Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

21 އޯގަސްޓް 2021

މި އަހަރު ކުރީކޮޅު އިއުލާންކުރި، ރަވީނާ ޓަންޑަން އާއި އަކްޝޭ ކަންނާގެ ވެބް ސީރީޒް "ލެގަސީ" ގެ ޝޫޓިން ފެށުމުގެ ތައްޔާރީތައްވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރު ކުރީކޮޅު އިއުލާންކުރި، ރަވީނާ ޓަންޑަން އާއި އަކްޝޭ ކަންނާގެ ވެބް ސީރީޒް "ލެގަސީ" ގެ ޝޫޓިން ފެށުމުގެ ތައްޔާރީތައްވެއްޖެ އެވެ.

މި ސީރީޒަކީ އަކްޝޭ ވެސް މުހިއްމު ރޯލެއް ކުޅުނު 2019 ގެ ފިލްމު "ދި އެކްސިޑެންޓަލް ޕްރައިމް މިނިސްޓާ" ގެ ޑައިރެކްޓަރު ވިޖޭ ގުއްޓޭގެ އަލަތު ސީރީޒެވެ. އަދި "ލެގަސީ" އަކީ އަކްޝޭ އާއި ރަވީނާ ލީޑްގައި މަސައްކަތްކުރާ ފުރަތަމަ ޕްރޮޖެކްޓެވެ.

ނުވަދިހައިގެ ތެރޭގައި ވަރަށް ވިދި މި ދެ ތަރިންނަކީ މިހާރު ވަރަށް މަދުން ނޫނީ ފިލްމުތަކުން ފެންނަ ބައެއް ނޫނެވެ. ރަވީނާގެ ކުރިއަށް އޮތް ފިލްމަކީ ސަންޖޭ ދަތު ވެސް މުހިއްމު ރޯލަކުން ފެންނާނެ ކަންނާޑާ ފިލްމު "ކޭޖީއެފް: ޗެޕްޓާ 2" އެވެ.

އަކްޝޭ އެންމެ ފަހުން ފެނިފައި ވަނީ ދާދި ފަހުން ޒީ5 އިން ޕްރީމިއާކުރި ވެބް ސީރީޒް "ދަ ސްޓޭޓް އޮފް ސީޖް: ޓެމްޕަލް އެޓޭކް" އިންނެވެ.

"ޔުދުރާ" ގެ ޝޫޓިން ފަށައިފި

މި އަހަރުގެ ކުރީކޮޅު ޕޯސްޓަރުތައް ދައްކައިލި އެކްސެލް އެންޓަޓައިންމަންޓްގެ އެކްޝަން ތުރިލާ "ޔުދުރާ" ގެ ޝޫޓިން ފަށައިފި އެވެ.

ފަރުހާން އަޚްތަރާއި ރިތޭޝް ސިދުވާނީގެ ކުންފުނިން ހަދާ މި ފިލްމުގެ ލީޑް ތަރިންނަކީ ޒުވާން ދެ ތަރިން ކަމަށްވާ ސިދާންތު ޗަތުރަވެދީ އާއި މަލްވިކާ މޯހަނެވެ. ސިދާންތަކީ އެކްސެލްގެ 2019 ގެ ފިލްމު "ގަލީ ބޯއި" އިން ތައާރަފުކުރި އެކްޓަރެކެވެ. "ޔުދުރާ" އަކީ އެކްސެލް އަށް އޭނާ ކުޅޭ ތިން ވަނަ ފިލްމެވެ. ދެވަނަ ފިލްމަކީ ޝޫޓިން ނިންމާފައި އޮތް ހޮރޯ-ކޮމެޑީ "ފޯންބޫތު" އެވެ. އޭގެ ކާސްޓްގައި ކެޓްރީނާ ކައިފާއި އިޝާން ޚައްތަރު ވެސް ހިމެނެ އެވެ.

އެންމެ އަވަހަށް ރިލީޒްވާން އޮތް ސިދާންތުގެ ފިލްމަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ބަންޓީ އޯރް ބަބްލީ 2" އެވެ.

އަންނަ އަހަރުގެ ކުރީކޮޅު ސިނަމާތަކަށް ގެންނަން ނިންމާފައިވާ "ޔުދުރާ" އަކީ ރަވީ އުދިއަވަރު ޑައިރެކްޓްކުރާ ފިލްމެކެވެ.

"ދޭޅު ބިގާ ޒަމީން" ގައި ޕްރަތީކާއި ކުޝާލީ

ސޮނީ ލިވް އެޕްގެ ވެބް ސީރީޒް "ސްކޭމް 1992" އިން މިދިޔަ އަހަރު އާންމުންގެ ސަމާލުކަން ހޯދި ހުނަރުވެރި އެކްޓަރު ޕްތަރީކް ގާންދީ އަނެއްކާ ވެސް އާ ފިލްމެއްގެ މަސައްކަތް ފަށައިފި އެވެ.

އޭނާގެ މި ފަހަރުގެ ފިލްމަކީ ޓީ ސީރީޒްގެ މިހާރުގެ ވެރިޔާ ބުޝަން ކުމާރުގެ ހަގު އަންހެން ކޮއްކޮ ކުޝާލީ ކުމާރާ އެކު ކުޅޭ "ދޭޅު ބިގާ ޒަމީން" އެވެ. މި ފިލްމަކީ ކުޝާލީ ކުޅޭ ދެވަނަ ފިލްމެވެ. އޭނާގެ އަލަތު ފިލްމުގެ ޝޫޓިން ނިންމާފައިވާ އިރު އޭގެ ބަތަލަކީ އާރް މާދުވަން އެވެ. އެކަމަކު ފިލްމުގެ ނަމާއި ރިލީޒްކުރާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

ޕުލްކިތު ލިޔެ، ޑައިރެކްޓްކުރާ "ދޭޅު ބިގާ ޒަމީން" ގެ މަންޒަރުތައް ނަގަނީ ޖާންސީގަ އެވެ.

ޕްރަތީކް ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ތާޕްސީ ޕައްނޫގެ "ޔޭ ލަޅުކީ ހޭ ކަހާ" އާއި ޔާމީ ގޯތަމްގެ "ރާތު ބާކީ" ހިމެނެ އެވެ.

ކަރަންގެ ފިލްމުގެ ޝޫޓިން ފަށައިފި

ކަރަން ޖޯހަރް ޑައިރެކްޓްކުރާ އާ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ޝޫޓިން ހުކުރު ދުވަހު ފަށައިފި އެވެ.

އަސަރު ގަދަ ލޯބީގެ ވާހަކައަކަށް ހަދާ މި ފިލްމުގެ ލިޑް ތަރިންނަކީ ރަންވީރު ސިންގް އާއި އާލިއާ ބަޓެވެ. އަދި މިއީ 2019 ގެ "ގަލީ ބޯއި" އަށް ފަހު ދެ ތަރިން އެކީގައި ކުޅޭ ފުރަތަމަ ފިލްމެވެ.

"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ކާސްޓްގައި ދަރުމެންދުރާ އާއި ޖަޔާ ބައްޗަނާއި ޝަބާނާ އާޒްމީ ވެސް ހިމެނެ އެވެ.

އަންނަ އަހަރު ބެލުންތެރިންނަށް ގެނެސްދޭން ހަމަޖެހިފައިވާ މި ފިލްމަކީ 2016 ގެ "އޭ ދިލް ހެ މުޝްކިލް" އަށް ފަހު ކަރަން ޑައިރެކްޓްކުރާ ފުރަތަމަ ފިލްމެވެ.