Roadha Mihaaru

އެއާ އިންޑިއާގެ ވެއްޓުނު ބޯޓުގެ އިންޖީނުން ތެޔޮ ކަނޑާލި ކަމަށް ބެލެވެނީ ކެޕްޓަން

މިދިޔަ މަހު ވެއްޓުނު އެއާ އިންޑިއާގެ މަތިންދާބޯޓު ވެއްޓުނީ ބޯޓުގެ ދެ އިންޖީނުން ތެޔޮ ކަނޑާލި ފަހުން ކަމަށް ތަހުގީގަށް އެނގިފައި ވާއިރު އެކަން ކުރީ ކެޕްޓަން ކަމަށް ބެލެވޭ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެފި އެވެ.

އެއާ އިންޑިއާގެ ވެއްޓުނު ބޯޓުން ތެޔޮ ކަނޑާލީ ކެޕްޓަން

މިދިޔަ މަހު ވެއްޓުނު އެއާ އިންޑިއާގެ މަތިންދާބޯޓު ވެއްޓުނީ ބޯޓުގެ ދެ އިންޖީނުން ތެޔޮ ކަނޑާލި ފަހުން ކަމަށް ތަހުގީގަށް އެނގިފައި ވާއިރު އެކަން ކުރީ ކެޕްޓަން ކަމަށް ބެލެވޭ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެފި އެވެ.

ބޯއިން 787-8 ޑްރީމްލައިނާގައި ތިބި 242 މީހުންގެ ތެރެއިން އެންމެ މީހަކު ފިޔަވައި އެންމެ މަރުވި ހާދިސާގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި ބޯޓުގެ އިންޖީނަށް ތެޔޮ ފޮނުވުން ކޮންޓްރޯލްކުރާ ސްވިޗް "ރަން" އިން "ކަޓް އޯފް" އަށް ބަދަލުކޮށްފައިވެ އެވެ. އަހްމަދުއާބާދުން ފުރިތާ ސާޅީހަކަށް ސިކުންތު ތެރޭ ބޯޓު ވެއްޓުމުގެ ކުރިން ދެ އިންޖީންގެ ސްވިޗް ވެސް އޯފްކޮށްލި ކަމަށާއި އިރުކޮޅެއްގެ ތެރޭ އަނެއްކާ "ރަން" އަށް ބަދަލުކުރި ކަމަށް ވެސް ވަނީ އެނގިފަ އެވެ.

މި ތަހުގީގުގެ މައުލޫމާތު އެނގޭ އެމެރިކާގެ އޮފިޝަލުން ބައެއް މީޑިއާތަކަށް ބުނެފައިވާ ގޮތުގައި ކޮކްޕިޓް ވޮއިސް ރެކޯޑާގައި ހުރި އޯޑިއޯއަށް ބަލާއިރު، ދެ އިންޖީނުން ތެޔޮ ކަނޑާލުމުން އެކަމާ ސުވާލުކުރާ ކަމަށް ބެލެވެނީ ބޯޓު ދުއްވަން އިން ފަސްޓް އޮފިސަރެވެ. އޭނާ ވަނީ ތެޔޮ ކަނޑާލީ ކީއްވެތޯ އާއި ސްވިޗް އަލުން "ރަން" އަށް ބަދަލުކުރުމަށް ބުނެފައި ކަމަށް އޮފިޝަލުން ބުންޏެވެ.

އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް އިން ބުނީ މިއީ އަދިވެސް ތަހުގީގު ނުނިމޭ މައްސަލައެއް ކަމަށް ވާތީ މި މައުލޫމާތު އަދި އެއްކޮށް ކަށަވަރު ނުވާ ކަމަށެވެ. އެކަމަކު މިއީ މިހާތަނަށް އަދި ބެލެވޭ ގޮތް ކަމަށް ބުންޏެވެ. މިފަދަ މައްސަލަތަކުގައި ތަހުގީގު އާންމުކޮށް ފުރިހަމަކޮށް ރިޕޯޓް ނެރެން އަހަރެއްހާ ދުވަސް ނަގާނެ އެވެ.

ބޯޓުގެ ކެޕްޓަނަކީ 15،638 ގަޑިއިރު ދަތުރުކޮށްފައިވާ ސުމީތު ސަބަރަވާލް އެވެ. އަދި ފަސްޓް އޮފިސަރު ކްލީވް ކުންދަރަށް 3،403 ގަޑިއިރުގެ އުދުހުގެ ތަޖުރިބާ ލިބިފައިވެ އެވެ.

އިންޑިއާއިން ވަނީ މި ތަހުގީގާ އެކު، ބޯއިންގެ ބޯޓުތަކުގެ ފިއުލް ސްވިޗް އިންސްޕެކްޓު ވެސް ކޮށްފަ އެވެ. އެކަމަކު އެއްވެސް މައްސަލައެއް ފެނިފައެއް ނުވެ އެވެ.

މިދިޔަ މަހުގެ 12 ވަނަ ދުވަހު ލަންޑަނަށް ދާން ފުރިތަނާ ބޯޓު ވެއްޓުނީ އެއާޕޯޓާ ކައިރީގައި ހުރި އިމާރާތެއްގެ މައްޗަށެވެ. ސީސީޓީވީ ފުޓޭޖަކުން ފެންނަ ގޮތުގައި ބޯޓު ފުރުމާ އެކު އޭގެ "ރޭމް އެއާ ޓާބައިން" ޑިޕްލޯއީވެ އެވެ. އެއީ އިންޖީނުން ބޯޓަށް ޕަވަ ކެނޑުމުން އިމަޖެންސީގައި ޕަވަ ހޯދައި ބޯޓުގެ މުހިންމު ބައިތަކަށް ޕަވަ ސަޕްލައިކޮށްދޭ ޑިވައިސްއެކެވެ.

ވޯޓު ތިރިވާން ފެށީ 650 ފޫޓު މައްޗަށް އެރުމަށް ފަހު އެވެ. އިންޖީނުން ތެޔޮ ކަނޑާލުމުން ބޯޓު ތިރިވާން ފެށި ފަހުން އަލުން ތެޔޮ ދިނުމުން އިންޖީނު ހިނގަން ފެށި ނަމަވެސް މައްޗަށް އަރާނެ ވަގުތު ނުލިބި އުޅެނިކޮށް ގަސްތަކެއްގަ އާއި ދުންހޮޅިއެއްގައި ބޯޓު ޖެހި މެޑިކަލް ކޮލެޖެއްގެ ކެމްޕަސް ތެރެއަށް ވެއްޓި އަލިފާންރޯވެ އެވެ.

ބޯޓުން އެކަކު ފިޔަވައި އެންމެން މަރުވި އިރު ބޯޓު ވެއްޓުނު ތަނުގައި ތިބި 19 މީހަކު ވެސް މަރުވި އެވެ. މިއީ މިދިޔަ ދިހަ ވަރަކަށް އަހަރު ތެރޭ ހިނގި ވައިގެ ދަތުރުފަތުރުގެ އެންމެ ނުރައްކާތެރި ހާދިސާ އެވެ.