24 ނޮވެމްބަރ 2016
ނިއު ޔޯކް (ނޮވެމްބަރު 24) - އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕަށް ވުރެ އިތުރަށް ދެ މިލިއަން ވޯޓު ހިލަރީ ކްލިންޓަން ހޯއްދަވާފައިވާ ކަމަށް މިހާތަނަށް ސާފުކުރި ނަތީޖާތަކުން ދައްކައިފި އެވެ.
ނިއު ޔޯކް (ނޮވެމްބަރު 24) - އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕަށް ވުރެ އިތުރަށް ދެ މިލިއަން ވޯޓު ހިލަރީ ކްލިންޓަން ހޯއްދަވާފައިވާ ކަމަށް މިހާތަނަށް ސާފުކުރި ނަތީޖާތަކުން ދައްކައިފި އެވެ.
ރިޕަބްލިކަން ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް އިންތިޚާބު ކާމިޔާބު ކުރެއްވީ އިލެކްޓޯރަލް ކޮލެޖް ވޯޓުގެ ނަތީޖާ އިން ކުރި ހޯއްދަވައިގެންނެވެ. ޓްރަމްޕަށް ވަނީ 538 އިލެކްޓޯރަލް ކޮލެޖް ވޯޓުގެ ތެރޭން 290 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގެންފަ އެވެ. ހިލަރީ އަށް ލިބިވަޑައިގެންނެވީ 232 އިލެކްޓޯރަލް ވޯޓެވެ. އަދި އަންނަ ޖެނުއަރީ މަހު ވެރިކަމުގެ ހުވާ ޓްރަމްޕް ކުރައްވާނެ އެވެ.
އިންތިޚާބުގެ ބޭއްވިތާ ދެ ހަފުތާ ފަހުން އަދިވެސް ބައެއް ވޯޓު ގުނަމުންދާ އިރު މިހާތަނަށް 64.2 މިލިއަން ވޯޓު ހިލަރީ އަށް ލިބިވަޑައިގެންފައިވެ އެވެ. ޓްރަމްޕަށް ލިބިވަޑައިގެންނެވީ 62.2 މިލިއަން ވޯޓެވެ.
ހިލަރީ ކްލިންޓަނާއި ރައީސް އޮބާމާ، ރައީސް ބިލް ކްލިންޓަން ކެމްޕޭނުގައި ފިލެޑެލްފިއާގެ ސްޓޭޖުގައި. --ފޮޓޯ:އޭއެފްޕީ
މިއީ އާއްމުންގެ ވޯޓު އިތުރަށް ލިބި ވެރިކަމަށް ކެންޑިޑޭޓަކު ނުހޮވުނު ފަސް ވަނަ ފަހަރެވެ. މި ފަހުން މިފަދަ ކަމެއް ދިމާވެފައި ވަނީ 2000 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި ޑިމޮކްރެޓިކް ކެންޑިޑޭޓް އަލް ގޯ އަށެވެ. ރިޕަބްލިކަން ކެންޑިޑޭޓް ޖޯޖް ޑަބްލިއު. ބުޝް އަށް ވުރެ އިތުރަށް އަލް ގޯ 544،000 ވޯޓު ހޯއްދެވި ނަމަވެސް ބުޝް ވެސް ވެރިކަމަށް ވަޑައިގެންނެވީ އިލެކްޓޯރަލް ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ. ވޯޓުގައި މައްސަލަ ޖެހުނު ފްލޮރިޑާ ސްޓޭޓުގެ މައްސަލަ ސްޕްރީމް ކޯޓާ ހަމައަށް ގެންގޮސް އެންމެ ފަހުން ކޯޓުން ނިންމީ އެ ސްޓޭޓުގެ ވޯޓު ކާމިޔާބުކޮށްފައި ވަނީ ބުޝް ކަމަށެވެ.
މި ފަހަރުގެ އިންތިޚާބުގައި ކެލިފޯނިއާ ފަދަ ސްޓޭޓްތަކުން ހިލަރީ ވަނީ ބޮޑު ކާމިޔާބެއް ހޯއްދަވައިފަ އެވެ. ޓްރަމްޕް ކާމިޔާބު ހޯއްދަވާފައި ވަނީ ވާދަވެރިކަން ބޮޑު ސްވިންގް ސްޓޭޓްތަކުންނެވެ.
