Roadha Mihaaru
ރަސްމިއްޔާތަށް އިންޑިއާއިން ފޮނުވަނީ އާދައިގެ ވަޒީރެއް!

މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް އިންޑިއާ އިން ފޮނުވަނީ އާދައިގެ ވަޒީރެއް!

15 ނޮވެމްބަރ 2023

ރާއްޖޭގެ ރައީސުން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ރައީސާއި ބޮޑުވަޒީރު ފެންވަރުގެ ބޭފުޅުން މީގެ ކުރިން ބައިވެރިވެވަޑައިގެންފައި ވިޔަސް މި ފަހަރު ކެބިނެޓުގެ އާދައިގެ ވަޒީރަކު ފޮނުވަން އެ ގައުމުން ނިންމައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖޭގެ ރައީސުން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ރައީސާއި ބޮޑުވަޒީރު ފެންވަރުގެ ބޭފުޅުން މީގެ ކުރިން ބައިވެރިވެވަޑައިގެންފައި ވިޔަސް މި ފަހަރު ކެބިނެޓުގެ އާދައިގެ ވަޒީރަކު ފޮނުވަން އެ ގައުމުން ނިންމައިފި އެވެ.

ރިޔާސީ އިންތިހާބު ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ކުރެއްވި ޑރ. މުހައްމަދު މުއިއްޒު އަންނަ ހުކުރު ދުވަހު ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް އިންޑިއާ އިން ފޮނުވަން ނިންމީ މިނިސްޓަރު އޮފް އާތު އެންޑް ސައިންސް ކިރެން ރިޖިޖޫ އެވެ. މިއީ މި އަހަރުގެ މެއި މަހު ކެބިނެޓަށް އައްޔަން ކުރެއްވި ބޭފުޅެކެވެ. އޭނާ އަކީ ކުރިން ސްޓޭޓް މިނިސްޓަރެކެވެ.

މިއީ ފަހުގެ ތާރީހެއްގައި، ރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާއަކު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާ އިން މިހާ އާދައިގެ ބޭފުޅަކު ފޮނުވާ ފުރަތަމަ ފަހަރެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އަންނަ ހުކުރު ދުވަހު ބާއްވާ ހުވާކުރުމުގެ ރަސްމިއްޔާތަށް މުއިއްޒުގެ ދައުވަތަކަށް އެ ގައުމުގެ ތިމާވެއްޓާ ބެހޭ މިނިސްޓަރު މާދަމާ ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.

ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން، އަންނަ ހޮނިހިރު ދުވަހާ ހަމައަށް ރާއްޖޭގައި އޭނާ މަޑުކުރައްވާނެ ކަމަށް އެ ބަޔާނުގައި ވެ އެވެ.

"ހުވާ ކުރާ ރަސްމިއްޔާތަށް އިންޑިއާއިން މި މަތީ ފަންތީގެ މިނިސްޓަރުންގެ ތަމްސީލު ކުރުމަކީ ދެ ގައުމުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާ ކަމެއް،" އެ ބަޔާނުގައި އިންޑިއާގެ ސަރުކާރުން ބުންޏެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރުމުގެ ރަަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަޑައިގަތެވެ. އަދި މި ސަރުކާރުން އިންޑިއާ އާ ވަރަށް ގާތް ގުޅުމެއް ބާއްވައި އެ ގައުމުގެ ނުފޫޒު ދާޚިލީ ކަންކަމާއި ޚާރިޖީ ކަންކަމުގައި ވެސް ގަދަކުރި އެވެ.

ނަމަވެސް މުއިއްޒުގެ ވައުދުތަކުގެ ތެރޭގައި އިންޑިއާ ސިފައިން ބޭލުމާއި ބައެއް އެއްބަސްވުންތަކުގެ މައްސަލަ ބެލުން ހިމެނެ އެވެ. އަދި އިންޑިއާއާ ވެސް ވަކި ހާއްސަ ގުޅުމެއް ނުބާއްވަވާނެ ކަމަށާއި އެ ގައުމާ ވެސް އޮންނާނީ އެހެން ގައުމުތަކާ އޮންނަ ގުޅުން ކަމަށް ވިދާޅުވެފައިވެ އެވެ.

މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ޚާރިޖީ ސިޔާސަތުގައި އެ މަނިކުފާނު ގެންގުޅުއްވާނީ "މޯލްޑިވްސް ފަސްޓް ޕޮލިސީ" އެވެ. އަބަދުެވސް އިސްކަން ދެއްވާނީ ދިވެހިންނާއި ރާއްޖެ އަށް ކަމަށް އެ މަނިކުފާނު ގެންދަވަނީ ވިދާޅުވަމުންނެވެ.