Roadha Mihaaru
ޖަޔާ އާއި ޝަބާނާގެ ބޮޑު މޭކްއޯވާއެއް

ކަރަންގެ އާ ފިލްމުގައި ޖަޔާ އާއި ޝަބާނާގެ ބޮޑު މޭކްއޯވާއެއް

01 ނޮވެމްބަރ 2021

ކަރަން ޖޯހަރަކީ އަބަދު ވެސް އޭނާ ޑައިރެކްޓްކުރާ ފިލްމުތަކުގައި ތަރިން ވަރަށް ރީތިކޮށް ގެނެސްދޭން މަޝްހޫރު ޑައިރެކްޓަރެކެވެ. އެގޮތުން ރީތި، އަގު ބޮޑު ކޮސްޓިއުމްތަކަކީ އޭނަގެ ފިލްމުތަކުގެ އަބަދު ވެސް އެންމެ ބޮޑު އެއް ހައިލައިޓަށް ވާނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަރަން ޖޯހަރަކީ އަބަދު ވެސް އޭނާ ޑައިރެކްޓްކުރާ ފިލްމުތަކުގައި ތަރިން ވަރަށް ރީތިކޮށް ގެނެސްދޭން މަޝްހޫރު ޑައިރެކްޓަރެކެވެ. އެގޮތުން ރީތި، އަގު ބޮޑު ކޮސްޓިއުމްތަކަކީ އޭނަގެ ފިލްމުތަކުގެ އަބަދު ވެސް އެންމެ ބޮޑު އެއް ހައިލައިޓަށް ވާނެ އެވެ.

ކަރަންގެ އަށް ވަނަ ޑައިރެކްޝަން "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ މަސައްކަތްތައް މިހާރު ކުރިއަށްދާ އިރު މި ފިލްމުގެ ކާސްޓްގައި ހިމެނޭ ދުވަސްވީ ދެ ތަރިން ކަމަށްވާ ޖަޔާ ބައްޗަން، 73، އާއި ޝަބާނާ އާޒްމީ، 71، މީގެ ކުރިން ފިލްމަކުން ނުފެންނަހާ ގްލެމަރަސްކޮށް ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެ ފިލްމުގެ ޓީމްގައި ހިމެނޭ ބަޔަކާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނީ ތަޖުރިބާކާރު ދެ ބަތަލާއިންގެ ބޮޑު މޭކްއޯވާ އަކީ އޯޑިއަންސަށް ބޮޑު ސަޕްރައިޒަކަށް ވާނެ ކަމަށެވެ.

ޒުވާން ބަތަލާ އާލިއާ ބަޓް ލީޑް ބަތަލާގެ ރޯލު ކުޅޭ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ބަތަލާއިންގެ ކޮސްޓިއުމް ޑިޒައިނަރަކީ މަޝްހޫރު ފެޝަން ޑިޒައިނަރު މަނީޝް މަލްއުތުރާ އެވެ. އޭނާ އަކީ ކަރަންގެ ފިލްމުތަކުގެ އާންމު ޑިޒައިނަރެވެ.

ފިލްމާ ބެހޭ ގޮތުން ވާހަކަ ދެއްކި މީހަކު ބައެއް މީޑިއާތަކަށް ކިޔައި ދީފައިވާ ގޮތުގައި މަނީޝްގެ ކޮސްޓިއުމްތަކާއި ޗާލު މޭކަޕްތަކާ އެކު ޖަޔާ އާއި ޝަބާނާ މޫނުބަލާލޯގަނޑު ކުރިމައްޗަށް ހުއްޓުމުން އެ މީހުންނަށް ވެސް އަމިއްލަ ސިފަ އޮޅޭހާ ވަރަށް މޭކްއޯވާ ގެނެސްދީފައިވެ އެވެ. އެހެންވެ ސެޓްގައި މިކަމާ ގުޅުވައިގެން ޖޯކް ޖަހައި ސަމާސާ ކުރުން ބޮޑު ކަމަށް ވެސް އޭނާ ބުންޏެވެ.

އަމީތާބް ބައްޗަންގެ އަންހެނުން ޖަޔާ އަކީ ކުރިން ވެސް ކަރަން ޑައިރެކްޓްކުރި ފިލްމެއްގައި މަސައްކަތްކުރި ބަތަލާއެކެވެ. އެއީ 2001 ގެ "ކަބީ ހުޝީ ކަބީ ޢަމް" ގަ އެވެ. އެ ފިލްމުގައި ޖަޔާ މުޅިން ވެސް ފެނުނީ ވަރަށް ހިތްގައިމު ސާޅީތަކުގަ އެވެ. އަދި ކަރަން ސްކްރީންޕްލޭއަކަށް، ނިކިލް އަދުވާނީ ޑައިރެކްޓްކުރި 2003 ގެ "ކަލް ހޯ ނަ ހޯ" ގައި ޖަޔާ ފެނިފައި ވަނީ ޒަމާނީ ހެދުންތަކުގައި މޮޑަން މަންމައެއްގެ ރޯލުންނެވެ.

އެހެންވެ ދެން އޮތީ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އިން އޭނާ އާއި ޝަބާނާ ފެންނާނެ ގޮތް ބަލައިލަން އިންތިޒާރު ކުރުމެވެ. އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ މި ފިލްމުގެ ބަތަލަކީ ރަންވީރު ސިންގް އެވެ. އަދި ކާސްޓްގައި ދަރުމެންދުރާ ވެސް ހިމެނެ އެވެ.

ޔަގީންވާ ކަމަކީ ކަރަންގެ އާ ފިލްމަކީ އޭނާ ކުރިން ގެނެސްދިން ފިލްމުތަކާ އެއްގޮތަށް ބެލުންތެރިންނަށް އޭގެ ޖާދޫގައި ޖައްސުވާނެ ފިލްމެއް ކަމެވެ. ކަރަންގެ އެންމެ ފަހުގެ ޑައިރެކްޝަނަކީ 2016 ގައި ރަންބީރް ކަޕޫރާއި އަނުޝްކާ ޝަރުމާ އާއި އައިޝްވާރިޔާ ރާއީގެ އިތުރުން ފަވާދު ޚާނާ އެކު ގެނެސްދިން "އޭ ދިލް މުޝްކިލް" އެވެ.