ރައްޔިތުންގެ ވޯޓުން ކުރި ލިބޭ ފަރާތެއް ވެރިކަމަށް ނާދެވޭ ގޮތަށް އޮންނަ އިލެކްޓޯރަލް ސިސްޓަމް އުވާލުމަށް ބައެއް ފަރާތްތަކުން މިހާރު ދަނީ އަޑު އުފުލަމުންނެވެ. އެކަމަކު އެ ބަދަލު ގެނެވޭނީ ގާނޫނު އަސާސީ އަށް ބަދަލު ގެނެސްގެންނެވެ. އެމެރިކާގެ ގާނޫނު އަސާސީ އަށް ބަދަލު ގެނެވޭނީ ކޮންގްރެސްގެ ތިންބައިކުޅަ ދެ ބައި ވޯޓާ އެކު އެވެ. އަދި އިސްލާހު ތަސްދީގު ކުރަން ހަތަރު ބައިކުޅަ ތިންބައި ސްޓޭޓުގެ ތާއީދު ބޭނުންވާނެ އެވެ.
ހިލަރީ ކްލިންޓަނާއި ޑޮނަލްޑް ޓްރަމްޕް. --ފޮޓޯ:އޭއެފްޕީ
އެމެރިކާގެ 50 ސްޓޭޓުގެ ތެރޭން 48 ސްޓޭޓުގައި އެ ސްޓޭޓުގެ އެންމެ ގިނަ ވޯޓު ނުވަތަ ޕޮޕިއުލާ ވޯޓު ލިބޭ ކެންޑިޑޭޓަކަށް އެ ސްޓޭޓުގެ ހުރިހާ އިލެކްޓާސް ވޯޓް ލިބޭނެ އެވެ. ސްޓޭޓްތަކުގެ އިލެކްޓާސް ބިނާވެފައި ވަނީ ކޮންގްރެސްގައި މެންބަރުން ހިމެނޭ އަދަދަށެވެ. މިސާލަކަށް ދެ ވަނަ އަށް އެންމެ ބައިބޯ ޓެކްސަސްގައި 38 އިލެކްޓޯރަލް ވޯޓް ހިމެނެ އެވެ. އެ ސްޓޭޓުގެ ވޯޓު ކާމިޔާބު ކުރާ ފަރާތަކަށް ހުރިހާ އިލެކްޓޯރަލް ވޯޓެއް ލިބެ އެވެ. ޓެކްސަސްގެ ވޯޓު 53-43 ޕަސެންޓުން ޓްރަމްޕް ކާމިޔާބު ކުރެއްވުމުން އެ ސްޓޭޓުގެ 38 އިލެކްޓޯރަލް ވޯޓު ވަނީ ޓްރަމްޕަށް ލިބިވަޑައިގެންފަ އެވެ.
މިޝިގަންގެ ވޯޓާ އެކު ޓްރަމްޕް އިތުރަށް ކުރިއަށް
ވިސްކޮންސިންގެ ވޯޓު އަލުން ގުނަން ހުށަހަޅައިފި
ޓްރަމްޕް ސަރުކާރުން ހިލަރީ ޖަލަކަށް ނުލާނެ
ނާކާމިޔާބުވުމުން ވަރަށް ބޮޑަށް މާޔޫސްވި: ހިލަރީ
އިލެކްޓޯރަލް ކޮލެޖް ސިސްޓަމް އުވާލަން ހުށަހަޅައިފި
ޓްރަމްޕަށް ވޯޓު ދިން އަންހެނުން ވެސް މަދެއް ނޫން
ގިނަ މީހުން ވޯޓުލީ ހިލަރީ އަށް، ހޮވުނީ ޓްރަމްޕް
ޓްރަމްޕަށް ގައުމު ހިންގަން ފުރުސަތު ދޭން ޖެހޭ: ހިލަރީ
ޓްރްމްޕުގެ ކާމިޔާބީއާ އެކު ފަލަސްތީނުގެ ކަންތައް ނިމުނީ
ވޯޓު ގުނަން ފަށައިފި، މިހާތަނަށް ކުރީގައި ޓްރަމްޕް