16 ނޮވެމްބަރ 2016
ވޮޝިންޓަން (ނޮވެމްބަރު 16) - އެމެރިކާގެ ރައީސް ކަމަށް މީހަކު ހޮވާ އިލެކްޓޯރަލް ކޮލެޖް ވޯޓުގެ ނިޒާމް ބަދަލު ކުރުމަށް ސެނެޓަރަކު ބިލެއް ހުށަހަޅައިފި އެވެ.
ވޮޝިންޓަން (ނޮވެމްބަރު 16) - އެމެރިކާގެ ރައީސް ކަމަށް މީހަކު ހޮވާ އިލެކްޓޯރަލް ކޮލެޖް ވޯޓުގެ ނިޒާމް ބަދަލު ކުރުމަށް ސެނެޓަރަކު ބިލެއް ހުށަހަޅައިފި އެވެ.
މި ފަހަރުގެ އިންތިޚާބުގައި މުޅި ރައްޔިތުންގެ ގިނަ ބަޔަކު ވޯޓު ހިލަރީ ކްލިންޓަނަށް ލިބިވަޑައިގެންނެވި ނަމަވެސް ޑޮނަލްޑް ޓްރަމްޕަށް އިންތިޚާބު ކާމިޔާބު ކުރެވުނީ އިލެކްޓޯރަލް ކޮލެޖް ވޯޓު އިތުރަށް ލިބިވަޑައިގަތުމުންނެވެ. ހިލަރީ ވަނީ ޓްރަމްޕަށް ވުރެ ގާތްގަނޑަކަށް މިލިއަނެއްހާ ވޯޓު އިތުރަށް ހޯއްދަވައިފަ އެވެ.
އެމެރިކާގެ އިންތިޚާބުގައި މިފަހަރު ވޯޓުލީ މީހުންގެ 47.9 ޕަސެންޓް ނުވަތަ 61،329،657 ވޯޓު ލިބިވަޑައިގެންނެވީ ހިލަރީ ކްލިންޓަނަށެވެ. ޓްރަމްޕަށް ލިބިވަޑައިގެންނެވީ 47.2 ޕަސެންޓް ނުވަތަ 60،530،867 ވޯޓެވެ. ޓްރަމްޕަށް ވެރިކަމަށް ވަޑައިގެންނެވުނީ އެމެރިކާގެ ނިޒާމް އޮންނަ ގޮތުން އިލެކްޓޯރަލް ކޮލެޖް ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ. ޓްރަމްޕަށް ވަނީ 538 އިލެކްޓޯރަލް ކޮލެޖް ވޯޓުގެ ތެރޭން 290 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގެންފަ އެވެ. ހިލަރީ އަށް ލިބިވަޑައިގެންނެވީ 232 އިލެކްޓޯރަލް ވޯޓެވެ.
ކެލިފޯނިއާގެ ޑިމޮކްރެޓިކް ސެނޭޓާ ބާބަރާ ބޮކްސާ ވިދާޅުވީ އެމެރިކާ އަކީ ރައްޔިތުންގެ އެންމެ ތާއީދު ބޮޑު ކެންޑިޑޭޓަށް ވެރިކަމަށް ނާދެވޭ ހަމައެކަނި ގައުމު ކަމަށެވެ. އިލެކްޓޯރަލް ކޮލެޖް ސިސްޓަމް ބަދަލު ކުރުމަށް އޭނާ ހުށަހެޅި އިރު މި ނިޒާމު ބަދަލު ކުރުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. އިންތިޚާބު ކާމިޔާބު ކުރެއްވި ޓްރަމްޕް ވެސް ވަނީ އެއީ އެންމެ އިންސާވެރި ގޮތް ނޫން ކަމަށް ވިދާޅުވެފަ އެވެ.
ޓްރަމްޕް ވަނީ މީގެ ކުރިން ވެސް އެމެރިކާގައި ރައީސަކު ހޮވާ ގޮތަށް ފާޑު ވިދާޅުވެފަ އެވެ. އެމެރިކާގައި 2012 ވަނަ އަހަރު ބޭއްވި އިންތިޚާބާ ގުޅިގެން ޓްރަމްޕް ވަނީ އެ ފަހަރު ވާދަކުރި މިޓް ރޮމްނީ އަށް ބަރަކް އޮބާމާ އަށް ވުރެ ގިނަ ވޯޓު ލިބުނު ކަމަށް ވިދާޅުވެ މައުލޫމާތުގެ ނުބައި ޓްވީޓެއް ކުރައްވައިފަ އެވެ.
