Roadha Mihaaru
ރިތިކާއި ކަރީނާ އަލުން އެކީގައި ފެނިދާނެ

ރިތިކާއި ކަރީނާ އަލުން އެކީގައި ފެނިދާނެ

28 ޖެނުއަރީ 2022

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރިތިކް ރޯޝަނާއި ކަރީނާ ކަޕޫރް އަލުން އެކީގައި ފިލްމަކުން ފެނުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރިތިކް ރޯޝަނާއި ކަރީނާ ކަޕޫރް އަލުން އެކީގައި ފިލްމަކުން ފެނުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ދެ ތަރިންނަށް މިހާރު ހުށަހަޅާފައި ވަނީ ޖަންގްލީ ޕިކްޗާޒް އިން "އުލާޖް" ގެ ނަމުގައި ހަދަން ނިންމާފައިވާ ފިލްމެކެވެ. އަދި މިއީ ވަރުގަދަ ޑައިރެކްޓަރަކު ބޮޑު ބަޖެޓަކުން ހަދަން ނިންމާފައިވާ ފިލްމެކެވެ. އެކަމަކު އެކަމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ހާމައައެއް ނުކުރެ އެވެ.

ބޮލީވުޑް ލައިފުން ބުނެފައިވާ ގޮތުގައި "އުލާޖް" ކަރީނާ އާއި ރިތިކަށް ހުށަހަޅައި އެކަމާ ގުޅޭ މަޝްވަރާތައް ކުރިއަށްދެ އެވެ. އަދި ދެ ތަރިން ވެސް ފިލްމަށް ރުހުން ދިނުމާ އެކު، ރަސްމީކޮށް އެ ޕްރޮޖެކްޓް އިއުލާން ކުރާނެ އެވެ.

ކުރިން ވެސް އެކީގައި ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ދެ ތަރިންނަށް އެންމެ ފަހުން އެކީގައި ކުޅެން ލިބުނު ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން 2013 ގައި އިއުލާންކުރި "ޝުއްދީ" އެވެ. އޭރު މި ފިލްމު ޑައިރެކްޓްކުރާ ގޮތަށް އޮތީ ރިތިކްގެ 2012 ގެ ފިލްމު "އަގްނީޕަތު" ގެނެސްދިން ކަރަން މަލްއުތުރާ އެވެ.

"ޝުއްދީ" އަކީ އިންޑިއާގެ މަޝްހޫރު ލިޔުންތެރިޔާ އަމިޝް ޓްރިޕަތީގެ ވާހަކަ "ދި އިމޯޓަަލްސް އޮފް މެލޫހާ" ގެ މައްޗަށް ބިނާކޮށް ހަދަން އުޅުނު ފިލްމެކެވެ. އެކަމަކު މީގެ މަސައްކަތް ރޭވި ގޮތަށް ކުރިއަށް ނުގޮސް ދިގުލައިގެން ދިއުމުން ރިތިކާއި ކަރީނާ ފިލްމުން ވަކިވީ އެވެ. އޭގެ ފަހުން "ޝުއްދީ" ސަލްމާން ޚާނާ އެކު ހަދަން ނިންމިކަން ވެސް ދަރުމާ އިން އިއުލާންކުރި އެވެ. ނަމަވެސް ފަހުން އޭގެ މަސައްކަތް އެއްކޮށް ހުއްޓާލި އެވެ.

ކަރީނާ އާއި ރިތިކް އެކީގައި ކުޅުނު ފިލްމުތަކުގެ ތެރޭގައި ކަރަންގެ 2001 ގެ "ކަބީ ހުޝީ ކަބީ ގަމް" އާއި ހަމަ އެ އަހަރު ސުބާޝް ގާއީ ގެނެސްދިން "ޔާދޭ" ގެ އިތުރުން ސޫރަޖް ބަރްޖަތިއާގެ 2003 ގެ "މޭ ޕްރޭމް ކީ ދީވާނީ ހޫ" ހިމެނެ އެވެ.

ފާހަގަކޮށްލެވޭ ކަމަކީ ރިތިކާއި ކަރީނާ ބޮލީވުޑަށް ނުކުންނަން އުޅުނީ އެކީގައި އެއް ފިލްމަކުން ކަމެވެ. އެއީ 2000 ވަނަ އަހަރުގެ "ކަހޯ ނާ...ޕިޔާރު ހޭ" އެވެ. ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަން ޑައިރެކްޓްކުރި އެ ފިލްމުގެ މަންޒަރުތަކެއް ޝޫޓްކުރުމަށް ފަހު، ކަރީނާ ފަހުން އެ ދޫކޮށްލުމުން ބަތަލާގެ ރޯލު ކުޅުނީ އަމީޝާ ޕަޓޭލް އެވެ.

ކަރީނާގެ އަލަތު ފިލްމަކީ ބޮކްސް އޮފީހުގައި މާ ބޮޑު ތަރުހީބެއް ނުލިބުނު ޑައިރެކްޓަރު ޖޭޕީ ދައްތާގެ 2000 ގެ "ރެފިއުޖީ" އެވެ. އެ ފިލްމަކީ އަބީޝެކް ބައްޗަން ވެސް ތައާރަފުވި ފިލްމެވެ.

ކަރީނާ އާއި ރިތިކްގެ ޖޯޑު އަލުން ސްކްރީނަށް ގެނައުމުގެ ވާހަކަ ދެކެވެން ފެށި އިރު، ރިތިކްގެ އަތުގައި މިހާރު ދެ ފިލްމެއް އެބަ އޮތެވެ. އެއީ ކަރީނާގެ ފިރިމީހާ ސައިފް އަލީ ޚާނާ އެކު ކުޅޭ "ވިކްރަމް ވޭދާ" އާއި ދީޕިކާ ޕަދްކޯންއާ އެކު ކުޅެން ހަމަޖެހިފައިވާ "ފައިޓާ" އެވެ.

ކަރީނާގެ އަތުގައި ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ" އާއި ޑައިރެކްޓަރު ހެންސެލް މެހެތާގެ އަދި ނަން އިއުލާން ނުކުރާ ފިލްމެއް ހިމެނެ އެވެ.