Roadha Mihaaru
ވޯޓު ގުނަން ފަށައިފި، މިހާތަނަށް ކުރީގައި ޓްރަމްޕް

ވޯޓު ގުނަން ފަށައިފި، ޓްރަމްޕް މިހާތަނަށް ކުރީގައި

09 ނޮވެމްބަރ 2016

ވޮޝިންޓަން (ނޮވެމްބަރު 9) - އެމެރިކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓުލުން ނިމި ބައެއް ހިސާބުތަކުގެ ނަތީޖާ ސާފުވަމުންދާ އިރު ވާދަވެރި ދެ ކެންޑިޑޭޓުން ކަމަށްވާ ހިލަރީ ކްލިންޓަނާއި ޑޮނަލްޑް ޓްރަމްޕް ހަމަހަމަކޮށް އުޅުއްވުމަށް ފަހު ޓްރަމްޕް ކުރި ހޯއްދަވަން ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އިއްޔެގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 200 ވަރަކަށް މީހުންނަށް އިޚްތިޔާރު އޮތީ ތާރީޚުގައި ފުރަތަމަ ފަހަރަށް އަންހެން ރައީސަކު އިންތިޚާބު ކުރުން ނުވަތަ މީގެ ކުރިން ސަރުކާރުގެ ވަޒީފާއެއް އަދާކުރައްވާފައި ނުވާ ބޭފުޅަކު ގައުމުގެ އެންމެ މަތީ މަގާމަށް ގެނައުމަށެވެ.

ޑޮނަލްޑް ޓްރަމްޕުގެ ސަޕޯޓަރަކު ނިއު ޔޯކުގައި ޝައުގުވެރިކަމާ އެކު ނަތީޖާ އަށް ބަލަމުންދަނީ. --ފޮޓޯ:އޭއެފްޕީ

ޑޮނަލްޑް ޓްރަމްޕުގެ ސަޕޯޓަރަކު ނިއު ޔޯކުގައި ޝައުގުވެރިކަމާ އެކު ނަތީޖާ އަށް ބަލަމުންދަނީ. --ފޮޓޯ:އޭއެފްޕީ

ޓީވީ ނެޓްވޯކްތަކުން ބުނި ގޮތުގައި އަލަބާމާ، ކެންޓަކީ، އިންޑިއާ، ވެސްޓް ވާޖިނިއާ، މިސިސިޕީ، ސައުތު ކޮރެލައިނާ، ޓެނެސީ އަދި އޮކްލަހޮމާ ޓްރަމްޕް ކާމިޔާބު ކުރައްވާނެ އެވެ. އަދި ނިއު ޔޯކް، ވާމޮންޓް، ނިއު ޖާޒީ، މެސަޗޫސެޓްސް، މެރީލޭންޑް، ޑެލްވެއާ، އިލިނޯއިސް އަދި ރޯޑް އައިލެންޑް ހިލަރީ ކާމިޔާބު ކުރައްވާނެ އެވެ. ވާދަވެރިކަން ބޮޑުވާނެ ފްލޮރިޑާގެ ވޯޓުގެ ބޮޑު ބައެއް ސާފުކުރި އިރު ކުޑަ ތަފާތަކުން ކުރީގައި އުޅުއްވަނީ ޓްރަމްޕެވެ. އޮހާޔޯގެ ވޯޓުގައި ވެސް ކުރީގައި އުޅުއްވަނީ ޓްރަމްޕެވެ. ތިރީސް އަށް އިލެކްޓޯރަލް ވޯޓް ހިމެނޭ ޓެކްސަސް ވެސް ޓްރަމްޕް ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވެ އެވެ. އަދި ބިލް ކްލިންޓަންގެ އާކަންސަސް ވެސް ޓްރަމްޕް ވަނީ ކާމިޔާބު ކުރައްވައިފަ އެވެ.

އެމެރިކާގެ 50 ސްޓޭޓުގެ ތެރޭން 22 ސްޓޭޓުގެ ވޯޓު ސާފު ކުރިއިރު ހިލަރީ އަށް 97 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގެންނެވި އިރު ޓްރަމްޕް ވަނީ 129 އިލެކްޓޯރަލް ކާމިޔާބު ކުރައްވައިފަ އެވެ. ވެރިކަމަށް ވަޑައިގަތުމަށް މަދުވެގެން 270 އިލެކްޓޯރަލް ވޯޓު ބޭނުންވެ އެވެ.