Roadha Mihaaru
އެމްއެމްއޭގެ އާ ގަވާއިދު: ތަންފީޒު ކުރެވޭނެ؟

އެމްއެމްއޭގެ އާ ގަވާއިދު: ގެއްލޭ އެއްޗެއް ނެތް، ތަންފީޒުކުރެވޭނެ؟

03 އޮކްޓޯބަރ 2024

މިއީ އެމްއެމްއޭ އިން މީގެ 15 ވަރަކަށް އަހަރު ކުރިން ފެށި މަސައްކަތެވެ. އޭރު އެކަން ކާމިޔާބު ނުވީ، ޓޫރިޒަމް ދާއިރާގައި އިސްކޮށް އުޅުއްވާ ބޭފުޅުންގެ އެހީތެރިކަން އެހާ ބޮޑަށް ނުލިބުމުންނެވެ. ރިސޯޓުތަކުގެ ވެރިންނާއި ޓޫރިޒަމް ދާއިރާގެ ޖަމިއްޔާތަކާ އެކު ގަވަރުނަރުން އެތައް ބައްދަލުވުމެއް ބޭއްވި އެވެ. އެކަމަކު އެކަން ނުކޮށް ބާއްވަން ޖެހުނީ ޓޫރިޒަމް އިންޑަސްޓްރީގެ ހިތްހަމަނުޖެހުން ބޮޑުވެދާނެތީ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިއީ އެމްއެމްއޭ އިން މީގެ 15 ވަރަކަށް އަހަރު ކުރިން ފެށި މަސައްކަތެވެ. އޭރު އެކަން ކާމިޔާބު ނުވީ، ޓޫރިޒަމް ދާއިރާގައި އިސްކޮށް އުޅުއްވާ ބޭފުޅުންގެ އެހީތެރިކަން އެހާ ބޮޑަށް ނުލިބުމުންނެވެ. ރިސޯޓުތަކުގެ ވެރިންނާއި ޓޫރިޒަމް ދާއިރާގެ ޖަމިއްޔާތަކާ އެކު ގަވަރުނަރުން އެތައް ބައްދަލުވުމެއް ބޭއްވި އެވެ. އެކަމަކު އެކަން ނުކޮށް ބާއްވަން ޖެހުނީ ޓޫރިޒަމް އިންޑަސްޓްރީގެ ހިތްހަމަނުޖެހުން ބޮޑުވެދާނެތީ އެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ އެމްއެމްއޭ އިން އާންމުކުރި ދެ ގަވައިދާ ދެކޮޅަށް، ޓޫރިޒަމް ދާއިރާގެ އެކި ފަރާތްތަކުން ތެދުވާން ޖެހުނު އެއް ސަބަބަކީ، މިކަން ހަގީގަތަކަށް ނުވާނެ ކަމަށް އެ ފަރާތްތަކަށް ވިސްނިފައި އޮތް އޮތުމެވެ.

ރާއްޖޭގެ ބޭންކިން ދާއިރާގެ އިސް ބޭފުޅަކު ވިދާޅުވި، ޓޫރިޒަމް ދާއިރާ މިއޮތް ހުރިހާ ދުވަހު މަސައްކަތް ކުރީ ވަކި އިގްތިސާދެއްގައި ވަރަށް ބޮޑު މަންފާތަކެއް ލިބޭ ގޮތަށް ކަމަށެވެ. އެހެންވެ، މިފަދަ ގަވާއިދެއް އައުމުން އެ އަށް ހޭނެން ދުވަސް ނަގާނެ ކަމަށް ވިދާޅުވި އެވެ.

ޗާންދަނީ މަގު ސަރަހައްދުގައި ހުރި ބޭރު ފައިސާގެ މުއާމަލާތް ހިންގާ ފިހާރައެއް  -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ޗާންދަނީ މަގު ސަރަހައްދުގައި ހުރި ބޭރު ފައިސާގެ މުއާމަލާތް ހިންގާ ފިހާރައެއް -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އެމްއެމްއޭ އިން ނެރުނީ ބޭރު ފައިސާއާ ގުޅޭ ގަވައިދާއި މަނީ ޗޭންޖާ ގުޅޭ ގަވާއިދެވެ. ފައިސާއާ ގުޅޭ ގަވާއިދުގެ ދަށުން ރާއްޖޭގެ ބޭންކަކަށް ޓޫރިޒަމުން ލިބޭ ހުރިހާ ފައިސާއެއް ޖަމާކުރަން ޖެހޭ އިރު، މަނީ ޗޭންޖިން ގަވާއިދުގެ ތެރެއިން ވަނީ ކުރިއަށް ވުރެ ފީތައް ބޮޑުކޮށް ޝަރުތުތައް އިތުރުކޮށްފަ އެވެ. ފައިސާ މާރުކުރުމުގެ ތެރޭގައި ޒަމާނުއްސުރެ އޮތް ބިދޭސީންގެ ބާރު އެ ގަވާއިދުގެ ދަށުން ދޫވެ އެވެ.

