Roadha Mihaaru
ލާލޭ ސްކޫލްގައި ހުރި މުދާތައް ހުސް ކުރަނީ

ލާލޭގައި ހުރި މުދާތައް ހުސް ކުރަނީ، ބައެއް ތަކެތި ސްކޫލްތަކަށް ހިލޭ!

19 ނޮވެމްބަރ 2016

ހުޅުމާލޭގެ ފަރީދިއްޔާ ސްކޫލުގައި ހިންގި ލާލޭ އިންޓަނޭޝަނަލް ސްކޫލްގެ މުދާތައް ހުސް ކުރުމުގެ މަސައްކަތް، ބިޒް އެޓޯލްސް އިން ފަށައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހުޅުމާލޭގެ ފަރީދިއްޔާ ސްކޫލުގައި ހިންގި ލާލޭ އިންޓަނޭޝަނަލް ސްކޫލްގެ މުދާތައް ހުސް ކުރުމުގެ މަސައްކަތް، ބިޒް އެޓޯލްސް އިން ފަށައިފި އެވެ.

ލާލޭ ސްކޫލް ހިންގި ބިޒް އެޓޯލްސްގެ ޑިރެކްޓަރު އަބްދުﷲ ޖަމީލް މިއަދު ވިދާޅުވި ގޮތުގައި، ބައެއް މުދާތައް ރަށްރަށުގެ އެކި ސްކޫލްތަކަށް އިއްޔެ އިން ފެށިގެން އަންނަނީ ހިލޭ ބަހަމުންނެވެ. އަދި ބައެއް މުދާތައް ވަރަށް އަގުހެޔޮކޮށް ވިއްކަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވި ގޮތުގައި ލާލޭ ސްކޫލުން ބަހާ މުދާތަކުގެ ތެރޭގައި ލެޕްޓޮޕާއި ސްމާޓް ބޯޑާއި ޕްރޮޖެކްޓަރު ފަދަ ކިޔެވުމަށް ބޭނުން ކުރާ ތަފާތު ވަސީލަތްތައް ހިމެނެ އެވެ. އަދި އެ ސްކޫލްގައި ހުރި ގިނަ އަދަދެއްގެ ގޮނޑިތަކާއި މޭޒުތައް ވެސް މިހާރު ހުރީ ބޭރަށް ނެރެފަ އެވެ.

ލާލޭ ސްކޫލްގައި ހުރި ގޮނޑި އާއި މޭޒުތައް ލޮރީއަކަށް އަރުވައިގެން ގެންދަނީ: ލާލޭ ސްކޫލްގައި ހުރި ތަކެތި ހުސްު ކުރުމުގެ މަސައްކަތް ވަނީ ފަށާފައި.

ލާލޭ ސްކޫލްގައި ހުރި ގޮނޑި އާއި މޭޒުތައް ލޮރީއަކަށް އަރުވައިގެން ގެންދަނީ: ލާލޭ ސްކޫލްގައި ހުރި ތަކެތި ހުސްު ކުރުމުގެ މަސައްކަތް ވަނީ ފަށާފައި.

"ސްކޫލްގައި ހުރި ހުރިހާ އެއްޗެއް ހުސް ކުރުމުގެ މަސައްކަތް މި ކުރަނީ. މި ހަފުތާގެ ނިޔަލަށް ހުރިހާ ތަކެތި ހުސް ކުރެވޭނެ ކަމަށް ލަފާ ކުރެވެނީ،" ޖަމީލް ވިދާޅުވި އެވެ.

ލާލޭ ސްކޫލް 2008 އިން ފެށިގެން ހިންގި ބިޒް އެޓޯލްސް އަށް އެންމެ ފަހުން އެ ސްކޫލް ހިންގަން ދިން މުއްދަތު ހަމަވުމުން، އެ ސްކޫލް ހިންގާނެ ބަޔަކު ހޯދުމަށް ސަރުކާރުން ހުޅުވައިލި ބީލަން ކާމިޔާބު ކުރި ކޮލިޓޭޓް އެޑިއުކޭޝަނާ 15 އަހަރު ދުވަހަށް ހަވާލު ކުރީ މިދިޔަ ބުރާސްފަތި ދުވަހުގަ އެވެ.

ސްކޫލު އަލުން ހިންގުމަށް ބިޑަށް ހުޅުވައިލުމުން ފައިނޭންޝަލް ބިޑުގައި އެންމެ ކުޑަ ފީއެއް ހުށަހެޅި ބިޒް އެޓޯލްސް އަށް ސްކޫލު ނުލިބި ދެވަނަ އަށް ކުޑަފީއެއް ހުށަހެޅި ކޮލިޓޭޓަށް ބިޑު ކާމިޔާބުވުމާއެކު އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ހުށަހެޅި އެވެ.

އެކަމަކު ފަރީދިއްޔާ ސްކޫލް ހިންގި އިމާރާތުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން ކުރި ބިޑުގައި ކޮރަޕްޝަނަށް މަގުފަހިވާނެ ކަންތައްތަކެއް ހިމެނޭތީ އެޑިއުކޭޝަން މިނިސްޓްރީން އަލުން ބިޑް ކުރަން އޭސީސީން ލަފާ ދީފައިވަނިކޮށް ކޮލިޓޭޓް އެޑިއުކޭޝަނާ އެތަން ހަވާލުކޮށް ސޮއިކުރީ ބަންޑާރަ ނައިބުގެ ލަފާ ނުހޯދާ ކަން "މިހާރަ"ށް ވަނީ އެނގިފަ އެވެ.

ގާތްގަނޑަކަށް 500 ދަރިވަރުން ކިޔަވާ ލާލޭ ސްކޫލުގެ ބެލެނިވެރިންތަކެއް ވެސް ކުރިން ވަނީ ބިޒް އެޓޯލްސްއާ އެ ސްކޫލް އަލުން ހަވާލުކޮށްދޭން އެދި ޕެޓިޝަނެއް ތައްޔާރުކޮށްފަ އެވެ.