Roadha Mihaaru
ސުލްހަވެރި ހައްލެއް ނެތް ނަމަ ޓާޓާ އިން އާބިޓްރޭޝަނަށް

ސުލްހަވެރި ހައްލެއް ނުލިބިއްޖެ ނަމަ ޓާޓާއަށް އާބިޓްރޭޝަނަށް ދިއުމުގެ ފުރުސަތު އެބަ އޮތް

20 އެޕްރީލް 2017

މާލޭގައި ފްލެޓްތައް އަޅަން އިންޑިއާގެ ޓާޓާ ހައުސިންއާ އެކު ހަދާފައިވާ އެއްބަސްވުން ސަރުކާރުން އުވާލުމުން ސުލްހަވެރި ހައްލެއް ހޯދަން މަޝްވަރާކުރަމުން އަންނަ ކަމަށާއި ހައްލެއް ނުލިބިއްޖެ ނަމަ އާބިޓްރޭޝަނަށް ދިއުމުގެ ފުރުސަތު އެ ކުންފުންޏަށް ލިބިގެންވާކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މާލޭގައި ފްލެޓްތައް އަޅަން އިންޑިއާގެ ޓާޓާ ހައުސިންއާ އެކު ހަދާފައިވާ އެއްބަސްވުން ސަރުކާރުން އުވާލުމުން ސުލްހަވެރި ހައްލެއް ހޯދަން މަޝްވަރާކުރަމުން އަންނަ ކަމަށާއި ހައްލެއް ނުލިބިއްޖެ ނަމަ އާބިޓްރޭޝަނަށް ދިއުމުގެ ފުރުސަތު އެ ކުންފުންޏަށް ލިބިގެންވާކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އިންޑިއާގެ ޓާޓާ ހައުސިން އާއި އެސްޖީ 18 ޑިވެލޮޕާސް ގުޅިގެން އުފައްދާފައިވާ އެޕެކްސް ރިއަލިޓީއާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ދަށުން ގާކޮށްޓާއި އަރަބިއްޔާ ހުރި ތަނުގައި ސޯޝަލް ހައުސިން ފްލެޓް އިމާރާތެއް ހެދުމުގެ އިތުރުން އޯޑިއޯން އާއި ނާދީ ހުރި ބިމުގައި މަތީ ފެންވަރުގެ ފްލެޓްތަކެއް ހެދުމުގެ ފުރުސަތު ޓާޓާ އަށް ލިބެ އެވެ.

ހައުސިން މި މަޝްރޫއުތަކަށް ބަދަލެއްގެ ގޮތުން ސަރުކާރުން ވަނީ ރިސޯޓެއް ތަރައްގީކުރަން ޅ. ޅޮއްސަލަފުށި ވެސް ޓާޓާ އަށް ދޫކޮށްފަ އެވެ. އެކަމަކު އެއްބަސްވުން އުވާލުމުން އެ ކުންފުނީގެ ހުރިހާ ޕްރޮޖެކްޓެއް މިހާރު ވަނީ ހުއްޓިފަ އެވެ.

އެއްބަސްވުން އުވާލިކަން ސަރުކާރުން ވަނީ ޓާޓާ އަށް އަންގައިފަ އެވެ. އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެއްބަސްވުން އުވާލައިފި ނަމަ ސުލްހަވެރި ހައްލެއް ހޯދުމަށް ފަސް ދުވަހުގެ ފުރުސަތެއް ދޭން ޖެހެ އެވެ. އެ މުއްދަތުގައި ހައްލެއް ނުލިބިއްޖެ ނަމަ މުމްބާއީގައި ހުންނަ އާބިޓްރޭޝަން ސެންޓަރަށް ހުށަހެޅުމުގެ ފުރުސަތު އެ އެއްބަސްވުމުން ލިބޭކަން ވަނީ އެނގިފަ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ސަރުކާރުން ބޭނުން ވަނީ އާބިޓްރޭޝަނަށް ނުގޮސް ހައްލެއް ހޯދާށެވެ. އަދި ޓާޓާ އިން ބޭނުންވަނީ އެެއްބަސްވުން އަލުން އިޔާދަކުރަން ކަމަށް ވެސް އެނގިފައިވެ އެވެ.