އާ ގަވައިދާ ގުޅިގެން ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުގެ ހިތްހަމަ ނުޖެހުން ވަރަށް ބޮޑެވެ. އެއް ބަޔަކު ބުނަނީ، އާ ގަވައިދު ތެރެއިން ރިސޯޓުތަކާއި ޓޫރިޒަމް ދާއިރާގެ ބޮޑެތި އިންވެސްޓްމެންޓްތަކަށް އަސަރު ކުރާނެ ކަމަށެވެ. ބައެއް ފަރާތްތަކުގެ ކަންބޮޑުވުމަކީ ވިޔަފާރި ކުރަން އޮތް ފަހި މާހައުލު ގެއްލިދާނެ ކަމުގެ ބިރެވެ.

ޓޫރިޒަމް ދާއިރާގެ ބައެއް ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކުރި އިރު، ސޯޝަލް މީޑިއާގައި އާންމުން މި ބަދަލަށް ވަނީ ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ. އޭގެ އެއް ސަބަބަކީ، ބޭންކިން ނިޒާމަށް ޑޮލަރު ވަންނަ ކަމުގައިވާ ނަމަ ބޭންކިން ހިދުމަތްތަކާއި ހާއްސަކޮށް ކާޑު ލިމިޓުތަކަށް ހެޔޮ ބަދަލުތަކެއް އައުމުގެ ފުރުސަތު ބޮޑުވުމުން އާންމުންގެ ދިރިއުޅުމަށް އޭގެ ފަސޭހަތައް ކުރަން ފަށާނެތީ އެވެ.

500 ޑޮލަރަކީ ގެއްލޭ އެއްޗެއް ނޫން، ކުރަނީ މާރު

އެއް ބަޔަކު އުފައްދާ އެއް ސުވާލަކީ 500 ޑޮލަރު ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް ޖެހީ ކޮން އުސޫލަކަށް ބަލައިގެން ހެއްޔެވެ؟ ބޭންކުތަކަށް ފައިސާ ޖަމާކުރަން ޖެހޭ ގޮތްތައް ބެލޭނީ ކިހިނެއް ހެއްޔެވެ؟

އެމްއެމްއޭގެ ނިންމުން ނިންމައި އާ ގަވާއިދު އިއުލާންކުރީ ޓޫރިޒަމް ދާއިރާގެ ޖަމިއްޔާ، މަޓީއާ މަޝްވަރާ ކުރުމެއް ނެތި ކަމަށް އެ ޖަމިއްޔާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ކަންބޮޑުވުމާ އެކު ބުންޏަސް އެ ގަވާއިދު އެކުލަވައިލީ، ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ މަޝްވަރާ އާއި ހިޔާލު ހޯދައިގެން ކަމަށް އެމްއެމްއޭ އިން ބުންޏެވެ. އެ ފަރާތްތަކަށް އެންމެ ފަސޭހައިން އެކަން ތަންފީޒު ކުރެވޭނެ ގޮތްތައް ބަލައިގެން ގިނަ މަޝްވަރާތަކެއް އެމްއެމްއޭ އިން އެކި ދުވަސްވަރު މަތިން ކުރި އެވެ.

