Roadha Mihaaru
ކޮވިޑްގައި މަރުވާ މުވައްޒަފުންގެ އާއިލާތަކަށް މާލީ އެހީ

ކޮވިޑްގައި މަރުވާ ޓާޓާ ސްޓީލްގެ މުވައްޒަފުންގެ އާއިލާތަކަށް މާލީ އެހީ

26 މެއި 2021

ކޮވިޑް-19 ގައި މަރުވާ ޓާޓާ ސްޓީލްގެ އިންޑިއާ މުވައްޒަފުންގެ އާއިލާތަކަށް މާލީ އެހީދޭން އެ ކުންފުނިން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19 ގައި މަރުވާ ޓާޓާ ސްޓީލްގެ އިންޑިއާ މުވައްޒަފުންގެ އާއިލާތަކަށް މާލީ އެހީދޭން އެ ކުންފުނިން ނިންމައިފި އެވެ.

މިކަން އިއުލާންކޮށް ނެރުނު ބަޔާނެއްގައި ބުނީ ކުންފުނީގެ ވަޒީފާއެއްގައި ހުއްޓައި ކޮވިޑް ބަލީގައި މަރުވާ މީހުންގެ އާއިލާތަކަށް އެހީ ދޭން ނިންމި އުސޫލުގެ ދަށުން އެ މުވައްޒަފުން ރިޓަޔާކުރަން ޖެހޭ އުމުރު ކަމަށްވާ 60 އަހަރު ފުރެންދެން ލިބިދޭ މުސާރަ އާއި އިނާޔަތްތައް މުވައްޒަފުންގެ އާއިލާތަކަށް ދޭނެ ކަމަށެވެ. އޭގެ ތެރޭގައި މަހު މުސާރަ އާއި ބޯހިިޔާވަހިކަމާއި ސިއްހީ ކަންކަމަށް ދޭ އެލަވަންސް ވެސް ހިމެނެ އެވެ.

"މިކަމަކީ އަބުރުވެރި ދިރިއުޅުމެއް މުވައްޒަފުންގެ އާއިލާތަކަށް ކަށަވަރުކޮށް ދިނުމުގެ ގޮތުން ނިންމި ނިންމުމެއް،" ޓާޓާގެ ބަޔާނުގައި ބުންޏެވެ. "އަހަރެމެންގެ ކޮންމެ މުވައްޒަފަކީ ކުންފުންޏަށް ވަރަށް މުހިއްމު މީހެއް. އެހެންވެ މުވައްޒަފުންގެ އާއިލާތަކަށް އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަކީ ވެސް ކުންފުނީގެ ޒިންމާއެއްގެ ގޮތުގައި ދެކެނީ."

މީގެ އިތުރުން މި ބަލިމަޑުކަމާ އެކު ޓާޓާގެ ސްޓީލް މުވައްޒަފުންގެ ތެރޭގައި، އަދާކުރާ ވަޒީފާގެ ގޮތުން ކޮވިޑާ ގުޅުން ހުރި ކަންކަމުގައި އިސް ސަފުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން މީހަކު މަރުވެއްޖެ ނަމަ އެ މުވައްޒަފެއްގެ ކިޔަވާ ކުދިން ތިބި ނަމަ އެ ކުއްޖަކު ގްރެޖުއޭޓްވުމާ ހަމައަށް ކިޔެވުމުގެ ހުރިހާ ހަރަދެއް ވެސް ކުންފުނިން ހަމަޖައްސައިދޭނެ އެވެ.

އިންޑިއާގެ އެންމެ ވަރުގަދަ އެއް ކުންފުނި ކަމަށްވާ ޓާޓާ ގްރޫޕްގެ ދަށުން ހިންގާ ޓާޓާ ސްޓީލް އަކީ 32،360 އަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރާ ތަނެކެވެ.

އެތައް ބާވަތެއްގެ ވިޔަފާރިއެއް ކުރަމުން އަންނަ ޓާޓާ ގްޕޫރަކީ މީގެ 153 އަހަރު ކުރިން އުފަންވި ކުންފުންޏެކެވެ.

އިންޑިއާ އަކީ މި ވަގުތު ދުނިޔޭގައި ކޮވިޑްގެ ހާލަތު އެންމެ ގޯސް ގައުމެވެ. އެ ބަލީގައި ކޮންމެ ދުވަހަކު އެ ގައުމުން އެތައް ބަޔަކު ދަނީ މަރުވަމުންނެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން އިންޑިއާގައި ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު 300،000 އަށް ވުރެ ގިނަ އެވެ. ބަލި ޖެހުނު މީހުންގެ އަދަދު 30 މިލިއަނާ ގާތްކުރެ އެވެ.