އޯޑިއޯން ބިމާއި ނާދީ ހުރި ބިމުގައި މަތީ ފެންވަރުގެ ފްލެޓް އަޅަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ޓާޓާއާ އެކު ހެދި އެއްބަސްވުން އުވާލިކަން ސަރުކާރުން އިއްޔެ އިއުލާންކުރީ އެ މަސައްކަތް ނިންމަން ޖެހޭ މުއްދަތު ހަމަވެ، އިތުރަށް ދިން މުއްދަތު ފަހަނައަޅާ ދިޔަ އިރު ވެސް މަސައްކަތް ފަށާފައިނުވާތީ އެވެ. އެކަމަކު ދެ ބިން މިހާރު އޮތީ ސާފުކޮށްފަ އެވެ.

ސުލްހަވެރި ހައްލެއް ހޯދަން ކުރާ މަސައްކަތާ ބެހޭ ގޮތުން ހައުސިން މިނިސްޓްރީ އާއި ޓާޓާގެ ރަސްމީ ބަހެއް ލިބޭ ގޮތެއްނުވި އެވެ.

ޓާޓާ އިން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ކުރިން އޯޑިއޯން ސިނަމާ ހުރި ބިމާއި ކުރީގެ ނާދީ ހުރި ބިމުގައި ފްލެޓް އަޅަން އެ ކުންފުންޏާ އެކު ސަރުކާރުން ހެދި އެއްބަސްވުމަށް ޓާޓާ އިން އަމަލުކޮށްފައިވާނެ ކަމަށާއި އެއްބަސްވުން ބާތިލްކުރުމުން ކަންބޮޑުވާ ކަމަށެވެ.

އެ މަޝްރޫއުގެ މަސައްކަތް ރޭވިފައިވާ ގޮތް ދިޔައީ ހައުސިން މިނިސްޓްރީއާ އެކު ހިއްސާ ކުރަމުން ކަމަށާއި އެ މިނިސްޓްރީން އޮތީ އާ ޕްލޭން ގަބޫލުކޮށްފައި ކަމަށް ވެސް ޓާޓާ އިން ބުނެ އެވެ.

ބަޔާނުގައި ވާ ގޮތުން އެ ހިސާބުން ފެށިގެން ޓާޓާ އިން ގެންދަނީ ވީހާވެސް އަވަހަކަށް މަޝްރޫއު ނިންމަން މަސައްކަތް ކުރަމުންނެވެ.

މި ފަހުން ދިވެހި ސަރުކާރަށް ވަނީ ބައިނަލްއަގުވާމީ ދެ އާބިޓްރޭޝަނެއް ނާކާމިޔާބުވެ، ބޮޑު އަދަދެއްގެ ބަދަލު ދޭން ޖެހިފަ އެވެ. އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން އިންޑިއާގެ ޖީއެމްއާރާ އެކު ވީ އެއްބަސްވުން އުވާލުމުން 271 މިލިއަން ޑޮލަރާއި ބޯޑާ ކޮންޓްރޯލް ސިސްޓަމެއް ގާއިމްކުރަން މެލޭޝިއާގެ ނެކްސްބިޒާ އެކު ވީ އެއްބަސްވުން އުވާލުމުން ދޭން ޖެހުނު 15 މިލިއަން ޑޮލަރުގެ މައްސަލަ އެވެ.

ޖީއެމްއާރަށް ސަރުކާރުން ވަނީ މިދިއަ ނޮވެމްބަރު މަހު ބަދަލު ދީފަ އެވެ. އެކަމަކު ނެކްސްބިޒްގެ ބަަދަލު ދިންކަން އަދި އެނގިފައެއް ނުވެ އެވެ.