އެ މަޝްވަރާތަކުގެ އަލީގައި ބައެއް ކަންކަން ބަދަލު ވެސް ކުރި ކަމަށް އެމްއެމްއޭގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

"ކުރީގައި އޮތީ އެކްރުއަލް [ލިބެން ޖެހޭ ނުވަތަ ހަރަދުކުރި] ބޭސިސްގައި އެ އަދަދު ދައްކަން. މާނައަކީ އެ ބޭފުޅުންނަށް ލިބޭ އެއްޗެއް ސޭލްސްއަކަށް ހެދީމާ ސޭލްސްއަކުން ލިބޭ ގޮތަށް. އެކަމަކު އެ ބޭފުޅުންގެ ސޭލްސް ރިއަލައިޒް ވާން [އެ ފައިސާ އެ ވިޔަފާރިއަކަށް ވަންނަ] ވަރަށް ވަގުތު ނަގައޭ. އެހެންވީމާ އެކަން ބަދަލު ކުރީ ރިއަލައިޒް ސޭލްސް އަށް،" އެމްއެމްއޭގެ އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިސާލަކަށް އޮކްޓޫބަރު މަހުގެ ވިއްކި އެއްޗެއްގެ ފައިސާ ޖެނުއަރީ މަހު ލިބުނަސް އެ ފައިސާ ލިބޭ ހިސާބަކުން އެ އަށް ފައިސާ ޖަމާ ކުރެވޭނެ ކަމަށެވެ. އެކަން އެގޮތަށް ކުރީ ވެސް ވީހާ ވެސް ލުއިފަސޭހަ ގޮތަކަށް މިކަން ފެށުމަށް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ޓޫރިޒަމް ފެސިލީޓީއަކަށް ކޮންމެ މަހަކު އަންނަ ޓޫރިސްޓެއްގެ ބޮލަކަށް ވަކި ވަރެއް މާރުކުރުމަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ. ރިސޯޓުތަކާއި ހޮޓާތަކާއި ސަފާރީތަކުން އަންނަ ޓޫރިސްޓުންގެ ބޮލަކަށް 500 ޑޮލަރު އަދި ގެސްޓް ހައުސްތަކަށް އަންނަ ޓޫރިސްޓެެއްގެ ބޮލަކަށް 25 ޑޮލަރުގެ މަގުން މާރުކުރަން ޖެހެ އެވެ.

އެ ބަދަލުގެ ސަބަބުން މިސާލަކަށް 350 އެނދުގެ ރިސޯޓެއްގެ އަހަރެއްގެ އޮކިއުޕެންސީ 60 ޕަސެންޓުގައި ހުރި ނަމަ މަހަކު އެ ރިސޯޓަކަށް 210 ގެސްޓުން އަންނާނެ އެވެ. އެ އަދަދުން ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު ނަގާ ނަމަ މަހަކު އެ ރިސޯޓުން ބޭންކަށް 105،000 ޑޮލަރު މާރުކުރަން ޖެހޭނެ އެވެ. އަދި މުޅި އަހަރަށް 1.3 މިލިއަން ޑޮލަރު މާރުކުރަން ޖެހޭނެ އެވެ.

ގެސްޓް ހައުސްއެއްގައި 30 އެނދު ހުރެފައި، އެ ގެސްޓް ހައުސްއެއްގެ އަހަރެއްގެ އޮކިއުޕެންސީ 60 ޕަސެންޓުގައި ހުރި ނަމަ މަހަކު އަންނާނީ 18 ޓޫރިސްޓުންނެވެ. އެ އަދަދުން ބަލައިފި ނަމަ އެ ގެސްޓް ހައުސް އަކުން މަހަކު ބޭންކަށް މާރުކުރަން ޖެހޭނީ 450 ޑޮލަރެވެ. އެއީ އަހަރަކު 5،400 ޑޮލަރެވެ.

މިދިޔަ އަހަރު ރާއްޖެ އަށް 1.8 މިލިއަން ޓޫރިސްޓުން އައި އިރު އޭގެ ތެރެއިން 1.5 މިލިއަން ޓޫރިސްޓުން އައީ ރިސޯޓުތަކަށެވެ. އެހެންވެ، އެމްއެމްއޭ އިން ހެދި ގަވާއިދުގެ ދަށުން 80 ޕަސެންޓު ޑޮލަރު މާރުކުރަން ޖެހޭނީ ރިސޯޓުތަކުންނެވެ.

ގަވާއިދުގައި އޮންނަނީ ފައިސާ މާރު ކުރާށެވެ. އެހެންވެ، އެއީ ރިސޯޓަށް ގެއްލިގެންދާ އެއްޗެއް ނޫނެވެ. އެ އަށްވާ ދިވެހި ރުފިޔާ ޓޫރިޒަމް ހިދުމަތްދޭ ތަންތަނަށް ލިބޭނެ އެވެ.

