Roadha Mihaaru
މާލެ-ހުޅުމާލެ ދަތުރު މަނާވާނީ ގެޔަށް ދޫކުރާ ފާހަށް

މާލެ-ހުޅުމާލެ ދަތުރު މަނާވާނީ ގެޔަށް ދޫކުރާ ފާހަށް

25 މެއި 2021

މާލޭ ސަރަހައްދު އަލުން ލޮކްޑައުން ކުރާއިރު މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރު ނުކުރެވޭނީ ގެތަކަށް ދޫކުރާ "ހައުސްހޯލްޑް ޕާމިޓް" އަށް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާލޭ ސަރަހައްދު އަލުން ލޮކްޑައުން ކުރާއިރު މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރު ނުކުރެވޭނީ ގެތަކަށް ދޫކުރާ "ހައުސްހޯލްޑް ޕާމިޓް" އަށް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މާލޭ ސަރަހައްދުގައި ކާފިއު ނޫން ވަގުތުތަކުގައި ބޭރަށް ނުކުންނަ ނަމަ، މާދަމާ އިން ފެށިގެން ރެޒިޑެންޝަލް ޕާމިޓަކާ އެކު ބޭރަށް ދެވޭނެ އެވެ. އެކަމަކު އެ ހުއްދަ ލިބޭ، ހުޅުމާލޭގައި އުޅޭ މީހުންނަށް އުޅެވޭނީ ހުޅުމާލޭގައި އެކަންޏެވެ. އަދި މާލެއަށް ދޭ ހުއްދައެއް ނަމަ މާލޭގައި އެކަންޏެވެ. އެހެންވެ ހައުސް ހޯލްޑް ޕާމިޓްގައި މާލެ-ހުޅުމާލެ ދެމެދު ދަތުރެއް ނުކުރެވޭނެ އެވެ.

ހައުސްހޯލްޑް ޕާމިޓްގެ ދެ ޕާމިޓް ކޮންމެ ގެއަކަށް ވެސް ދޫކުރަން ނިންމާފައިވާއިރު އެއިން ކޮންމެ ޕާމިޓަކާ އެކު ވެސް ބޭރަށް ނިކުމެވޭނީ ވަކި ވަގުތެއްގަ އެވެ. އެއީ ހެނދުނު 8 އިން މެންދުރު 12 އަށް އަދި މެންދުރު 12 އިން ހަވީރު 4 އަށެވެ.

ފުލުހުން ބުނީ މި ހުއްދަ އަށް މާލެ-ހުޅުމާލެ ދަތުރު މަނާވިޔަސް އެ މީހަކު ވަޒީފާ އަދާކުރާ ތަނަކަށް ދާން ދޫކުރާ ހާއްސަ ހުއްދައާ އެކު ދަތުރުކުރެވޭނެ ކަމަށެވެ. އަދި ފުލުހުން ހުއްދަ ދޫކުރަން ހަދާފައިވާ ޕޯޓަލްގައި ކަނޑައަޅާފައިވާ ކަންކަމުގެ ތެރެއިން ކޮންމެ ކަމެއްގައި ވެސް މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރަންޖެހޭ ނަމަ އެ ހުއްދަ ލިބޭނެ އެވެ.

"ހަމައެކަނި ހައުސްހޯލްޑްތަކަށް މި ދޫކުރާ ފާހުގައި ބްރިޖު ހުރަސް ނުކުރެވޭނީ،" ފުލުހުން ބުންޏެވެ.

ރާއްޖޭގައި އަދި ހާއްސަކޮށް މާލޭގައި ކޮވިޑްގެ ކޭސްތައް އިތުރުވެފައިވާތީ މާލެ ދެ ހަފުތާ އަށް ލޮކްޑައުން ކުރާނީ މާދަމާއިން ފެށިގެންނެވެ.