"އޮބާމާ އަށް ވަނީ ރައްޔިތުންގެ ވޯޓު އެތައް ތަނެއް މަދުން ލިބިފައި، އެކަމަކު އޭނާ އިންތިޚާބު ކާމިޔާބުކޮށްފި. މި ނިޒާމަށް އެބަޖެހޭ އިންގިލާބީ ބަދަލެއް ގެންނަން،" ޓްރަމްޕް ވިދާޅުވެފައިވެ އެވެ.
އެފަހަރުގެ ނަތީޖާ އިއުލާންކުރި ރޭ ޓްރަމްޕް ކުރެއްވި އެހެން ޓްވީޓެއްގައި ވަނީ "އިލެކްޓޯރަލް ކޮލެޖް ވޯޓަކީ ޑިމޮކްރެސީ އަށް ހުރި ބޮޑު މުސީބާތެއް ކަމަށް" ވިދާޅުވެފަ އެެވެ.
އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕް.
އެކަމަކު އެމެރިކާގެ ގާނޫނު އަސާސީ ބުނާ ގޮތުން ވެރިކަމަށް އާދެވޭނީ ރައްޔިތުންގެ އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓުގެ ބަދަލުގައި އެންމެ ގިނަ އިލެކްޓޯރަލް ކޮލެޖް ވޯޓު ލިބޭ ކެންޑިޑޭޓެވެ. އެމެރިކާގެ ކޮންމެ ސްޓޭޓެއްގެ އާބާދީ އަށް ބަލައިގެން ކޮންމެ ސްޓޭތަކަށް ވެސް ވަނީ ވަކިވަރެއްގެ "އިލެކްޓާސް" ހަމަޖައްސައިފަ އެވެ.
ސްޓޭޓްތަކުގެ އިލެކްޓާސް ބިނާވެފައި ވަނީ ކޮންގްރެސްގައި މެންބަރުން ހިމެނޭ އަދަދަށެވެ. މިސާލަކަށް ދެ ވަނަ އަށް އެންމެ ބައިބޯ ޓެކްސަސްގައި 38 އިލެކްޓޯރަލް ވޯޓް ހިމެނެ އެވެ. އެ ސްޓޭޓުގެ ވޯޓު ކާމިޔާބު ކުރާ ފަރާތަކަށް ހުރިހާ އިލެކްޓޯރަލް ވޯޓެއް ލިބެ އެވެ. ޓެކްސަސްގެ ވޯޓު 53-43 ޕަސެންޓުން ޓްރަމްޕް ކާމިޔާބު ކުރެއްވުމުން އެ ސްޓޭޓުގެ 38 އިލެކްޓޯރަލް ވޯޓު ވަނީ ޓްރަމްޕަށް ލިބިވަޑައިގެންފަ އެވެ.
އެމެރިކާގެ 50 ސްޓޭޓުގެ ތެރޭން 48 ސްޓޭޓުގައި އެ ސްޓޭޓުގެ އެންމެ ގިނަ ވޯޓު ނުވަތަ ޕޮޕިއުލާ ވޯޓު ލިބޭ ކެންޑިޑޭޓަކަށް އެ ސްޓޭޓުގެ ހުރިހާ އިލެކްޓާސް ވޯޓް ލިބޭނެ އެވެ.
ބޮކްސާ ވިދާޅުވީ އިލެކްޓޯރަލް ކޮލެޖް ނިޒާމަކީ ޒަމާނާ ނުގުޅޭ، ޑިމޮކްރެސީއާ ވެސް ވަރަށް ބީރައްޓެހި ނިޒާމެއް ކަމަށެވެ. އަަދި އެއީ ވަގުތުން ބަދަލު ކުރަން ޖެހޭ ނިޒާމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އިލެކްޓޯރަލް ކޮލެޖް ވޯޓުގެ ނިޒާމް ބަދަލު ކުރަން މީގެ ކުރިން ވެސް ވަނީ އެމެރިކާގެ ގާނޫނު އަސާސީ އަށް އިސްލާހު ހުށަހަޅައިފަ އެވެ. ނަމަވެސް އެއްވެސް އިސްލާހެއް ފާސްވެފައެއް ނުވެ އެވެ.
