ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު މިއަދުން ފެށިގެން ލުއިކުރަން ނިންމާފައިވާއިރު، ކުޑަކުދިންނަށް ބޭރަށް ނުކުންނަށް ހުއްދަ ލިބޭނީ ދެ ހަފުތާ ފަހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
28 މެއި 2020
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު މިއަދުން ފެށިގެން ލުއިކުރަން ނިންމާފައިވާއިރު، ކުޑަކުދިންނަށް ބޭރަށް ނުކުންނަށް ހުއްދަ ލިބޭނީ ދެ ހަފުތާ ފަހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
މިދިޔަ މަހުގެ 15 ގައި މާލެ އިން ފުރަތަމަ ފަހަރަށް ކޮވިޑް-19 ގެ މީހަކު ފެނުމުން އެ ދުވަހުން ފެށިގެން މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ ލޮކްޑައުންގެ މުއްދަތު މިއަދު ހަމަވާތީ، ކުރިއަށް އޮތް ދެ ހަފުތާ އަށް ލޮކްޑައުން އަށް ވަރަށް ބޮޑަށް ހިފެހެއްޓިފައިވާ ލުޔެއް ދިނުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ލޮކްޑައުން ލުއިކުރުމުގެ ގައިޑްލައިންގައިވާ ގޮތުން އުމުރުން 15 އަހަރުން ދަށުގެ ކުދިންނަށް ބޭރަށް ނުކުމެވޭނީ މީގެ ދެ ހަފުތާ ފަހުންނެވެ. އެއީ އަންނަ ޖޫން 10 ން ފެށިގެންނެވެ. އެކަމަކު، އެ ކުދިންނަށް ވެސް ބޭރަށް ނުކުމެވޭނީ ވަރަށް ބޮޑު ހިފެހެއްޓުމެއްގެ ތެރެއިންނެވެ. ކުޑަކުދިންނަށް ވެސް ޚާއްސަ ހުއްދައެއް ނަގަން ޖެހޭއިރު، ބޭރުގައި އުޅެވޭނީ ފަތިހު 5 ން 8 އަށް ކަމަށް އެޗްޕީއޭގެ ގައިޑްލައިންގައި ވެ އެވެ.
މިރޭގެ މީޑިއާ ބްރީފިންގައި ޑރ. ނަޒީމް ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަނީ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ރޭ ބޭއްވި މީޑިއާ ބްރީފިންގައި އައިޖީއެމްއެޗުގެ މެޑިކަލް ޑައިރެކްޓަރު ޑރ. އަލީ ނަޒީމް ވިދާޅުވީ، މާލެ ސަރަހައްދު ލޮކްޑައުންގައި މިވީ ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި މަގުމަތިން އެއްވެސް ކުޑަކުއްޖަކު ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެހެންވެ، އެކަން ފާހަގަކުރައްވައި ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަދިވެސް އެގޮތުގައި ތިބުމަށް އޭނާ އެދިވަޑައިގަތެވެ
އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، ލޮކްޑައުން އަށް ލުއިތަކެއް ދޭ އިރު، މިއަދުން ފެށިގެން ކުރިއަށް އޮތް ދެ ހަފުތާގައި ކޮންމެ ގޭބިސީއަކުން ތިން މީހުންނަށް ހަފުތާއަކު ދެ ފަހަރު ދެ ގަޑިއިރަށް ބޭރަށް ނުކުމެވޭނެ ކަމަށެވެ. ދެ ހަފުތާ ފަހުން ކޮންމެ ގޭބިސީއަކުން ފަސް މީހަކަށް ބޭރަށް ނުކުމެވޭނެ އެވެ.
އެކަމަކު، އެއްވެސް މީހަކަށް ބޭރުގައި އުޅެވޭނީ ފުލުހުންގެ ޚާއްސަ ހުއްދައާ އެކު އެވެ. ފުލުހުންގެ ޕާމިޓްގެ ބޭނުމަކީ އެޗްޕީއޭ އިން ބުނިގޮތުގައި، އެއްފަހަރާ މަގުމަތީގައި އުޅޭ މީހުންގެ އަދަދު ވަކި މިންގަނޑެއްގައި ހިފެހެއްޓުމެވެ. އެކަމަކު، އާއިލާ އާއި ރައްޓެހިން އެއްވުމަށާއި ގޭގެ އަށް އެ ހުއްދައިގެ ދަށުން ދިއުން މަނަލެވެ.
- ފުލުހުންގެ ހުއްދައާއެކު ކޮންމެ ގެއަކުން ވެސް ހަފުތާއަކު ދެ ފަހަރު، ދެ ގަޑިއިރަށް ބޭރަށް ނުކުމެވޭނެ. ކޮންމެ މީހަކަށް ވެސް ލިބޭނީ ދެ ގަޑިއިރު.
- އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ހުއްދައާ އެކު ފަތިހު 5-8 އާ ދެމެދު ބޭރަށް ނުކުމެވޭނެ.
