Roadha Mihaaru
ރިއާގެ ފިލްމަކަށް ކަރީނާ ތައްޔާރުވަނީ؟

ޕްރޮޑިއުސަރު ރިއާގެ ފިލްމަކަށް ކަރީނާ ތައްޔާރުވަނީ؟

04 ޖޫން 2021

ޕްރޮޑިއުސަރު ރިއާ ކަޕޫރްގެ ފިލްމަކަށް ކަރީނާ ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޕްރޮޑިއުސަރު ރިއާ ކަޕޫރްގެ ފިލްމަކަށް ކަރީނާ ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ވާހަކައެއް ބައެއް މީޑިއާތަކުގައި ގަދަވެފައި މި ވަނީ މި އަހަރުގެ ފެބްރުއަރީ މަހު ދެވަނަ ދަރިފުޅު ވިހޭ ބަތަލާ ހަށިގަނޑު ކުރީގެ ބައްޓަމަށް ގެންނަން ކުރާ މަސައްކަތުގެ ތެރެއިން ވޯކްއައުޓް ސެޝަނަކުން ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކުރުމުން ރިއާ ކުރި ކޮމެންޓަކާ ގުޅިގެންނެވެ.

އޭގައި އަނިލް ކަޕޫރްގެ ދަރިފުޅު ރިއާ ބުނީ "ސެޓަށް ރެޑީ" ވަނީ ކަމަށެވެ.

ކަރީނާ އަކީ ރިއާ އާއި އެކްތާ ކަޕޫރް ގުޅިގެން 2018 ގައި ގެނެސްދިން ކާމިޔާބު ފިލްމު "ވީރޭ ދީ ވެޑިން" ގެ އެއް ބަތަލާ އެވެ. އެ ފިލްމުގެ ކާސްޓްގައި ދެން ހިމެނެނީ ރިއާގެ ދައްތަ ސޯނަމް ކަޕޫރާއި ސްވަރާ ބާސްކަރްގެ އިތުރުން ޝިކާ ތަލްސާނިއާ އެވެ.

"ވީރޭ ދީ ވެޑިން" ގެ ބޮޑު ކާމިޔާބީއާ ގުޅިގެން އޭގެ ދެވަނަ ބައެއް ހަދާނެކަން ވެސް އޮތީ އިއުލާންކޮށްފަ އެވެ. އެކަމަކު ރިއާއާ އެކު ކަރީނާ މަސައްކަތްކުރާނީ އޭގެ ސީކްއެލްގައިތޯ ނުވަތަ އެހެން އާ ޕްރޮޖެކްޓެއްގައިތޯ ކަމެއް އަދިއެއް ނޭނގެ އެވެ.

ދެވަނަ ދަރިފުޅު ވިހޭ ފަހުން ކަރީނާ އަދި ރަސްމީކޮށް އެއްވެސް ފިލްމަކަށް ސޮއެއް ނުކުރެ އެވެ. އެކަމަކު އޭނާ އަށް ވަރަށް ފަހުން ވަނީ "ސީތާ" ކިޔާ ބޮޑު ފިލްމެއް ހުށަހަޅައިފަ އެވެ. އަދި ކަރީނާ ސޮއިކޮށްފައި އޮތް ފިލްމަކީ 2018 ގައި އިއުލާންކޮށް "ވާނުވާގައި" އޮތް ކަރަން ޖޯހަރްގެ "ތަޚުތު" އެވެ.

ކާމިޔާބު ރީތި ފިލްމުތަކެއް ކުޅެފައިވާ 40 އަހަރުގެ ބަތަލާގެ ކުރިއަށް އޮތް ފިލްމަކީ އޭނާ މިދިޔަ އަހަރު ޝޫޓިން ނިންމާފައި އޮތް އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ" އެވެ. ކަރީނާގެ އެންމެ ފަހުގެ ފިލްމަކީ ސަޕޯޓިން ރޯލެއް ކުޅުނު މިދިޔަ އަހަރުގެ "އަނގްރޭޒީ މީޑިއަމް" އެވެ.