އެމެރިކާގެ ގާނޫނު އަސާސީ އަށް ބަދަލު ގެނެވޭނީ ކޮންގްރެސްގެ ތިންބައިކުޅަ ދެ ބައި ވޯޓާ އެކު އެވެ. އަދި އިސްލާހު ތަސްދީގު ކުރަން ހަތަރު ބައިކުޅަ ތިންބައި ސްޓޭޓުގެ ތާއީދު ބޭނުންވާނެ އެވެ.
އަންނަ މަހު 19 ވަނަ ދުވަހު ބާއްވާ ކޮލެޖް އިލެކްޓާސް ވޯޓުގައި ހިލަރީ އަށް ވޯޓު ދިނުމަށް އެދި 4.3 މިލިއަން މީހުން ވަނީ ޕެޓިޝަނެއްގައި ސޮއިކޮށްފަ އެވެ. އެކަމަކު އެމެރިކާގެ 26 ސްޓޭޓުގައި އޮންނަ ގޮތުން އެ ސްޓޭޓުގެ ޕޮޕިއުލާ ވޯޓު ކާމިޔާބު ކުރާ ކެންޑިޑޭޓަކަށް ލިބޭ އިލެކްޓާސް ވޯޓަށް ބަދަލެއް ނުގެނެވޭނެ އެވެ. އެހެންވެ ބާކީ ސްޓޭޓްތަކުގެ އިލެކްޓާސް އިން ބޭވަފާތެރިވީ ނަމަވެސް ހިލަރީ އަށް ކޮލެޖް ވޯޓު ކާމިޔާބު ކުރުމަކީ ނާދިރު ކަމެކެވެ. އިލެކްޓާސް އަކީ ޕާޓީތަކަށް ވަރަށް ވަފާތެރި ބަޔަކަށް ވާތީ އެ މީހުންގެ ވޯޓު ޕާޓީގެ ކެންޑިޑޭޓަށް ނޫން މީހަކަށް ލިބުމަކީ ދުރު ކަމެކެވެ.
ރައްޔިތުންގެ އެންމެ ގިނަ މީހުންގެ ވޯޓު ލިބިވަޑައިގެންނެވި ނަމަވެސް ޑިމޮކްރެޓިކް ކެންޑިޑޭޓް އަލް ގޯ އަށް ވެސް ވަނީ 2000 ވަނަ އަހަރު ވެރިކަމަށް އާދެވޭ ގޮތް ނުވެފަ އެވެ. އެކަމަކު މައްސަލަ ޖެހުނު ފްލޮރިޑާގެ ވޯޓު އަލުން ގުނާ އެ ސްޓޭޓުގެ އިލެކްޓޯރަލް ވޯޓު ލިބުމާ އެކު ވެރިކަމަށް ވަޑައިގެންނެވީ ޖޯޖް ޑަބްލިއު. ބުޝް އެވެ. އަލް ގޯ އެ ފަހަރު ވަނީ ރައްޔިތުންގެ ވޯޓުގެ 48.4 ޕަސެންޓް ހޯއްދަވައިފަ އެވެ. ބުޝް އަށް ލިބިވަޑައިގެންނެވީ 47.9 ޕަސެންޓް ވޯޓެވެ.
މިޝިގަންގެ ވޯޓާ އެކު ޓްރަމްޕް އިތުރަށް ކުރިއަށް
ވިސްކޮންސިންގެ ވޯޓު އަލުން ގުނަން ހުށަހަޅައިފި
ޓްރަމްޕަށް ވުރެ ހިލަރީ ދެ މިލިއަން ވޯޓު ކުރީގައި
ޓްރަމްޕް ސަރުކާރުން ހިލަރީ ޖަލަކަށް ނުލާނެ
ނާކާމިޔާބުވުމުން ވަރަށް ބޮޑަށް މާޔޫސްވި: ހިލަރީ
ހިލަރީއަށް އަދި ވެރިކަމަށް އާދެވިދާނެ، ހަނި ފުރުސަތެއް
ޓްރަމްޕަށް ވޯޓު ދިން އަންހެނުން ވެސް މަދެއް ނޫން
ގިނަ މީހުން ވޯޓުލީ ހިލަރީ އަށް، ހޮވުނީ ޓްރަމްޕް
ޓްރަމްޕަށް ގައުމު ހިންގަން ފުރުސަތު ދޭން ޖެހޭ: ހިލަރީ
ޓްރްމްޕުގެ ކާމިޔާބީއާ އެކު ފަލަސްތީނުގެ ކަންތައް ނިމުނީ