް ރާއްޖޭގެ އެއްވެސް ޓެލެކޮމިއުނިކޭޝަން ޕްރޮވައިޑާއެއްގެ ތެރޭގައި ބޭނުން ނުކުރެވޭ ގޮތަށް ބްލޮކް ކޮށްފައި.

● 8 އައިޕީ އެޑްރެސް ބްލޮކް ކުރި.

ޕޮލިސް ކޮމިޝަނަރު ވިދާޅުވީ، ޑިމޮކްރެސީ އާއި އިންސާނީ ހައްގުތައް ދިވެހިންގެ ތެރޭގައި ވަރަށް ބޮޑަށް އޮންނައިރު، ޒާތީ މައުލޫމާތުތައް ރައްކާތެރި ނުކުރެވުމަކީ ވެސް އަވަހަށް މައްސަލަ ހައްލު ކުރަން އޮތް ހުރަހެއް ކަމަށެވެ. އެހެންވެ، މުވާސަލާތީ ހިދުމަތް ދޭ މީހުންނާއެކު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ބްރީފިންގައި ޕްރިޒްންސް ކޮމިޝަނަރު އަހުމަދު މުހައްމަދުފުޅު ވިދާޅުވީ، ޖަލަށް ވައްދާ ފޯނުތައް އަތުލައިގަންނަން މާފުށީ ޖަލުގައި ކުރިން ޖޭމަރެއް ހަރުކުރި ކަމަށެވެ. އެކަމަކު އޭގެ "އެންމެ އެދެވޭ ނަތީޖާ" ނުނިކުންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ޖޭމަރުގެ ސަބަބުން މާފުއްޓާއި ކައިރި އެހެން ރަށްރަށުގެ މީހުންގެ ފޯނުތައް ޖޭމްވާ މައްސަލަ ނުކުތް ކަމަށް ޕްރިޒްންސް ކޮމިޝަނަރު ވިދާޅުވި އެވެ.

އެކަމަކު، އެ ޝަކުވާތަކާ ގުޅިގެން އެ މައްސަލަ ހައްލު ކުރުމަށްޓަކައި "ހަނީޕޮޓެއް" ގާއިމު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕްރިޒްންސް ކޮމިޝަނަރު އަހުމަދު މުހައްމަދުފުޅު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ޕްރިޒްންސް ކޮމިޝަނަރު އަހުމަދު މުހައްމަދުފުޅު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"މިހާރު މާފުށީ ޖަލުގައި އެ ކަން ހައްލު ކުރުމަށްޓަކައި ޖަލުގައި އެ ކަމަށް ހާއްސަ ޓަވަރެއް ޖަހާފައި ހުންނާނެ. އަދި ޖަލު ސަރަހައްދުގައި މޮބައިލް ފޯނު ބޭނުންކުރާ ހުރިހާ ފަރާތެއްގެ، ހުއްދަ ލިބިގެން ފޯނު ބޭނުންކުރާ ހުރިހާ ފަރާތެއްގެ ބްލެކް އެންޑް ވައިޓް ލިސްޓެއް ކަނޑައަޅައި އެ ފަރާތްތަކުގެ އައިޕީ ނަމްބާސް އާއި ހުރިހާ ޑިޓެއިލްސްއެެއް އެނގޭ ގޮތަށް މިހާރު ހުންނާނީ ކަމާބެހޭ ފަރާތާ ހަވާލު ކޮށްފައި،" އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ޖަލުގެ އެންޓެނާ އަށް "ހިޓްކުރާ" އެހެން މައުލޫމާތުތައް ވެސް ނަގައި ފުލުހުންނާއި ކޮމިއުނިކޭޝަން އޮތޯރިޓީގެ އެހީތެރިކަމާއެކު އަޅަންޖެހޭ ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ.

"އެހެން ނަމަވެސް އަދިވެސް ފާހަގަކުރެވޭ އެންމެ އެދެވޭ ހައްލު ނާންނަކަން. މިހާރު މި އޮތް މައްސަލަ އަށް ހައްލު ގެނައުމަށްޓަކައި ކަމާ ގުޅޭ ގާނޫނުތަކަށް ބަދަލު ގެންނަން ޖެހޭ. ހަމަ އެއާއެކު އިތުރު އެހެން ވަސީލަތްތައް ހޯދުމަށްޓަކައި ކުރަންޖެހޭ މަޝްވަރާތައް ކޮށް، އެ ހޯދަންޖެހޭ ވަސީލަތްތައް ހޯދުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރަން،" ޖަލުތަކުގެ އިސްވެރިޔާ ވިދާޅުވި އެވެ.