09 އޮކްޓޯބަރ 2021
ނިއު ދިއްލީ (އޮކްޓޯބަރު 9) - ގެއްލުމާ އެކު ހިންގަމުން ދިޔަ އެއާ އިންޑިއާ ޓާޓާ ގްރޫޕަށް ވިއްކާލައިފި އެވެ.
ނިއު ދިއްލީ (އޮކްޓޯބަރު 9) - ގެއްލުމާ އެކު ހިންގަމުން ދިޔަ އެއާ އިންޑިއާ ޓާޓާ ގްރޫޕަށް ވިއްކާލައިފި އެވެ.
އިންޑިއާގެ އެންމެ ބޮޑު ކުންފުންޏަށް ގައުމީ އެއާލައިން ވިއްކާލީ އެންމެ ބޮޑު ބިޑެއް ހުށަހެޅީ އެ ފަރާތުން ކަމަށްވާތީ އެވެ. ޓާޓާ އިން ހުށަހެޅި އަގު 2.4 ބިލިއަން ޑޮލަރަށް އަރަ އެވެ.
އެއާ އިންޑިއާ އެންމެ ފުރަތަމަ އުފެއްދި ކުންފުންޏަކީ ވެސް ޓާޓާ އެވެ. ނަވާރަ ސަތޭކަ ބައްތިރީސް ވަނަ އަހަރު ޓާޓާ އިން އުފެއްދި އެއާލައިން އިންޑިއާ ސަރުކާރުން ގަތީ 1953 ވަނަ އަހަރު އެވެ.
އެއާ އިންޑިއާ ވިއްކާލަން ސަރުކާރުން މަސައްކަތްކުރާތާ އެތައް އަހަރެއްވެއްޖެ އެވެ. އެއާލައިނުގެ ދަރަނި 9.5 ބިލިއަން ޑޮލަރަށް އަރަ އެވެ. އެއާ އިންޑިއާ ވިއްކާލަން އިއުލާންކުރި އިރު ދަރަނިން ބަޔަކާ ހަވާލުވުމަށް ޝަރުތުކޮށްފައިވެ އެވެ. އެއާލައިނުގެ ދަރަނީގެ ތެރޭން ޓާޓާ އިން ހަވާލުވަނީ ކިހާ ވަރެއްގެ އަދަދެއް ކަމެއް ނޭނގެ އެވެ.
ދަރަނީގައި ހިންގި ނަމަވެސް އެއާ އިންޑިއާގެ އެސެޓްތައް ގިނަ އެވެ. އޭގެ ތެރޭގައި ލަންޑަނުގެ ހީތުރޯ އެއާޕޯޓުގެ ސްލޮޓްތަކާއި 130 މަތިންދާބޯޓުގެ ފްލީޓެއް ހިމެނެ އެވެ. އޭގެ އިތުރުން ތަމްރީނުކޮށްފައިވާ އެތައް ހާސް ޕައިލެޓުންނާއި ކްރޫން ހިމެނެ އެވެ.
Welcome back, Air India ?? pic.twitter.com/euIREDIzkV
— Ratan N. Tata (@RNTata2000) October 8, 2021
ޓާޓާ ސަންސް އިން މިހާރު ވެސް ދެ އެއާލައިނެއް ހިންގަ އެވެ. ވިސްޓާރާ ހިންގަނީ ސިންގަޕޫރު އެއާލައިންސްއާ ގުޅިގެންނެވެ. އަދި އެއާއޭޝިއާ އިންޑިއާ ހިންގަނީ މެލޭޝިއާގެ ބަޖެޓް އެއާލައިން އެއާއޭޝިއާއާ ޕާޓްނާޝިޕް ހަދައިގެންނެވެ.
ޑޮމެސްޓިކް އޮޕަރޭޓަ އިންޑިއަން އެއާލައިންސް އާއި އެއާ އިންޑިއާ 2007 ވަނަ އަހަރު މާޖްކުރި ފަހުން ގައުމީ އެއާލައިނަށް ދިޔައީ ގެއްލުން ވަމުންނެވެ. އެއާލައިން ހިންގުމަށް ސަރުކާރުން ދިޔައީ ބޮޑު ހޭދައެއް ކުރަމުންނެވެ. ސަރުކާރުން ބުނީ އެއާލައިން ހިންގަމުން ދިޔައީ ދުވާލަކު 200 މިލިއަން ރުޕީސް (2.6 މިލިއަން ޑޮލަރު) ގެ ގެއްލުމަކާ އެކު ކަމަށެވެ.
