Roadha Mihaaru
ކަރަންގެ އާ ފިލްމުގައި ޕްރިތީ ފެންނާނެ

ކަރަންގެ އާ ފިލްމުގައި ޕްރިތީ ފެންނާނެ

17 ޖެނުއަރީ 2022

ކަރަން ޖޯހަރްގެ ދެ ފިލްމެއްގައި ކުރީގެ ބަތަލާ ޕްރިތީ ޒިންތާ މަސައްކަތްކުރި އެވެ. އެއީ ކަރަން ޕްރޮޑިއުސްކުރި 2003 ގެ "ކަލް ހޯ ނަ ހޯ" އާއި އޭނާ ޑައިރެކްޓްކުރި 2005 ގެ "ކަބީ އަލްވިދާ ނާ ކެހެނާ" ގަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަރަން ޖޯހަރްގެ ދެ ފިލްމެއްގައި ކުރީގެ ބަތަލާ ޕްރިތީ ޒިންތާ މަސައްކަތްކުރި އެވެ. އެއީ ކަރަން ޕްރޮޑިއުސްކުރި 2003 ގެ "ކަލް ހޯ ނަ ހޯ" އާއި އޭނާ ޑައިރެކްޓްކުރި 2005 ގެ "ކަބީ އަލްވިދާ ނާ ކެހެނާ" ގަ އެވެ.

މި ދެ ފިލްމަކީ ވެސް ޕްރިތީގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރެއިން ފިލްމުތަކެވެ. ހާއްސަކޮށް ނިކިލް އަދުވާނީ ޑައިރެކްޓްކުރި "ކަލް ހޯ ނަ ހޯ" އަކީ ވަރަށް ވެސް ކާމިޔާބު ފިލްމެކެވެ.

އުފާވެރި ޚަބަރަކީ ކަރަންގެ ތިން ވަނަ ފިލްމަކުން ވެސް ޕްރިތީ ފެންނަން އުޅޭ ކަމެވެ. އެއީ މިހާރު ޝޫޓިން ފަށާފައި އޮތް "ރޮކީ އޯރް ރާނީ ކޯ ޕްރޭމް ކަހާނީ" އިންނެވެ. މީގެ ރޯލަކަށް ޕްރިތީ ސޮއިކުރިކަން ރަސްމީކޮށް އިއުލާން ނުކުރި ނަމަވެސް ފިލްމުގެ ވިކިޕީޑިއާގައި ވަނީ ކާސްޓުންގެ ތެރޭގައި ޕްރިތީ ހިމަނައިފަ އެވެ. އަދި އޭނާ ކުޅޭ ކެރެކްޓާގެ ނަމަކީ ނިޝީ ޗެޓަޖީ ކަމަށް ޕްރިތީގެ ވިކީޕީޑިއާގައި ބުނެފައިވެ އެވެ.

އެހެންވެ މިއީ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ހާއްސަކަން އިތުރަށް ބޮޑުވާނެ ކަމެކެވެ. މިހާރު ވެސް މީގައި ހިމެނެނީ ވަރުގަދަ ކާސްޓެކެވެ. ފިލްމުގެ ލީޑް ކުޅެނީ ޒުވާން ދެ ތަރިން ކަމަށްވާ ރަންވީރު ސިންގް އާއި އާލިއާ ބަޓެވެ. ކާސްޓްގައި ދެން ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަޔަކީ "ކަލް ހޯ ނަ ހޯ" ގައި ޕްރިތީގެ މަންމަގެ ރޯލު ކުޅުނު ޖަޔާ ބައްޗަންގެ އިތުރުން ދަރުމެންދުރާ އާއި ޝަބާނާ އާޒްމީ އެވެ.

ސަރޮގޭޓްކޮށްގެން ދާދި ފަހުން އެއްމާބަަނޑު ދެ ކުދިން ވެސް ލިބުނު ޕްރިތީ، ކަރަންގެ އާ ފިލްމުގެ ކާސްޓްގައި ހިމެނޭ ކަން އެނގުމުން އޭނާގެ ވަރަށް ގިނަ ފޭނުން ވެސް އެކަމާ ވަރަށް އުފަލުން ތިބި ކަމަށް ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.

ވަރުގަދަ ކާސްޓެއް ހިމެނޭ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގައި ޕްރިތީ ކުޅޭ ސަޕޯޓިން ރޯލު ނިޝީގެ ކެރެކްޓާ އަކީ ކޮން ކަހަލަ ރޯލެއް ކަމެއް އަދި ނޭނގެ އެވެ. ޔަގީނުން ވެސް މިއީ އޭނާގެ ފޭނުން އުފާކޮށްދޭ ވަރުގެ ރޯލަކަށް ވާނެ އެވެ. ފިލްމުގެ ހުރިހާ ތަރިން ވެސް ވަރަށް ގްލެމަރަސްކޮށް ފެންނާނެ ކަމީ މިހާރު ވެސް ކަށަވަރުކޮށް ދީފައި އޮތް ކަމެކެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ޕްރިތީ، 46، އެންމެ ފަހުން ފެނިފައިވާ ފިލްމަކީ ސަނީ ޑިއޯލްގެ 2018 ގެ "ބައްޔާޖީ ސުޕަހިޓް" އެވެ.

"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ބެލުންތެރިންނަށް ގެނެސްދޭން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ 10 ގަ އެވެ.