Roadha Mihaaru
ހުޅުމާލޭގައި މަދުވެގެން ހަތް ސްކޫލް އަޅާނެ: ރައީސް

ހަތަރު އަހަރު ތެރޭ ހުޅުމާލޭގައި މަދުވެގެން ހަތް ސްކޫލް އަޅާނެ: ރައީސް

11 އޯގަސްޓް 2024

ހުޅުމާލޭގެ އާބާދީ އިތުރުވަމުން އަންނާތީ ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި އިތުރު ހަތް ސްކޫލް އިމާރާތް ކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހުޅުމާލޭގެ އާބާދީ އިތުރުވަމުން އަންނާތީ ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި އިތުރު ހަތް ސްކޫލް އިމާރާތް ކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އިތުރު ސްކޫލްތަކެއް ހުޅުމާލޭގައި އަޅަން ނިންމާފައިވާ ކަމުގެ ޔަގީންކަން ރައީސް ދެއްވީ، މާލޭ ސިޓީ ކައުންސިލާ ބައްދަލުކުރައްވަން އެ އިދާރާ އަށް މިއަދު ވަޑައިގެން ކައުންސިލަރުންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

ހުޅުމާލެއިން މާލެއަށް ކޮންމެ ދުވަހަކު ވެސް އެކި ހިދުމަތްތައް ހޯދަން ގިނަ ބަޔަކު ދަތުރުކުރަން ޖެހޭ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ދަރިވަރުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދޭން ޖެހޭ ކަމަށެވެ. އެކަން ކުރެވޭނީ ހުޅުމާލެ އަށް ސްކޫލްތައް އިތުރުކޮށްގެން ކަމަށް ވާތީ ސަރުކާރުން ނިންމާފައި ވަނީ ހަތް ސްކޫލް އަޅަން ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ހުޅުމާލޭގެ ތިން ފިޔަވަހީގައި އާބާދުވާ މީހުންގެ އަދަދު ދެލައްކައަށް ވުރެ ގިނަ އިރު މިހާރު ހުރި ސްކޫލްތަކާ އެކު ޖުމްލަ 22 ސްކޫލު ބޭނުންވެ އެވެ.

"މި އަހަރާ އެކީގައި ކުރިއަށް އޮތް ހަތަރު އަހަރު، އަޅުގަނޑުމެން ބަލާނަން ކިތައް ސްކޫލުތޯ ހެދެނީ. މަދުވެގެން ހަތް ސްކޫލު ނޫނީ 10 ވަރަކަށް ސްކޫލް، ކުރިއަށް އޮތް ހަތަރު އަހަރު ތެރޭ އަޅާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ކައުންސިލް ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް

ރައީސް ޑރ. މުހައްމަދު މުއިއްޒު ކައުންސިލް ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް

ރައީސް ވިދާޅުވީ ހުