Roadha Mihaaru
ކޮންސްޓްރަކްޝަން ނޫން ހުރިހާ ދާއިރާއެއްދަނީ ކުރިއަރަމުން

އިމާރާތްކުރުމުގެ ދާއިރާ ނޫން ހުރިހާ ދާއިރާއެއް ދަނީ ކުރިއަރަމުން: ސާވޭ

23 އޮކްޓޯބަރ 2020

އިމާރާތް ކުރުމުގެ ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާއެއް ކުރިއަރަމުން އަންނަ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހެދި ސާވޭއަކުން ދައްކައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އިމާރާތް ކުރުމުގެ ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާއެއް ކުރިއަރަމުން އަންނަ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހެދި ސާވޭއަކުން ދައްކައިފި އެވެ.

އެކި ދާއިރާތައް ކުރިއަރަމުން އަންނަ މިންވަރު ބެލުމަށް އެމްއެމްއޭ އިން ކޮންމެ ކުއާޓަރެއްގައި ހަދާ މި ސާވޭއިން ދައްކާގޮތުގައި މި އަހަރުގެ ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު ތިންވަނަ ކުއާޓާގައި އިމާރާތް ކުރުމުގެ ދާއިރާ ވަނީ ކުޑަކޮށް ރަނގަޅުވެފަ އެވެ. ނަމަވެސް ގިނަ މަސައްކަތްތައް މަޑުޖެހިފައި އޮތުމުން އެ ދާއިރާ ކުރިއަރަމުން ނުދާކަމަށް ސާވޭގައި ބައިވެރިވި ކުންފުނިތަކުން ވަނީ ބުނެފަ އެވެ.

ތިންވަނަ ކުއާޓަރުގައި އިމާރާތް ކުރުމުގެ ދާއިރާ ދަށްވި ނަމަވެސް މި އަހަރުގެ ފަހު ކުއާޓަރުގައި އެ ދާއިރާ ކުރިއަރާނެ ކަމަށް ސާވޭގެ ބައިވެރިން ވަނީ ލަފާކޮށްފަ އެވެ.

ސާވޭ އިން ދައްކާގޮތުން މާލެ ސަރަހައްދުގައި އިއުލާންކުރި ލޮކްޑައުނަށް ދިން ލުޔާ އެކު މިދިޔަ ކުއާޓާގައި އެންމެ ބޮޑަށް ކުރިއަރާފައިވަނީ ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި އެވެ. ލޮކްޑައުންގެ ސަބަބުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެ ދާއިރާ އޮތީ އެއްކޮށް ހުއްޓިފަ އެވެ. އެހެންނަމަވެސް މިދިޔަ ކުއާޓާގައި އެ ދާއިރާ ކުރިއަރައިފައިވާއިރު މި ކުއާޓާގައި ވެސް ދާއިރާ ކުރިއަރާނެ ކަމަށް ލަފާ ކުރެ އެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ހުއްޓިފައި އޮތުމަށްފަހު އަލުން ފަށާފައި ވަނީ ވެސް މިދިޔަ ކުއާޓަރުގަ އެވެ. އެހެންކަމުން މިދިޔަ ކުއާޓާގައި އެ ދާއިރާ ވެސް ކުރިއަރައިފައިވާ ކަމަށް ސާވޭގައި ބައިވެރިވި ކުންފުނިތަކުން ވަނީ ބުނެފަ އެވެ.

ކޮންމެ އަހަރެއްގެ ވެސް ހަތަރުވަނަ ކުއާޓަރަކީ ޓޫރިޒަމަށް އޮންނަ ޑިމާންޑް އެންމެ ބޮޑަށް އިތުރުވެގެންދާ "ޕީކް ސީޒަން" އެވެ. އެހެންކަމުން މި ކުއާޓާގައި ވެސް ޓޫރިޒަމް ދާއިރާ ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އެމްއެމްއޭގެ ސާވޭ ދައްކާ ގޮތުގައި މިދިޔަ ކުއާޓާގައި ހުރިހާ ދާއިރާއެއްގެ ވިޔަފާރިތަކަށް، (ހާއްސަ ގޮތެއްގައި ޓޫރިޒަމާއި އިމާރާތްކުރުމުގެ ދާއިރާ)އަށް ކްރެޑިޓްގެ ގޮތުގައި ފައިސާ ހޯދުމަށް ވަނީ އިތުރަށް ދަތިވެފަ އެވެ. އަދި މި ކުއާޓަރުގައި ވެސް ކްރެޑިޓްގެ ގޮތުގައި ފައިސާ ހޯދަން ދަތިވާނެ ކަމަށް ސާވޭގެ ބައިވެރިން ވަނީ ލަފާކޮށްފަ އެވެ.

މި އަހަރުގެ ތިންވަނަ ކުއާޓާގެ ސާވޭގައި ރާއްޖޭގެ އެކި ދާއިރާތަކުގެ 104 ބޮޑެތި ކުންފުނިން ވަނީ ބައިވެރިވެފަ އެވެ.