Roadha Mihaaru
ޑިމާންޑް ނެތުމުން ޓޫރިޒަމްގެ އަގުތައް ދަށަށް

ވާދަވެރިކަން އިތުރުވެ، އެކަށީގެންވާ މިންވަރަށް ޑިމާންޑް ނެތުމުން ޓޫރިޒަމްގެ އަގުތައް ދަށްވާނެ ކަމަށް ލަފާކޮށްފި

06 ސެޕްޓެމްބަރ 2018

ޓޫރިޒަމް އިންޑަސްޓްރީގެ ވާދަވެރިކަން އިތުރުވެ، އެކަށީގެންވާ މިންވަރަށް ޑިމާންޑް ނެތުމުން އަންނަ ކުއާޓަރުގައި ޓޫރިޒަމްގެ އަގުތައް ދަށްވާނެ ކަމަށް ޓޫރިޒަމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތަކުން ލަފާކޮށްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ޓޫރިޒަމް އިންޑަސްޓްރީގެ ވާދަވެރިކަން އިތުރުވެ، އެކަށީގެންވާ މިންވަރަށް ޑިމާންޑް ނެތުމުން އަންނަ ކުއާޓަރުގައި ޓޫރިޒަމްގެ އަގުތައް ދަށްވާނެ ކަމަށް ޓޫރިޒަމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތަކުން ލަފާކޮށްފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ނެރުނު ދެވަނަ ކުއާޓަރުގެ ބިޒްނަސް ސާވޭ ރިޕޯޓުގައި ބުނެފައި ވަނީ ތިންވަނަ ކުއާޓަރުގައި ވިޔަފާރިތަކުން ވިއްކާ ތަކެއްޗާއި ހިދުމަތުގެ އަގުތަށް ހުންނާނެގޮތަށް ބަލާއިރު، ޓޫރިޒަމް އިންޑަސްޓްރީ ފިޔަވައި އެހެނިހެން އިންޑަސްޓްރީ ނިސްބަތްވާ ފަރާތްތަކުން ލަފާކުރަނީ އަގުތައް އެއްވަރެއްގައި ހިފެހެއްޓިފައި ހުންނާނެ ކަމަށެވެ.

"ނަމަވެސް، ފަތުރުވެރިކަމުގެ ސިނާއަތުގެ ގިނަ ވިޔަފާރިތަކުން ލަފާކޮށްފައި ވަނީ އަގުތައް ދަށަށް ދާނެކަމުގަ އެވެ. މިކަމުގެ މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ، މި ސިނާއަތުގައި ވާދަވެރިކަން އިތުރުވުމާއި އެކަށީގެންވާ މިންވަރަށް ޑިމާންޑް ނެތުމުގެ ސަބަބުން ކަމަށް މި ސިނާއަތުގެ ވިޔަފާރިތަކުން ފާހަގަކޮށްފައިވެ އެވެ،" އެ އޮތޯރިޓީން ބުންޏެވެ.

އެ ސާވޭ ރިޕޯޓުގައި، ޓޫރިޒަމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތަކާ ހަވާލާދީ ބުނެފައި ވަނީ މިދިޔަ ކުއާޓަރުގައި އެ ސިނާއަތުގެ އަގުތައް ދިޔައީ ދަށަށް ކަމަށެވެ. އޭގެ މައިގަނޑު ސަބަބަކީ ދެވަނަ ކުއާޓަރު ދިމާވެފައި ވަނީ ޓޫރިޒަމްގެ އޮފް-ސީޒަނަށް ވުމުން ކަމަށް ވެސް ބުނެފައިވެ އެވެ.

އެމްއެމްއޭގެ ސާވޭ ރިޕޯޓުގައި ބުނެފައި ވަނީ ޓޫރިޒަމްގެ އިތުރުން ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިކުރާ ބައެއް ފަރާތްތަކުން ވެސް އަގުތައް ދަށަށްދިޔަ ކަމަށް ފާހަގަކޮށްފައިވާ ކަމަށެވެ.

"މިކަމުގެ ސަބަބެއް ކަމަށް ބެލެވެނީ ރަމަޟާން މަހާ ދިމާކޮށް ޕްރޮމޯޝަންތަކަށް އަގުތައް ދަށްކޮށްފައި ވުމެވެ. އެހެން ނަމަވެސް، އިމާރާތްކުރުން އަދި ތަކެތި އުފެއްދުމުގެ ސިނާއަތުގެ ގިނަ ފަރާތްތަކުން ބަޔާންކޮށްފައި ވަނީ އަގުތައް އެއްވަރެއްގައި ހިފެހެއްޓިފައި ހުރި ކަމުގަ އެވެ." ބިޒްނަސް ސާވޭ ރިޕޯޓުގައި ބުނެފައިވެ އެވެ.

އެ އޮތޯރިޓީން ހެދި ސާވޭގައި ބައިވެރިވި އިމާރާތްކުރުން، ތަކެތި އުފެއްދުން އަދި، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިކުރުމުގެ ސިނާއަތުގެ ގިނަ ފާރާތްތަކުން ވަނީ މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ދެވަނަ ކުއާޓަރުގައި އެ ފަރާތްތަކުގެ ވިޔަފާރި އިތުރަށް ރަނގަޅުވެފައިވާ ކަމަށް ބުނެފަ އެވެ.

"މިއިން ދައްކުވައިދެނީ މި މުއްދަތުގެ ތެރޭގައި ވިޔަފާރިތަކަށް ރަނގަޅު އިގްތިސާދީ މާހައުލެއް އޮތްކަމެވެ. އެހެން ނަމަވެސް، މި ކުއާޓާރު ދިމާވެފައި ވަނީ ފަތުރުވެރިކަމުގެ އޮފް ސީޒަނާ ކަމުގައި ވުމުން، ފަތުރުވެރިކަމުގެ ސިނާއަތް ފެނުނީ ދަށްކޮށެވެ" އެ ސާވޭ ރިޕޯޓުގައި ބުނެފައިވެ އެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ ކުރިއަށް އޮތް ތިންވަނަ ކުއާޓަރަށް ލަފާކުރެވޭ ގޮތަށް ބަލާއިރު، އިމާރާތްކުރުމުގެ ދާއިރާ ފިޔަވާ އެހެން ހުރިހާ ދާއިރާތަކުގެ ގިނަ ވިޔަފާރިތަކުން ލަފާކޮށްފައި ވަނީ ވިޔަފާރި އިތުރަށް ރަނގަޅުވާނެ ކަމަށެވެ.

"ނަމަވެސް، އިމާރާތްކުރުމުގެ ސިނާއަތުގެ ގިނަ ފަރާތްތަކުން ދެކެނީ ތިންވަނަ ކުއާޓަރުގައި މި ސިނާއަތް ކޮންމެވެސް މިންވަރަކަށް މަޑުޖެހިގެންދާނެ ކަމުގައެވެ. އިމާރާތްކުރުމުގެ ސިނާއަތުގެ ގިނަ ވިޔަފާރިތަކުން ބުނެފައިވާ ގޮތުގައި ވިޔަފާރީގެ ކުރިއެރުމަށް ހުރި މައިގަނޑު ގޮންޖެހުންތަކަކީ ފަންނީ މުވައްޒަފުން ލިބުން ދަތިވުމާއި ހިދުމަތްތަކުގެ އަގަށް ލިބެންޖެހޭ ފައިސާ ލިބުން ލަސްވުމެވެ." އެމްއެމްއޭ އިން ހެދި ސާވޭ ރިޕޯޓުގައި ބުނެފައިވެ އެވެ.