23 ޖެނުއަރީ 2017
މިދިޔަ އަހަރުގެ ފަހުކޮޅު ރާއްޖޭގެ އިގްތިސާދި ހަރަކާތްތައް އިތުރުވި ކަމަށާއި އެކަމަކު ބޭރު ފައިސާ ލިބުމުގެ ދަތިކަމުގެ ބިރު ވިޔަފާރިތަކަށް އެބަ އޮތް ކަމަށް މަރުކަޒީ ބޭންކުން ކުރި ސާވޭ އަކުން ދައްކައިފި އެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ރާއްޖޭގެ އިގްތިސާދި ހަރަކާތްތައް އިތުރުވި ކަމަށާއި އެކަމަކު ބޭރު ފައިސާ ލިބުމުގެ ދަތިކަމުގެ ބިރު ވިޔަފާރިތަކަށް އެބަ އޮތް ކަމަށް މަރުކަޒީ ބޭންކުން ކުރި ސާވޭ އަކުން ދައްކައިފި އެވެ.
ކޮންމެ ތިން މަހަކުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހަދާ ކުއާޓާލީ ބިޒްނަސް ސާވޭގެ މިދިޔަ އަހަރުގެ އެންމެ ފަހު އަދަދު އިއްޔެ ނެރެފައި ވާއިރު، އޭގައިވާ ގޮތުން ޓޫރިޒަމާއި އިމާރާތްކުރުމުގެ ދާއިރާގެ އިތުރުން، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ވެސް ވަނީ އިތުރުވެފަ އެވެ.
މިދިޔަ މަހުގެ 22 އިން މި މަހުގެ 10ގެ ނިޔަލަށް ކުރިއަށް ގެންދިޔަ ސާވޭ އިން ދައްކާ ގޮތުން އޭގެ ކުރީގެ ކުއާޓަރާ އަޅާބަލާއިރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދާއި ލިބުނު އާމްދަނީ ވެސް ވަނީ މައްޗަށް ގޮސްފަ އެވެ. ކޮޓަރީގެ އެވްރެޖު ރޭޓުތައް އެ މުއްދަތުގައި ބޮޑުވެފައިވާ ކަމަށާއި ކުންފުނިތަކުގެ މާލީ ހާލަތު ވެސް ރަނގަޅުވެފައިވާ ކަމަށް ސާވޭގައި ބައިވެރިވި ގިނަ އަދަދެއްގެ މީހުން ވަނީ ބުނެފަ އެވެ. މީގެ އިތުރުން، މި ދާއިރާ އަށް އިންވެސްޓް ކުރަން ބޭނުންވާ ފައިސާ ހޯދަން ހުރި ފުރުސަތުތަކަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށް ސާވޭން ދައްކަ އެވެ.
މިދިޔަ ކުއާޓަރަށް ވުރެ މި ކުއާޓަރުގައި ޓޫރިޒަމް ދާއިރާގެ ހަރަކާތްތައް އިތުރުވާނެ ކަމަށް ސާވޭގައި ބައިވެރިވި ގިނަ ފަރާތްތަކުން އަންދާޒާ ކުރެ އެވެ. އޭގެ ތެރޭގައި، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދާއި ކޮޓަރީގެ އެވްރެޖު ރޭޓާއި ލިބޭ އާމްދަނީ އާއި ވިޔަފާރި ފުޅާކުރަން ކުރާ އިންވެސްޓްމަންޓުތައް ވެސް ހިމެނެ އެވެ. އަދި ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ މާލީ ހާލަތު ވެސް މި ހިނގާ ކުއާޓަރުގައި ރަނގަޅުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ޓޫރިޒަމް ދާއިރާގެ ހަރަކާތްތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ސާވޭގައިވާ ގޮތުން، ވާދަވެރިކަން ބޮޑުވުމެވެ. އަދި ރިސޯޓުތަކުގެ އަދަދު ގިނަވަމުން އަންނަ ވަރަށް ޑިމާންޑް ބޮޑުވުމާއި އެކަށީގެންވާ ވަރަށް ދިވެހި މުވައްޒަފުން ނުލިބުމުގެ އިތުރަށް، މުވައްޒަފުންނަށް ކުރާ ހޭދަ ބޮޑުވުމަކީ ވެސް މި ދާއިރާ އަށް ހުރި ގޮންޖެހުންތަކުގެ ގޮތުގައި ސާވޭގައި ބައިވެރިވި ފަރާތްތަކުން ވަނީ ފާހަގަކޮށްފަ އެވެ.