ހަމައެކަނި މަނިޓަރީ ޕޮލިސީ އަށް އަޅުގަނޑުމެން މިކުރާ ކަމަކުން ބަދަލުތަކެއް އެއްކޮށެއް ނާންނާނެ. ފިސްކަލް ސިޔާސަތުތައް ވެސް ހާއްސަ ގޮތެއްގައި ސަރުކާރުން ރާވާފައިވާ ސަބްސިޑީ ޓާގެޓު ކުރުމާއި އާސަންދަ ރިފޯމާއި ސަރުކާރު ކުންފުނިތަކަށް ގެންނަ ރިފޯމު ކުރަން ޖެހޭ،"--- ގަވަރުނަރު

"މިހާރު" އާ ވާހަކަ ދެއްކެވި އިގްތިސާދީ ދާއިރާގެ ބޭފުޅަކު ވިދާޅުވީ، ޓޫރިޒަމް ދާއިރާގެ ވެރިންނަށް ދިވެހި ރުފިޔާއަކީ ބޭނުމެއް އޮތް އެއްޗެއް ނޫން ކަމަށެވެ. އެހެންވެ، ރުފިޔާ ބޭނުން ކޮށްގެން މުއާމަލާތް ކުރުމަށް އެ ފަރާތްތަކުގެ ނިޒާމު ބައްޓަން ނުކުރާ ކަމަށް ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، އެމްއެމްއޭ އިން ހެދި އާ އުސޫލުގެ ސަބަބުން އެއްވެސް ގެއްލުމެއް ނުވާނެ އެވެ. އެކަމަކު މީގެ ކުރިން ކަޅު ބާޒާރުން ނަފާ ހޯދާ ފަރާތްތަކަށް ގާތްގަނޑަކަށް 20 ޕަސެންޓު ވަރު ބޭންކަށް މާރުކުރަން ފެށުމުން ގެއްލޭނެ އެވެ.

"މި އޮތް ހުރިހާ ދުވަހު އެ ކަމުން [ޓޫރިޒަމުން] އާންމުންނަށް އެއްވެސް މަންފާއެއް ނުވާ އެއް ސަބަބަކީ ރާއްޖޭގެ ބޭންކިން ނިޒާމަށް އެ ފައިސާ ނުވަނުން. މިހާރު މި އޮތީ އެ ދޮރު ހުޅުވިފައި،" އޭނާ ވިދާޅުވި އެވެ.

ބޭންކިން ދާއިރާ ފުޅާވެ، މާލީ ދާއިރާ ކުރިއަރުވަން ފުރުސަތެއް

އާ ގަވައިދުގެ ދަށުން ބޭންކިން ނިޒާމަށް މާރުކުރާ ބޭރު ފައިސާގެ 60 ޕަސެންޓު ވިއްކާނީ މަރުކަޒީ ބޭންކަށެވެ. އެއާ އެކު، މަރުކަޒީ ބޭންކުން އެ ފައިސާ އަނބުރާ ބޭންކުތަކަށް ވިއްކާނެ އެވެ. ބޭންކްތަކަށް ވިއްކާނީ، އެމްއެމްއޭ އިން ކަނޑައަޅާފައިވާ އެލޮކޭޝަންގެ ތެރެއިން އެކި ބޭންކުތަކަށް އެކި އަދަދެވެ.

ޓޫރިސްޓުންތަކެއް މާލޭގެ މަގަކުން ހިނގާފައި ދަނީ. އާ ގަވައިދުގެ ތެރެއިން ޓޫރިޒަމަށް ވަންނަ ހުރިހާ އާމްދަނީއެއް ބޭންކްތަކަށް ޖަމާކުރަން ޖެހޭ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ޓޫރިސްޓުންތަކެއް މާލޭގެ މަގަކުން ހިނގާފައި ދަނީ. އާ ގަވައިދުގެ ތެރެއިން ޓޫރިޒަމަށް ވަންނަ ހުރިހާ އާމްދަނީއެއް ބޭންކްތަކަށް ޖަމާކުރަން ޖެހޭ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ބީއެމްއެލް އިން މިދިޔަ އަހަރު 308 މިލިއަން ޑޮލަރު އިންޖެކްޓް ކުރި އެވެ. އެމްއެމްއޭ އިން ބުނާ ގޮތުން އާ ގަވައިދުތަކުގެ ތެރެއިން އެ އަދަދު ދެ ގުނަ ކުރުމުގެ ފުރުސަތު އެބައޮތެވެ. އެންމެ ގިނަ ދިވެހި ރައްޔިތުން ހިދުމަތް ހޯދާ ބީއެމްއެލް އަށް މިހާރަށް ވުރެ އިތުރަށް އަހަރަކު 100 މިލިއަނެއްހާ ޑޮލަރު ފޯރުކޮށްދެވޭނެ ކަމަށް ބުނެފައި ވެ އެވެ.