ގެއްލުމުގެ ސަބަބެއް ކަމަށް އެއާލައިނުން ބުނަމުން ދިޔައީ އޭވިއޭޝަން ފިއުލްގެ އަގުބޮޑުވުމާއި އެއާޕޯޓް ޗާޖްތައް ބޮޑުވުމާއި ބަޖެޓް އެއާލައިންތަކުގެ ވާދަވެރިކަން ބޮޑުވުމާ އަދި ރުޕީސްގެ އަގު ވެއްޓުމުގެ ސަބަބުން ކަމަށެވެ.
އެއާލައިނުގައި ކުރިން މަސައްކަތް ކުރި އެގްޒެކެޓިވް ޑައިރެކްޓަރަކު ވިދާޅުވި ގޮތުގައި އެއާ އިންޑިއާގ އަށް ގެއްލުންވަމުން ދިޔަ ކަންކަމުގެ ތެރޭގައި ރަނގަޅު ފެންވަރުގެ ޚިދުމަތް ނުދިނުމާއި ގަޑިއަށް ބޯޓުތައް ނުފުރުމާއި އާމްދަނީ އިތުރުކުރާނެ އާ އުކުޅުތައް ބޭނުންކުރަން ނޭނގުން ހިމެނެ އެވެ.
ބީޖޭޕީގެ ކުރީގެ ސަރުކާރުން 2001 ވަނަ އަހަރު ވަނީ އެއާ އިންޑިއާގެ 40 ޕަސެންޓް ވިއްކާލަން މަސައްކަތްކޮށްފަ އެވެ. ލުފްތަންސާ އާއި ބްރިޓިޝް އެއާވޭސް އަދި ސިންގަޕޫރު އެއާލައިނުން ވެސް ޝައުގުވެރިކަން ފާޅުކުރި ނަމަވެސް އެ ޑީލް ދޫކޮށްލަން ޖެހުނީ އިންޑިއާގެ ކުންފުންޏަކާ އެކު ޕާޓްނަޝިޕް ހަދަން ސަރުކާރުން ޝަރުތު ކުރުމުންނެވެ.
ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން 2018 ވަނަ އަހަރު ވަނީ އެއާލައިނުގެ 76 ޕަސެންޓް ވިއްލާން އިއުލާންކޮށްފަ އެވެ. ނަމަވެސް ދަރަނީގެ ބަޔަކާ ހަވާލުވާން ޖެހޭތީ ޝައުގުވެރިކަން ފާޅުކުރި ކުންފުނިތައް މަދެވެ.
ޖެނުއަރީ 2020 ގައި ސަރުކާރުން ވަނީ އެއާ އިންޑިއާގެ ހުރިހާ ހިއްސާއެއް ވިއްކާލަން އިއުލާންކޮށްފަ އެވެ. ސިވިލް އޭވިއޭޝަން މިނިސްޓަރު ހަރްދީޕް ސިންގް ޕޫރީ ވިދާޅުވީ ސަރުކާރަށް އޮތީ އެއާ އިންޑިއާ ޕްރައިވެޓައިޒް ކުރުން ނޫނީ އެއާލައިން ބަންދު ކުރުން ކަމަށެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް އެއާ އިންޑިއާ އަށް ދެ ބިޑް ލިބުނެވެ. އެއީ ޓާޓާ ސަންސް އާއި އެމެރިކާގެ އިންވެސްޓްމަންޓް ފާމަކުންނެވެ. ބަޖެޓް އެއާލައިނެއް ކަމަށްވާ ސްޕައިސް ޖެޓް ހިންގާ އަޖޭ ސިންގް ސެޕްޓެމްބަރު މަހު ވަނީ އޭނާގެ އަމިއްލަ ހައިސިއްޔަތުން އެއާ އިންޑިއާ އަށް ބިޑްކޮށްފަ އެވެ.