އިމާރާތްކުރުމުގެ މަސައްކަތް މިދިޔަ ކުއާޓަރުގައި އިތުރުވެފައިވާ ކަމަށް ސާވޭގައި ބައިވެރިވި 88 ވިޔަފާރީގެ ތެރޭން 40 ފަރާތުން ބުންޏަސް، ބާކީ ތިބި މީހުން ބުނެފައި ވަނީ އެ ކަމަށް މާ ބޮޑު ތަފާތެއް އައިސްފައެއް ނުވާ ކަމަށެވެ. އެކަމަކު މުވައްޒަފުންނަށް ކުރާ ހަރަދު މައްޗަށް ގޮސްފައި ނުވިޔަސް، ތަކެތީގެ އަގު މައްޗަށް ދިއުމުގެ ސަބަބުން މަސައްކަތުގެ އަގު ވެސް މަތިވެފައިވާ ކަމަށް ސާވޭން ދައްކަ އެވެ. މީގެ އިތުރުން، މި ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ މާލީ ހާލަތު ވަނީ، ސާވޭގައިވާ ގޮތުން، ދަށަށް ނުވަތަ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ.
މި ކުއާޓަރުގައި އިމާރާތްކުރުމުގެ މަސައްކަތް ލިބޭ މިންވަރު އިތުރުވެ، މުވައްޒަފުންގެ އަދަދު ވެސް އިތުރުވާނެ ކަމަށް ސާވޭގައި ބައިވެރިވި ކުންފުނިތަކުން ވަނީ ބުނެފަ އެވެ. ތަކެތީގެ އަގު މާ ބޮޑުތަން ނުއުފުލުނަސް، މަސައްކަތުގެ އަގު މިހާރަށް ވުރެ ބޮޑަށް އުފުލޭނެ ކަމަށް ވެސް އެ ފަރާތްތަކުން ވަނީ ބުނެފަ އެވެ. އެ ކުންފުނިތަކުން ބުނެފައިވާ ގޮތުގައި، މި ކުއާޓަރުގައި ކުރާ ކެޕިޓަލް ހަރަދުތައް އިތުރުވިޔަސް، އެ ފަރާތްތަކުގެ މާލީ ހާލަތު މި ކުއާޓަރު ނިމޭއިރު ގޯސްވުމުގެ ފުރުސަތު އެބަ އޮތެވެ.
އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިވެރިންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ސާވޭގައިވާ ގޮތުން، ބޭރު ފައިސާ ލިބުމުގެ ދަތިކަމެވެ. އޭގެ އިތުރުން، މަސައްކަތަށް ފައިސާ ލިބުމުގައި ލަސްވުމާއި ތަކެތީގެ އަގުތައް އުފުލުމާއި ބޭންކުން ފައިސާ ލިބުން އުނދަގޫވުން އަދި ފަންނީ މަސައްކަތްތަކަށް މީހުން ނުލިބުން ވެސް އިމާރާތްކުރުމުގެ ދާއިރާ އަށް އޮތް ގޮންޖެހުންތަކުގެ ތެރޭގައި ހިމެނޭ ކަމަށް ސާވޭން ދައްކަ އެވެ.
މިދިޔަ ކުއާޓަރުގައި، ރާއްޖެ އެތެރެކުރި މުދަލުގެ މިންވަރާއި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ހަރަކާތްތައް ވެސް އިތުރުވެފައިވާ ކަމަށް ސާވޭން ދައްކަ އެވެ. ވިއްކާ މުދަލުގެ އަގަށް މިދިޔަ ކުއާޓަރުގައި ބަދަލު އައިސްފައި ނުވާ ކަމަށް ސާވޭގައި ބައިވެރިވި 81 ޕަސެންޓް ވިޔަފާރިތަކުން ބުނެފައި ވިޔަސް، 14 ޕަސެންޓް ވިޔަފާރިތަކުން ބުނީ އަގުތައް އުފުލިފައިވާ ކަމަށެވެ. މީގެ އިތުރުން، ވިޔަފާރީގެ ހަރަދުތައް މައްޗަށް ގޮސް، ކުންފުނިތަކުގެ މާލީ ހާލަތު އޭގެ ކުރީ ކުއާޓަރަށް ވުރެ ގޯސްވެފައިވާ ކަމަށް ވެސް ސާވޭން ދައްކަ އެވެ.