މި ސިޔާސަތު ތަންފީޒު ކުރެވެނީ އެކަށީގެންވާ ލުއިފަސޭހަކަމެއް ނެތި، ހަރުކަށި ގޮތަކަށް ކަމުގައިވާ ނަމަ، ފަތުރުވެރިކަމުގެ ދާއިރާ އިން އިދިކޮޅު އަޑުތައް އުފުލިދާނެ. މީގެ ނަތީޖާއެއްގެ ގޮތުން ގަވާއިދު އެކަށީގެންވާ ގޮތެއްގައި ތަންފީޒު ނުވެ، ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފައިސާގެ ދަތިކަން ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް،"--- ކުރީގެ އިކޮނޮމިކް މިނިސްޓަރު އަހުމަދު

ބޭންކުތަކަށް ޑޮލަރު އިތުރަށް ވަންނަން ފެށުމުން ބޭންކުތަކުން ވެސް އިތުރު ގޮތްތައް އިންސެންޓިވްސް ނުވަތަ ފައިދާވާނެ ގޮތްތައް ދައްކައިގެން ޓޫރިޒަމްގެ އިތުރު ކަސްޓަމަރުން ހޯދަން މަސައްކަތް ކުރާނެ އެވެ. މިސާލަކަށް ބޭންކުތަކުގައި ބަހައްޓާ ޑޮލަރަށް ފިސްކްޑް ޑިޕޮސިޓު ޗާޖު ބޮޑުކޮށްގެން ވެސް ބޭންކްތަކުން ކަސްޓަމަރުންނަށް ފައިސާ ބޮޑު ކުރެވޭނެ ކަމަށް ވެސް ބޭންކިން ދާއިރާގެ ބޭފުޅަކު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު ވެސް މި މަސައްކަތް ކުރަނީ ރިސޯޓު ކަސްޓަމަރުން އިތުރު ކުރުމަށް. ޑޮލަރު ވަންނަން ފަށައިފި ނަމަ ބޭންކިން ދާއިރާ ޔަގީނުން ވެސް އިތުރަށް ވާދަވެރިވާނެ،" އޭނާ ވިދާޅުވި އެވެ.

ބޭންކިން ދާއިރާ ފުޅާވުމުން، އަނެއްކާ ވެސް އޭގެ ފައިދާ ކުރަން ފަށާނީ ވިޔަފާރިވެރިންނަށެވެ. އޭރަށް އެފަރާތްތަކަށް ބޭންކުން ޑޮލަރުން ލޯނު ހޯދުމުގެ ފުރުސަތުތައް ވެސް ފަހިވާނެ އެވެ. އެކަަމަކު އެ ހިސާބަށް ދާން އަދި ވަގުތު ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތަންފީޒު ކުރުން ވަރުގަދަކޮށްފި ނަމަ ކާމިޔާބު ވާނެ

