Roadha Mihaaru
ކޮންސްޓްރަކްޝަން ދާއިރާއަށް 16 ޕަސެންޓުގެ ކުރިއެރުމެއް

އިމާރާތްކުރުމުގެ ދާއިރާ އަށް 16 ޕަސެންޓުގެ ކުރިއެރުމެއް

01 ޖޫން 2021

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި، ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާ އަށް 16 ޕަސެންޓުގެ ކުރިއެރުމެއް ލިބިއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި، ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާ އަށް 16 ޕަސެންޓުގެ ކުރިއެރުމެއް ލިބިއްޖެ އެވެ.

މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކޮންސްޓްރަކްޝަން ދާއިރާ އަށް ކުރިއެރުން ލިބުނީ ލޮކްޑައުންގެ ހާލަތަށް ފަހު އިގްތިސާދީ ހަރަކާތްތައް ހިންގުމަށް ހުޅުވައިލުމާ ގުޅިގެންނެވެ. ކޮންސްޓްރަކްޝަން މަސައްކަތްތައް އިތުރުވި ނަމަވެސް ކޮންސްޓްރަކްޝަން ސާމާނު އެތެރެކުރި ވަރު 43 ޕަސެންޓު ދަށަށް ދިޔަ އެވެ. މިދިޔަ ތިން މަހު ރާއްޖެ އަށް އެތެރެކުރީ 53.2 މިލިއަން ރުފިޔާގެ ކޮންސްޓްރަކްޝަން ސާމާނެވެ. އިމާރާތް ކުރުމަށް ބޭނުންވާ ސާމާނުގެ ގޮތުގައި ހިމެނެނީ ދަގަނޑާއި ލަކުޑި އާއި ސިމެންތި ފަދަ ތަކެއްޗެވެ.

އިމާރާތް ކުރުމުގެ މަސައްކަތްތަކަށް ބޭންކުތަކުން ނެގި ލޯނުގެ އަދަދު ވެސް ވަނީ 11 ޕަސެންޓު އިތުރުވެފަ އެވެ. މީގެ ތެރޭގައި އެންމެ ގިނައީ އަމިއްލަ ފަރާތްތަކުގެ ގެތަކާއި ރިސޯޓު ތަރައްގީ ކުރުމުގެ ޕްރޮޖެކްޓެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ. ޓޫރިޒަމް ދާއިރާ އާއި މަސްވެރިކަމުގެ ދާއިރާއިން ވެސް ކުރިއެރުންތައް ހޯދާފައިވެ އެވެ.

މި އަހަރުގެ ކުރީކޮޅު ކޮވިޑްގެ ހާލަތު ރަނގަޅުވަމުން އައި ނަމަވެސް، މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ހާލަތު ދަނީ ގޯސްވަމުންނެވެ. ކޮވިޑް ހަލުވިކަމާއެކު އަނެއްކާ ވެސް ފެތުރެން ފެށުމުން ރައްކާތެރިވުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް މިހާރު ވަނީ އަޅައިފަ އެވެ.

މާލެ ސަރަހައްދުގައި އިމާރާތް ކުރުމުގެ ހުއްދަ ދިނުން ސިޓީ ކައުންސިލުން ވަގުތީ ގޮތުން ހުއްޓައިލުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

ކޮންސްޓްރަކްޝަން މަސައްކަތްތަކަށް ހުއްދަ ދިނުން މެދުކަނޑައިލި ނަމަވެސް ފައުންޑޭޝަން އެޅުމަށް ތައްޔާރު ކޮށްފައިވާ ސައިޓުތަކާއި ކޮނުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ސައިޓުތައް އަދި ސްލެބް އެޅުމަށް ތައްޔާރުކޮށްފައިވާ ސައިޓުތަކުގެ އިންސްޕެކްޝަނެއް ހެދުމަށް ފަހު، ގެއްލުމެއް ލިބިދާނެ ފަދަ ހާލަތެއްގައި ހުންނަ ނަމަ، އެ ތަނަކަށް ހުއްދަ ދޫކުރާނެ އެވެ.