ސާވޭގައިވާ ގޮތުން، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެސް ރާއްޖެ އެތެރެކުރި މުދަލުގެ މިންވަރާއި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ހަރަކާތްތައް އިތުރުވާނެ އެވެ. އެހެންވެ، މުވައްޒަފުންގެ އަދަދާއި ވިޔަފާރި ފުޅާކުރަން ކުރާ އިންވެސްޓްމަންޓުތައް ވެސް މި ކުއާޓަރުގައި އިތުރުވާނެ ކަމަށް ސާވޭގައި ބައިވެރިވި ގިނަ ވިޔަފާރިވެރިން ވަނީ އަންދާޒާކޮށްފަ އެވެ. އަދި ކުންފުނިތަކުގެ މާލީ ހާލަތު މި ކުއާޓަރުގައި ރަނގަޅުވާނެ ކަމަށް އެ ފަރާތްތަކުން ލަފާކުރެ އެވެ.
ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ސާވޭގައިވާ ގޮތުން، ބޭރު ފައިސާ ލިބުމުގެ ދަތިކަމެވެ. މީގެ އިތުރުން، ވިޔަފާރިތަކުގެ މެދުގައި އޮތް ވާދަވެރިކަމާއި ތަންތަނުގެ ކުލި ބޮޑުވުމާއި މުދާ ތަންތަނަށް ގެންދިއުމުގައި ހުރި އުނދަގޫތައް ވެސް ސާވޭގައި ބައިވެރިވި ވިޔަފާރިތަކުން ވަނީ ގޮންޖެހުންތަކުގެ ގޮތުގައި ފާހަގަކޮށްފަ އެވެ.
ރާއްޖޭގެ އިގްތިސާދު މިދިޔަ އަހަރު ކުރިއަރާފައި ވަނީ 3.9 ޕަސެންޓުގަ އެވެ. އެއީ އެ އަހަރު ފެށުނުއިރު ސަރުކާރުން ލަފާކުރި 6.4 ޕަސެންޓަށް ވުރެ ދަށް މިންވަރެއް ކަމަށް ވިޔަސް، މި އަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން 4.4 ޕަސެންޓުގައި ހުންނާނެ ކަމަށް ސަރުކާރުން ވަނީ އަންދާޒާކޮށްފަ އެވެ.
ކޮންސްޓްރަކްޝަން ދާއިރާއަށް 16 ޕަސެންޓުގެ ކުރިއެރުމެއް
ކޮންސްޓްރަކްޝަން ނޫން ހުރިހާ ދާއިރާއެއްދަނީ ކުރިއަރަމުން
ހޯލްސޭލް، ރިޓެއިލް ވިޔަފާރި އަދިވެސް ދަށްވާނެ
މިދިޔަ އަހަރު އިގުތިސާދީ ގޮތުން ކާމިޔާބު: ގަވަރުނަރު
ކޮންސްޓްރަކްޝަން ދަށަށް، އާންމު ވިޔަފާރިތައް ކުރިއަށް!
ޑިމާންޑް ނެތުމުން ޓޫރިޒަމްގެ އަގުތައް ދަށަށް
އެމްއެމްއޭގެ އާ ގަވާއިދު: ތަންފީޒު ކުރެވޭނެ؟
މުހިއްމު ގަވާއިދެއް، ގެސްޓް ހައުސްތަކަށް ގެއްލުންވެދާނެ
ޓޫރިޒަމުން ވަންނަ ޑޮލަރު ބޭންކަށް ޖަމާކުރަންލާޒިމްކޮށްފި
އަހަރަކު 750 މިލިއަން ބޭންކުތަކަށް މާރުކުރަން ޖެހޭ!