Roadha Mihaaru
ޓްރަމްޕް ގޯސް މަގުން ދާނަމަ ހަމަ މަގަށް އަޅުވާނަން

ޓްރަމްޕް ވެސް ގޯސް މަގުން ދާނަމަ ހަމަ މަގަށް އަޅުވާނަން: އޮބާމާ

21 ނޮވެމްބަރ 2016

ލީމާ (ނޮވެމްބަރު 21) - އެމެރިކާ އިން ގަބޫލް ކުރާ މައިގަނޑު އުސޫލްތަކާ، ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕް ޚިލާފުވެވަޑައިގަންނަވާ ނަމަ ހަމަ މަގަށް އަޅުވާނެ ކަމަށް ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ލީމާ (ނޮވެމްބަރު 21) - އެމެރިކާ އިން ގަބޫލް ކުރާ މައިގަނޑު އުސޫލްތަކާ، ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕް ޚިލާފުވެވަޑައިގަންނަވާ ނަމަ ހަމަ މަގަށް އަޅުވާނެ ކަމަށް ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

އެކަމަކު އެމެރިކާގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުން އޭނާގެ ފަހުން ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުން ކަންކަން ކުރައްވާ ގޮތަށް ފާޑު ވިދާޅުވުމަކީ އާއްމުކޮށް ކުރާ ކަމެއް ނޫނެވެ. ނަމަވެސް ޕެރޫގައި ކުރިއަށް ދިޔަ އޭޕެކް ސަމިޓަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވީ ޓްރަމްޕް ވެސް ގޯސް މަގުން ދާ ނަމަ އެ ވާހަކަ ބުނާނީ އެމެރިކާގެ އާދައިގެ ރައްޔިތެއްގެ ހައިސިއްޔަތުން ކަމަށެވެ. އަދި ޓްރަމްޕުގެ ސިޔާސަތުތައް އެކުލަވާލާ ކުރިއަށް ދިއުމަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވެސް އޮބާމާ ވަނީ ވިދާޅުވެފަ އެވެ.

"އެމެރިކާގެ ރައީސް އަށް އިހްތިރާމް ކުރަން ޖެހޭނެ. ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕް ކުރިއަށް ވަޑައިގަތުމަށް ފުރުސަތު ދޭން ޖެހޭނެ. އެކަމަކު އެމެރިކާ އިން ގަބޫލް ކުރާ މައިގަނޑު އުސޫލްތަކާ ޚިލާފަށް ޓްރަމްޕް ކުރިއަށް ވަޑައިގަންނަވާ ނަމަ އެމެރިކާގެ އާދައިގެ ރައްޔިތެއްގެ ހައިސިއްޔަތުން އެ ވާހަކަ ބުނުމަކީ އަޅުގަނޑަށް ވެސް ލިބޭނެ ހައްގެއް،" އޮބާމާ ވިދާޅުވި އެވެ.

އިންތިޚާބު ކާމިޔާބު ކުރުމާ ގުޅިގެން ރައީސް އޮބާމާ (ކ) ވައިޓް ހައުސްގައި ޓްރަމްޕާ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭޕީ

އިންތިޚާބު ކާމިޔާބު ކުރުމާ ގުޅިގެން ރައީސް އޮބާމާ (ކ) ވައިޓް ހައުސްގައި ޓްރަމްޕާ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭޕީ

އޮބާމާ ވަނީ އޭނާ އަކީ ގައުމާ މެދު ވަރަށް ބޮޑަށް ވިސްނާ އާއްމު ރައްޔިތެއް ކަމަށް ވިދާޅުވެފަ އެވެ.

ޓްރަމްޕާ ވެރިކަން ހަވާލު ކުރުމަށް ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށާއި ޖޯޖް ޑަބްލިއު. ބުޝްގެ ފަރާތުން އޮބާމާގެ ޓީމަށް ލިބުނު ޕްރޮފެޝަނަލް އިހްތިރާމް ޓްރަމްޕަށް ވެސް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ވެރިކަމުން ފައިބައި ވަޑައިގަތުމަށް ފަހު އޮބާމާގެ ސަރުކާރަށް ބުޝް ފާޑު ވިދާޅުވެފައެއް ނުވެ އެވެ.

ކެމްޕޭނުގެ ތެރޭގައި ޓްރަމްޕް ދައްކަވާފައިވާ ވާހަކަތަކާއި ސަރުކާރަށް ގެންނަ ބޭފުޅުންގެ ސަބަބުން ބައެއް މީހުންގެ ކަންބޮޑުވުންތައް އެބަހުއްޓެވެ. ޓްރަމްޕުގެ އިސް މުޝީރުގެ މަގާމަށް ހަމަޖެއްސި ސްޓީވް ބެނޮން ކުރިން ހިންގެވި ބްރައިބާޓް ނިއުސް އިން ވަނީ ނަސްލީ ތަފާތު ކުރުން ޕްރޮމޯޓް ކޮށްފަ އެވެ. ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ މަގާމަށް ހަމަޖެއްސި ޖެނެރަލް މައިކަލް ފްލައިން ވަނީ އިސްލާމް ދީނަކީ އެމެރިކާގައި ފެތުރެމުންދާ ކެންސަރެއް ކަމަށް ވިދާޅުވެފަ އެވެ. އެޓާނީ ޖެނެރަލްގެ މަގާމަށް ހަމަޖެއްސި ޖެފް ސެޝަންސް ވަނީ ނަސްލީ ގޮތުން ތަފާތުކޮށް ވާހަކަ ދެއްކުމުގެ ސަބަބުން 1986 ވަނަ އަހަރު ފަނޑިޔާރު ކަމަށް ވަޑައިގަތުމަށް ހުރަސް އެޅިފަ އެވެ.

އޮބާމާ ވިދާޅުވީ ކެމްޕޭނުގެ ތެރޭގައި ޓްރަމްޕުގެ ޓީމުން ދެއްކި ހަރުކަށި ސިޔާސަތުތައް މެދު މިނަކަށް ގެނައުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.