Roadha Mihaaru
ފާސް ދޫކުރާ ޕޯޓަލް އަށް ބާރުބޮޑުވެއްޖެ

ފާސް ދޫކުރާ ޕޯޓަލް އަށް ބާރުބޮޑުވެ، ލަސްތަކެއް ކުރިމަތިވެއްޖެ

24 މެއި 2021

އަންނަ ބުދަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ކާފިއު ނޫން ގަޑިތަކުގައި ބޭރަށް ނިކުންނައިރު ހާއްސަ ފާހެއް ގެންގުޅެން ޖެހޭނެ ކަމަށް ސަރުކާރުން އެންގުމުން، އެ ފާސް ދޫކުރާ ފުލުހުންގެ ޕޯޓަލް އަށް މިރޭ ވަރަށް ބާރުބޮޑުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އަންނަ ބުދަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ކާފިއު ނޫން ގަޑިތަކުގައި ބޭރަށް ނިކުންނައިރު ހާއްސަ ފާހެއް ގެންގުޅެން ޖެހޭނެ ކަމަށް ސަރުކާރުން އެންގުމުން، އެ ފާސް ދޫކުރާ ފުލުހުންގެ ޕޯޓަލް އަށް މިރޭ ވަރަށް ބާރުބޮޑުވެއްޖެ އެވެ.

ސަރުކާރުން މާލެ ސަރަހައްދުގައި ކުރިއަށް އޮތް ދެ ހަފުތާގައި އަލަށް އަޅަން ނިންމި ފިޔަވަޅުތަކާ އެކު ކާފިއު ހިންގާނީ ކޮންމެ ދުވަހެއްގެ ހަވީރު 4 އިން ހެނދުނު 8 އަށެވެ. އަދި ހެނދުނު 8 އިން ހަވީރު 4 އަށް ގެއިން ބޭރަށް ނިކުމެވޭނީ ހާއްސަ ފާހެއް ހިފައިގެންނެވެ. ކޮންމެ ގެއަކަށް ދެ ފާސް ދޫކުރަން ވަނީ ނިންމައިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މި ފާސް ދޫކުރަން މިރޭ ހުޅުވާލުމާ އެކު ޕޯޓަލް އަށް ވަރަށް ބާރުބޮޑުވެ، ފާސް ދިނުމުގައި ލަސްތަކެއް ވަމުން ދާ ކަމަށެވެ. ނަމަވެސް ޕޯޓަލް ޑައުންވުން ފަދަ ކަމެއް އަދި ނުހިނގާ ކަމަށެވެ.

ކޮންމެ ގެއަކަށް ދެ ފާސް ދޫކުރަނީ ދެ ގަޑިއަކަށް ބަހާލައިގެންނެވެ. އެއީ ހެނދުނު 8 އިން މެންދުރު 12 އަށް އަދި މެންދުރު 12 އިން ހަވީރު 4 އަށެވެ. މަގުމައްޗަށް ނުކުމެ އުޅުމުގެ ހުއްދަ އަށް އެދޭއިރު، އެ ގެއެއްގެ ކަރަންޓު މީޓަރު ނަމްބަރާއި އެ މީހެއްގެ ނަމާއި ގޭގެ އެޑްރެސް ޖަހަން ޖެހެ އެވެ. އަދި ދެ ފާސް ދޫކުރުމުގައި ބަލަނީ ކަރަންޓު މީޓަރުގެ ނަންބަރަށެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން މާލޭގައި މިހާރު އަޅައިފައި ހުރި އާ ފިޔަވަޅުތައް ދަމަހައްޓަންދެން ކޮންމެ ދުވަހަކު ވެސް ހުއްދަ ދީފައިވާ ގަޑިތަކުގައި މި ފާސް ބޭނުންކުރެވޭނެ އެވެ. އަދި ކޮންމެ ދުވަހަކަށް ވަކި ފާހެއް ހޯދާކަށް ނުޖެހޭނެ އެވެ. މިއީ މި ފިޔަވަޅުތައް އަޅައިފައިވާ މުއްދަތުގައި ބޭނުންކުރެވޭނެ ދާއިމީ ފާހެކެވެ.

މާލޭގައި އުޅޭ މީހުންނަށް އެ ފާސް ހިފައިގެން ހުޅުމާލެ އަށް ދިއުން މަނަލެވެ. ހުޅުމާލޭގައި އުޅޭ މީހުންނަށް ވެސް މާލެއަކަށް އެ ފާހުގައި ދަތުރެއް ނުކުރެވޭނެ އެވެ. އެކަމަކު، މާލެ އާއި ވިލިމާލެއާ ދެމެދު ދަތުރުކުރެވޭނެ އެވެ.

ފުލުހުން ހަމަޖައްސާފައިވާ ގޮތުން ނަމަ، ޑެލިވަރީ ކުރުމަށްޓަކައި މިހާރު ވެސް ދޫކޮށްފައިވާ ފާސްތައް ބޭނުންކުރެވޭނެ އެވެ. ޑެލިވަރީ ކުރުން ފިޔަވައި އެއްވެސް ހިދުމަތެއް ފިހާރަތައް/ ކެފޭ/ ރެސްޓޯރަންޓުތަކުން ނުދެވޭނެ އެވެ. އަދި ޑެލިވަރީގެ ހިދުމަތް ދެވޭނީ ހެނދުނު 6 އިން ދަންވަރު 12 އަށެވެ.

ކޮވިޑް ކޮންޓްރޯލްކުރުމަށްް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތައް ވަރުގަދަކުރަން ނިންމީ ބަލިޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާތީ އެވެ. ދުވާލަކު 1،000 ވުރެ ގިނަ މީހުން މިހާރު މި ބައްޔަށް ޕޮޒިޓީވްވެ އެވެ. އަދި މިއަދު މި ބަލީގައި 10 މީހުން މަރުވެ، މިއީ ރާއްޖޭގައި ކޮވިޑް ޖެހިގެން އެންމެ ގިނަ މީހުން މަރުވި ދުވަހަށް ވަނީ ވެފަ އެވެ.