އެއާ އިންޑިއާގައި ހިމެނޭ 130 މަތިންދާބޯޓުގެ އިތުރުން 4،400 ޑޮމެސްޓިކް އަދި 1،800 އިންޓަނޭޝަނަލް ލޭންޑިން އަދި ޕާކިން ސްލޮޓްތައް ގަންނަ ބަޔަކަށް ލިބޭނެ އެވެ. އެއާލައިނުގެ އާމްދަނީގެ ތިން ބައިކުޅަ ދެބައި ލިބެނީ އިންޓަނޭޝަނަލް އޮޕަރޭޝަންތަކުންނެވެ. އެއާ އިންޑިއާގެ ފިކްސްޑް އެސެޓުގެ އަގު ވެސް މިލިއަން ޑޮލަރަށް އަރަ އެވެ. އޭވިއޭޝަން މިނިސްޓްރީން ބުނި ގޮތުގައި ބިމާއި އިމާރާތްތަކާ އަދި މަތިންދާބޯޓުގެ އަދަދަށް ބަލާއިރު މިދިޔަ އަހަރުގެ މާޗު މަހުގެ ނިޔަލަށް އެއާލައިނުގެ އެސެޓުގެ އަގު 450 ބިލިއަން ރުޕީސް (ހަ ބިލިއަން ޑޮލަރު) އަށް އަރަ އެވެ. އެއާލައިނުގައި 13،000 ސްޓާފުން މަސައްކަތް ކުރެ އެވެ.
* 1932: ޓާޓާ ސަންސް އިން އެއާލައިން އުފެއްދި
* 1946: ޕަބްލިކް ކުންފުންޏަކަށް ހަދާ އެއާ އިންޑިއާގެ ނަމަށް ބަދަލުކުރި
* 1948: އިންޑިއާ ސަރުކާރުން 49 ޕަސެންޓުގެ ހިއްސާ ގަތް
* 1953: އެއާ އިންޑިއާ ސަރުކާރުގެ ކުންފުންޏަކަށް ހެދި
* 2007: އެއާ އިންޑިއާ އާއި އިންޑިއަން އެއާލައިންސް އެއްކޮށްލި
* 2007-2008: އެއާ އިންޑިއާގެ ގެއްލުން 334 މިލިއަން ރުޕީސް (4.6 މިލިއަން ޑޮލަރު) އަށް އެރި
* 2018: އެއާލައިނުގެ 76 ޕަސެންޓް ވިއްކާލަން މަސައްކަތް ކުރި ނަމަވެސް ޝައުގުވެރިވާނެ ބައެއް ނުލިބުނު
* 2019: އެއާ އިންޑިއާ އަށް 12.8 ބިލިއަން ރުޕީސްގެ ގެއްލުން ލިބުނު، އެއީ 2007 ވަނަ އަހަރު މާޖްކުރި ފަހުން އެންމެ ބޮޑު ގެއްލުމެއްވީ އަހަރު.
ޓާޓާ: އެއާއިންޑިއާ ވޯލްޑް ކްލާސް އެއާލައިނަކަށް ހަދާނެ
ވަރުގަދަ ވިޔަފާރިވެރިޔާ ރަޓަން ޓާޓާ އަވަހާރަވެއްޖެ
ޓާޓާގެ ފްލެޓްތައް ވިއްކަން ހުޅުވާލައިފި
އޯޑިއޯން އާއި ނާދީ ބިމުގައި މަސައްކަތް ފަށައިފި
ހުއްދަ ދިން ވަރަށް ވުރެ އިތުރަށް ޓާޓާ އިން ފްލެޓް!
އެއާ އިންޑިއާގެ ބޯޓެއް ބްރިޖެއްގެ ދަށުގައި ތާށިވެފައި!
ރާއްޖެ އަށް އެއާ އިންޑިއާގެ ދަތުރުތައް އަލުން ފަށަނީ
ކޮވިޑްގައި މަރުވާ މުވައްޒަފުންގެ އާއިލާތަކަށް މާލީ އެހީ
އެއާ އިންޑިއާގެ ފަސިންޖަރުންގެ މައުލޫމާތު ލީކުވެއްޖެ
އިންޑިއާގެ ގާނޫނުހަދާ މަޖިލިސް އިމާރާތްކުރުން ޓާޓާއަށް