މާލީ ގޮތުން ދަތި އުނދަގޫވެ، ބޭރު ފައިސާ އަށް ޕްރެޝަރު ބޮޑުވާ ކޮންމެ ދަނޑިވަޅެއްގައި، ފޮރިން އެކްސްޗޭންޖު މާކެޓަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް އެމްއެމްއޭ އިން އަންނަނީ އެކްސްޗޭންޖު ރޭޓަށް ބަދަލުތައް ގެންނަމުންނެވެ. އެކަމަކު މިއީ އެމްއެމްއޭގެ ތާރީހުގައި ވެސް ގަވާއިދުތަކަށް ބަދަލު ގެނެސްގެން އެކްސްޗޭންޖު މާކެޓުގެ މުޅި ނިޒާމަށް އެހާ ބޮޑު ބަދަލެއް ގެނައި ފުރަތަމަ ފަހަރެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު (އަންޑޭ) ވިދާޅުވީ، އަލަށް ތައާރަފުކުރި ގަވާއިދު ތަންފީޒުކުރުމުގައި ގޮންޖެހުންތަކެއް ހުރެދާނެ ކަމަށެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭގެ އޮފީސް އިދާރާ. އެމްއެމްއޭގެ އާ ގަވައިދުގެ ތެރެއިން މުހިއްމު ބަދަލުތަކެއް ފައިސާ މާރުކުރުމަށް ވެސް ގެެނެސްފައިވޭ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މަރުކަޒީ ބޭންކް އެމްއެމްއޭގެ އޮފީސް އިދާރާ. އެމްއެމްއޭގެ އާ ގަވައިދުގެ ތެރެއިން މުހިއްމު ބަދަލުތަކެއް ފައިސާ މާރުކުރުމަށް ވެސް ގެެނެސްފައިވޭ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އޭނާ ވިދާޅުވީ، ޓޫރިޒަމް ދާއިރާ އިން ލިބޭ އާމްދަނީގެ ވަކި ނިސްބަތެއް ދިވެހިރާއްޖޭގެ ބޭންކުތަކުގައި ޖަމާކުރުމަށް މަޖުބޫރުކުރުމުގެ ސަބަބުން، ބޭރު ފައިސާގެ ދައުރުވުން އިތުރުވެ، ކުރު މުއްދަތެއްގެ ތެރޭގައި ބޭރު ފައިސާގެ ރިޒާވް އިތުރު ވެދާނެ ކަމަށެވެ. އެކަމަކު، އެ ސިޔާސަތުގެ ދިގު މުއްދަތުގެ ނަތީޖާ ބިނާވާނީ އެ ގަވާއިދު ހަރުދަނާ ގޮތެއްގައި ތަންފީޒު ކުރުމުން ކަމަށް އަހުމަދު ވިދާޅުވި އެވެ. ހާއްސަކޮށް ޓޫރިޒަމް ސިނާއަތުގެ ފުރިހަމަ އެއްބާރުލުން ލިބެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ސިޔާސަތު ތަންފީޒު ކުރެވެނީ އެކަށީގެންވާ ލުއިފަސޭހަކަމެއް ނެތި، ހަރުކަށި ގޮތަކަށް ކަމުގައިވާ ނަމަ، ފަތުރުވެރިކަމުގެ ދާއިރާ އިން އިދިކޮޅު އަޑުތައް އުފުލިދާނެ. މީގެ ނަތީޖާއެއްގެ ގޮތުން ގަވާއިދު އެކަށީގެންވާ ގޮތެއްގައި ތަންފީޒު ނުވެ، ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފައިސާގެ ދަތިކަން ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް،" ބީއެމްއެލްގެ ބޯޑުގެ މެމްބަރެއްގެ ގޮތުގައި ވެސް ކުރިން މަސައްކަތް ކުރެއްވި އަހުމަދު ވިދާޅުވި އެވެ.

"އެހެން ނަމަވެސް، ނިސްބަތުން ބޮޑެތި ވިޔަފާރިތަކަށް މި ބަދަލަށް ހޭނުން ފަހަރުގައި ފަސޭހަވެދާނެ."

ކްރޫޒްލައިނާ އިން މާލެ ފޭބި ޓޫރިސްޓުން ތަކެއް ފާލަން ކައިރިން ހިނގާފަ ދަނީ.--- ފޮޓޯ:ނިޝާން އަލީ | މިހާރު

ކްރޫޒްލައިނާ އިން މާލެ ފޭބި ޓޫރިސްޓުން ތަކެއް ފާލަން ކައިރިން ހިނގާފަ ދަނީ.--- ފޮޓޯ:ނިޝާން އަލީ | މިހާރު

