Roadha Mihaaru
މަގާމުތަކަށް މީހުން ހޮވަން އޮބާމާގެ ލަފާ ޓްރަމްޕް ހޯދާ

މަގާމުތަކަށް މީހުން އައްޔަން ކުރުމުގައި އޮބާމާގެ ލަފާ ޓްރަމްޕް ހޯއްދަވާ

08 ޑިސެމްބަރ 2016

ނިއު ޔޯކް (ޑިސެމްބަރު 8) - އެމެރިކާގެ ސަރުކާރުގެ އިސް މަގާމުތަކަށް މީހުން ހަމަޖެއްސުމުގައި ރައީސް ބަރަކް އޮބާމާގެ ލަފާ ހޯއްދަވާ ކަމަށް ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ޔޯކް (ޑިސެމްބަރު 8) - އެމެރިކާގެ ސަރުކާރުގެ އިސް މަގާމުތަކަށް މީހުން ހަމަޖެއްސުމުގައި ރައީސް ބަރަކް އޮބާމާގެ ލަފާ ހޯއްދަވާ ކަމަށް ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

"މަގާމުތަކަށް މީހުން ހަމަޖެއްސުމުގެ ކުރިން އެ މީހަކާ ގުޅޭ ގޮތުން އޮބާމާގެ ޚިޔާލު ހޯދަން. އޮބާމާގެ ހުށަހެޅުންތައް ވަރަށް ސީރިއަސްކަމާ އެކު ނަގަން،" އެންބީސީގެ "ޓުދޭ ޝޯ" ގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.

ރައީސް އޮބާމާ އާއި ޓްރަމްޕާ ދެމެދު ކޮންމެވެސް ވަރެއްގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީ ޖޯޝް އާނެސްޓް ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި ވެރިކަމަށް އަންނަ ސަރުކާރަށް އެންމެ ބޭނުންވާނެ ލަފާ ފޯރުކޮށް ދިނުމަކީ އޮބާމާ އަށް ވެސް ލިބިވަޑައިގަންނަވާ އުފަލެއް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑެތި މައްސަލަތަކާ ގުޅޭ ގޮތުން ވެސް އޮބާމާއާ އެކު ޚިޔާލު ބަދަލު ކުރައްވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕުގެ ކެބިނެޓަށް އައްޔަން ކުރައްވާ ބައެއް ބޭފުޅުންނަށް ނައިބް ރައީސް ޖޯ ބައިޑަން އިއްޔެ ވަނީ ތައުރީފް ކުރައްވައިފަ އެވެ. އަދި ކަންބޮޑުވާ ބައެއް ނަންތައް ވެސް ކެބިނެޓުގައި ހިމެނޭ ކަމަށް ބައިޑަން ވިދާޅުވި އެވެ.

ރިޔާސީ ކެމްޕޭނުގެ އެންމެ ފަހު ދުވަސްވަރު އޮބާމާ އާއި ޓްރަމްޕާ ދެމެދު ވަރުގަދަ ބަހުގެ ހަމަލާތައް ބަދަލު ކުރި ނަމަވެސް ޓްރަމްޕް އިންތިޚާބު ކާމިޔާބު ކުރުމާ އެކު އޮބާމާ ވަނީ ވައިޓްހައުސްގައި ޓްރަމްޕާ ބައްދަލު ކުރައްވައިފަ އެވެ. ކެމްޕޭން ތެރޭގައި އޮބާމާ ވަނީ ޓްރަމްޕަކީ ސިޔާސަތު ކަނޑައެޅުމުގައި ވަރަށް ތަޖްރިބާ މަދު ބޭފުޅެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އޮބާމާ އަކީ ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި ބާރެއް ނެތް ލީޑަރެއް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

ޓްރަމްޕް ވިދާޅުވީ އިންތިޚާބުގެ ކާމިޔާބީ އަށް ފަހު އޮބާމާއާ ބައްދަލު ކުރުމުގެ ކުރިން އޮބާމާއާ ދިމާވެ ވާހަކަ ދައްކަވާފައި ނުވާ ކަމަށެވެ. އަދި ޚިޔާލު ތަފާތުވި ނަމަވެސް އޮބާމާގެ ޚިޔާލުތައް ވަރަށް ކަމުދާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

އޮބާމާ އާއި ޓްރަމްޕް ވައިޓްހައުސްގައި ބޭއްވި 90 މިނިޓުގެ ބައްދަލުވުމުގައި އޮބާމާ ވަނީ ވެރިކަން ބަދަލު ކުރުމުގެ އިންތިޒާމްތައް ވީހާވެސް ފަސޭހަކޮށް ގެންދިއުމަށް އެހީތެރިވެދެއްވާނެ ކަމަށް ވިދާޅުވި އެވެ.