- ސުޕަމާކެޓާއި ކަންމަތީ ފިހާރަތަކާއި ބޭކަރީތަކާއި ތަރުކާރި އާންމު ދިރިއުޅުމަށް ބޭނުންވާ އަސާސީ ތަކެތި ވިއްކާ ކަންމަތީ ފިހާރަތަކާއި ތަރުކާރީ އާއި މޭވާ ވިއްކާ ފިހާރަތަކާއި ދިވެހި ބޭސް ވިއްކާ ތަންތަނާއި ފާމަސީތަކާއި ބުކްޝޮޕްތަކާއި ކުޑަކުދިންގެ ފިހާރަތަކާއި ހާޑްވެއާ ފިހާރަތައް ހުޅުވޭނެ.
- ފިހާރަތައް ހުޅުވާނީ އިކޮނޮމިކް މިނިސްޓްރީގެ ހުއްދައާއެކު.
- ޑެލިވަރީ ސާވިސް އާއި ކޮންސްޓްރަކްޝަންސް އާއި ރިޕެއާ ފިހާރަތަކާއި ގަރާޖްތައް ހުޅުވާނެ.
- ޑެލިވަރީ އާއި ޓޭކްއަވޭގެ ފުރުސަތު ލިބޭނެ.
- އޮންލައިން ޑެލިވަރީ އަށް އެކަނި ހުޅުވާ ތަންތަން: މޮބައިލް ފޯނު ފިހާރަތައް، ކޮމްޕިއުޓާ ސާމާނު ވިއްކާ ތަންތަން، އިލެކްޓްރޯނިކް ސާމާނު ވިއްކާ ފިހާރަތައް، ފޮތި، ފައިވާން ވިއްކާ ފިހާރަތައް، ކުޅިވަރު ސާމާނު ވިއްކާ ތަންތަން.
- ކެފޭ/ރެސްޓޯރަންޓުތައް ހުޅުވާނީ ޑެލިވަރީ އަށް އެކަނި.
ނަޒްލާ ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ކޮވިޑް-19އާ އެކު އުޅެން ދަސްކުރާއިރު ލޮކްޑައުން އުވައިލީ ނޫންކަން ހަނދާން ކުރަން ޖެހޭނެ ކަމަށެވެ.
"އެއްކޮށް ދޫކޮށްލައިފިއްޔާ އަތްނުފޯރާ ވަރަށް ކޭސްތައް އިތުރުވެގެންދާނެ. އެންމެންނަށް ވެސް އެކަން ގަބޫލު ކުރެވޭނެ. އެހެންވެ މި ބަލަނީ މަޑުމަޑުން ކޮންޓްރޯލް ކުރެވޭ މިންވަރަށް ލޮކްޑައުނަށް އިތުރު ލުއިތަކެއް ދިނުމަށް،" ނަޒްލާ ވިދާޅުވި އެވެ.
މިރޭގެ މީޑިއާ ބްރީފިންގައި ޑރ. ނަޒްލާ ނޫސްވެރިއެއްގެ ސުވާލު އަޑުއައްސަވަނީ.
ލޮކްޑައުން އަށް ލުއިތައް ދޭން ބަލާއިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ގައިޑްލައިންތަކާ އެއްގޮތަށް އިޖުތިމާއީ، އިގުތިސާދީ އަދި އިންސާނީ ހައްގުތަކަށް ބެލުމަށް ފަހު ލުއިތަކެއް ދެމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ކޮވިޑް-19 ނެތް ރަށްރަށުގައި މާ ބޮޑު ހަރުކަށިކަމެއް ނެތް ނަމަވެސް މިހާރެކޭ އެއްގޮތަށް ކުރިއަށް އޮތް ދެ ހަފުތާގައި ވެސް އެއް ރަށުން އަނެއް ރަށަށް ދިއުން މަނަލެވެ. އެ ގޮތަށް ދެވޭނީ ވެސް ސިއްހީ ނުވަތަ ޒަރޫރީ ބޭނުމެއްގައި އެކަންޏެވެ.
ރޭގަނޑު 10 އިން ފަތިހު 5 އަށް، ކާފިއު ގަޑި
ދުވަސްވީ މީހުންނަށް ވެސް ހުއްދައާ އެކު ބޭރަށް ދެވޭނެ
މާލޭގެ ހަރުކަށި ފިޔަވަޅުތަކުގެ މުއްދަތު އިތުރުކޮށްފި
ލޮކްޑައުންއެއް، ފާސް ނެތި ބޭރުގައި އުޅުން މަނާ!
"މާލެ ސަރަހައްދު ލޮކްޑައުން ކުރަން އަދި ނިންމާފައެއް ނުވޭ"
އޮތީ ލެވެލް ނުވައެއްގައި، 10 އަކުން ލޮކްޑައުންއަށް!
ވެހިކަލް މަނާކުރީ އެއްވުންތައް ހުއްޓުވަން: އެޗްޕީއޭ
ތަފާތު އިހުސާސްތަކާ އެކު ހިތްހަމަޖެހުމުގެ ނޭވާއެއް
މާލެ ނޫން އެހެން ރަށްރަށުގެ ފިޔަވަޅުތައް އުވާލައިފި
"ގޭގައި ތިބި މީހުންނަށް ބަލި ގެންދާ މީހަކަށް ނުވާތި"