Roadha Mihaaru
އެފްބީއައިގެ ވެރިޔާ އަށް އޮބާމާ ވެސް ފާޑުވިދާޅުވެއްޖެ

އެފްބީއައިގެ ވެރިޔާ އަށްއެންމެ ފަހުން އޮބާމާ ވެސް ފާޑު ވިދާޅުވެއްޖެ

03 ނޮވެމްބަރ 2016

ވޮޝިންޓަން (ނޮވެމްބަރު 3) - މުޅިން ސާފު ނުވާ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް އެމެރިކާ އިން ތަހުގީގު ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށް ވިދާޅުވެ އެފްބީއައިގެ ޑިރެކްޓާ ޖޭމްސް ކޯމޭ އަށް ރައީސް ބަރަކް އޮބާމާ ފާޑުވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ނޮވެމްބަރު 3) - މުޅިން ސާފު ނުވާ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް އެމެރިކާ އިން ތަހުގީގު ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށް ވިދާޅުވެ އެފްބީއައިގެ ޑިރެކްޓާ ޖޭމްސް ކޯމޭ އަށް ރައީސް ބަރަކް އޮބާމާ ފާޑުވިދާޅުވެއްޖެ އެވެ.

"ނައު ދިސް ނިއުސް" ވެބްސައިޓަށް ދެއްވި އިންޓަވިއުއެއްގައި އޮބާމާ ވިދާޅުވީ އެފްބީއައި އިން އަލަށް ތަހުގީގު ކުރަން އުޅޭ އިމެއިލްތަކަކީ ހިލަރީ ކްލިންޓަން ޚާރިޖީ ވަޒީރުކަމުގައި އެކަމަނާ ބޭނުންކުރި އަމިއްލަ އީމެއިލް ސާވާއާ ގުޅުން ހުރި މައްސަލައެއްކަން ޔަގީން ނުވާ ކަމަށެވެ. މިއީ ހިލަރީގެ އީމެއިލްތަކާ ގުޅުން ހުރި މައްސަލައެއް ތަހުގީގު ކުރަމުންދާކަން އެފްބީއައި އިން ކޮންގްރެސް އަށް އެންގި ފަހުން އެ މައްސަލަ އަށް އިޝާރާތް ކުރައްވާ އޮބާމާ ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.

މި މަހު 8 ވަނަ ދުވަހު ބާއްވާ އިންތިޚާބާ ކައިރިކޮށް އެފްބީއައި އިން ހިލަރީގެ މައްސަލައެއް ބަލަމުންދާ ކަމަށް ބުނުމުން ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން ވަނީ ފާޑުކިޔަން ފަށައިފަ އެވެ. އެފްބީއައި އިން އަލަށް ތަހުގީގު ކުރާ އީމެއިލްތަކުގެ މައްސަލައަކީ ހިލަރީއާ ކިހާ ގުޅުމެއް ހުރި އެއްޗެއްކަން ނޭނގޭ ކަމަށް ވެސް ޑިމޮކްރެޓިކުން ވަނީ ބުނެފަ އެވެ. ހިލަރީ ވެސް ވިދާޅުވެފައި ވަނީ އެކަމަނާގެ އީމެއިލްގެ މައްސަލަ ބަލާ ނިމިފައިވާ ކަމަށާއި އާ ތަހުގީގުގެ ނަތީޖާ އިން ވެސް އެއްވެސް ބަދަލެއް ނާންނެ ކަމަށެވެ.

އެފްބީއައި އިން ވަނީ 2009-2013 އަށް ޚާރިޖީ ވަޒީރުކަމުގައި ހިލަރީ ހުންނެވި ދުވަސްވަރު އަމިއްލަ އީމެއިލް ސާވާ ބޭނުންކުރި މައްސަލަ ބެލުމަށް ފަހު ދައުވާ ކުރަން ފޮނުވޭވަރުގެ ކަމެއް ނެތް ކަމަށް ޖުލައި މަހު ބުނެފަ އެވެ. ނަމަވެސް އެކަމަނާ އެކަން ކުރައްވާފައި ވަނީ ފަރުވާކުޑަ ގޮތަކަށް ކަމަށް އެފްބީއައި އިން ވަނީ ބުނެފަ އެެވެ.

ހިލަރީގެ އީމެއިލްގެ އާ މައްސަލައެއް ފެންމަތިކޮށްފައި މި ވަނީ އެކަމަނާގެ ވަރަށް އަރިހުގައި މަސައްކަތް ކުރެއްވި ހުމާ އެބެޑިންގެ ވަކިވެފައިވާ ފިރިކަލުން އަދި ކޮންގްރެސްގެ ކުރީގެ މެންބަރެއް ކަމަަށްވާ އެންތަނީ ވެއިނާ، ނޯތު ކެރޮލީނާގެ 15 އަހަރުގެ އަންހެން ކުއްޖަކަށް ފޮނުވި އީމެއިލްތަކުގައި ޖިންސީ ކަންކަމާ ގުޅޭ ވާހަކަތައް ހިމެނޭތޯ ބެލުމަށް ހިންގި ތަހުގީގެއްގެ ތެރޭންނެވެ. އެބެޑިން އަކީ ހިލަރީގެ ޚާރިޖީ ވަޒީރު ކަމުގައި އެކަމަނާގެ ޑިޕިއުޓީ ޗީފް އޮފް ސްޓާފެވެ. އަދި ރިޔާސީ ކެމްޕޭނުގައި ޑިޕިއުޓީ ޗެއާޕާސަން ވެސް މެ އެވެ.