Roadha Mihaaru
ފަސް ދުވަސް ފަހުން ގއ.ވިލިގިނލި އަލުން ބަންދު

ދެ މަސް ފަހުން ހުޅުވާލި ގއ.ވިލިގިނލި ފަސް ދުވަސް ފަހުން އަނެއްކާ ވެސް މޮނިޓަރިންއަށް

01 އޯގަސްޓް 2021

ކޮވިޑްގެ ހާލަތު ގޯސްވެ، ދެ މަހަށް ވުރެ ގިނަ ދުވަހު ބަންދުކޮށްފައި ބޭއްވުމަށް ފަހު މީގެ ފަސް ދުވަސް ކުރިން ހުޅުވާލި ގއ. ވިލިގިނލި މިއަދު އަލުން ބަންދުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކޮވިޑްގެ ހާލަތު ގޯސްވެ، ދެ މަހަށް ވުރެ ގިނަ ދުވަހު ބަންދުކޮށްފައި ބޭއްވުމަށް ފަހު މީގެ ފަސް ދުވަސް ކުރިން ހުޅުވާލި ގއ. ވިލިގިނލި މިއަދު އަލުން ބަންދުކޮށްފި އެވެ.

އެޗްޕީއޭ އިން އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެންދިޔައީ އެ ރަށުގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓީވް ވުމުންނެވެ. މީގެ ދެ ދުވަސް ކުރިން އެ ހޮސްޕިޓަލަށް ދެއްކި އެ މީހާ އަކީ ގއ. ކޫއްޑޫގައި މަސައްކަތްކުރާ މީހެކެވެ. އޭނާ ބައްޔަށް ޕޮޒިޓީވްކަން އެނގުމުގެ ކުރިން ވިލިނގިލީ ބައެއް މީހުންނާ ބައްދަލުވެފައިވެ އެވެ.

މިދިޔަ މަހު 27 ގައި އެ ރަށް އަލުން ހުޅުވާލީ 72 ދުވަހުގެ ބަންދަކަށް ފަހު އެވެ. އޭރު ވެސް އެ ރަށުގައި އެކްޓީވް ކޭސްތަކެއް ހުއްޓެވެ. އެކަމަކު ރަށް އަލުން ހުޅުވާލީ މުޖުތަމައުގެ ތެރޭގައި ބަލި ފެތުރުން ކޮންޓްރޯލް ކުރެވުމުންނެވެ. އަދިވެސް އެ ރަށުގައި މި ބައްޔަށް ހަ މީހަކު އަންނަނީ ފަރުވާ ހޯދަމުންނެވެ.

ވިލިނގިއްޔާ އެކު މި ވަގުތު އިތުރު 12 ރަށެއް އޮތީ އަރައި ފޭބުން މަނާކޮށްފަ އެވެ.

ކޮވިޑްގެ ކޭސްތައް މިހާރު އެންމެ ގިނައީ ރަށްރަށުގަ އެވެ. ހާލަތު އެންމެ ގޯސް ރަށްތަކުގެ ތެރޭގައި ގދ. ނަޑެއްލާ އާއި ކ. ކާށިދޫ ހިމެނެ އެވެ. އެ ރަށްތަކުގައި އެކްޓިވް ކޭސްތައް އުޅެނީ 100 އިން މަތީގަ އެވެ.

މާލެ ސަރަހައްދުގައި ކޮވިޑްގެ ކޭސްތައް މަދުވެ ހާލަތު ހަމަޔަކަށް އެޅިފައި ވާތީ، ވެކްސިން ފުރިހަމަ ކުރުމަށް ފަހު، ކަރަންޓީނުވުމަކާ ނުލައި، މޮނީޓަރިންގެ ހާލަތުގައި ނެތް ރަށްރަށް ދަތުރު ކުރެވޭނެ ގޮތް ވަނީ ހަދައިފަ އެވެ. މި ވަގުތު މުޅި ރާއްޖޭގައި ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 2،601 އެވެ. މިހާރު މާލެއަށް ވުރެ ގިނައިން ކޮވިޑްގެ ކޭސްތައް ފެންނަނީ ރަށްރަށުންނެވެ.