ރާއްޖޭގައި ޑޮލަރު ހިފަހައްޓަން ބޮޑެތި މަސައްކަތްތަކެއް މަރުކަޒީ ބޭންކުން އިސްނަގައިގެން ފަށަންޖެހޭ ކަން އެންމެން ވެސް ގަބޫލުކުރެ އެވެ. އެމްއެެމްއޭގެ އާ ގަވާއިދުގައި ބަޔާން ކޮށްފައިވާ ބައެއް ކަންކަމާ ހިޔާލު ތަފާތުވިޔަސް ކޮންމެވެސް އެއް ހިސާބަކުން މި ބަދަލު ފަށަން ޖެހޭ ކަމަށް އިއްތިފާގުވާ މީހުން ގިނަ އެވެ. މި ސިޔާސަތު ކާމިޔާބުކަމާ އެކު، ތަންފީޒު ކުރުމަށްޓަކައި ސަރުކާރާއި ޓޫރިޒަމް ދާއިރާއާ ގުޅިގެން ގާތުން މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ. ނަމަވެސް، މިވަގުތު އިގްތިސާދަށް ކުރިމަތިވެފައިވާ މާލީ ދަތިކަމަށް ދުރު މުސްތަގުބަލްގައި ހައްލެެއް ހޯދާ ނަމަ ސަރުކާރުގެ ހަރަދުތައް ކުޑަކޮށް ފިސްކަލް ޑިސިޕްލިން ހިފަހައްޓަން ޖެހެ އެވެ.

ގަވަރުނަރު އަހުމަދު މުނައްވަރު ވެސް ވިދާޅުވީ، އިގްތިސާދަށް ދިމާވެފައިވާ މާލީ ދަތި ހާލަތުން އަރައިގަތުމަށް ލިބޭ އާމްދަނީއާ އެއްވަރަށް ހަރަދުތައް ހިފެހެއްޓެން ޖެހޭ ކަމަށެވެ. ދަރަނި ވެސް ދެމެހެއްޓެނިވި މިންވަރެއްގައި ހިފެހެއްޓިގެން ނޫން ގޮތަކަށް މުޅި މައްސަލައަށް ޖުމްލަ ހައްލެއް ނުހޯދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަމައެކަނި މަނިޓަރީ ޕޮލިސީ އަށް އަޅުގަނޑުމެން މިކުރާ ކަމަކުން ބަދަލުތަކެއް އެއްކޮށެއް ނާންނާނެ. ފިސްކަލް ސިޔާސަތުތައް ވެސް ހާއްސަ ގޮތެއްގައި ސަރުކާރުން ރާވާފައިވާ ސަބްސިޑީ ޓާގެޓު ކުރުމާއި އާސަންދަ ރިފޯމާއި ސަރުކާރު ކުންފުނިތަކަށް ގެންނަ ރިފޯމު ކުރަން ޖެހޭ،" ޕީއެސްއެމްގެ ޕްރޮގްރާމެއްގައި އޭނާ ވިދާޅުވި އެވެ.

އަމަލު ކުރަން ފެށި އާ ގަވައިދަކީ އެންމެ ފުރިހަމަ ގަވައިދަކަށް ނުވި ނަމަވެސް އެ ގަވައިދުގެ ކާމިޔާބުކަން ފެންނާނީ، ކުރިއަށް އޮތް މަސްތަކުންނެވެ. އަނެއްކޮޅުން ރާއްޖޭގެ އެންމެ ބޮޑު ސެކްޓަރުގެ ހުރި ކަންބޮޑުވުންތައް އަހައި، ގަވާއިދުގެ ތެރެއިން އެ އަށް ހައްލެއް ލިބޭ ނަމަ އެފަދަ ބަދަލުތައް ވެސް ގަނައުން މުހިއްމެވެ.

އާ ގަވައިދުގެ ތެރެއިން ކުރިން ޓޫރިޒަމް ދާއިރާ އަށް ނެތް ޑޮލަރުން ވިޔަފާރީގެ މުއާމަލާތްތައް ހިންގުމުގެ ފުރުސަތުތައް ފުޅާދާއިރާއެއްގައި އެބަ އޮތެވެ. ޓޫރިޒަމަށް މި ގަވައިދުން ގެއްލިގެންދާ އެއްޗެއް ނެތެވެ. ބޮޑު ކަމަކަށް ކުރާ ކަމަކީ ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރުމާއި ޓޫރިޒަމުން ލިބޭ ފައިސާ ރާއްޖޭގެ ބޭންކުތަކުގައި އެންރޯލް ކުރުމަށް ފަހު ނެގުމެވެ. މި ބަދަލުތަކާ އެކު، ދެން އޮތީ އެ ކަންކަން ތަޖުރިބާ ކުރުމެވެ.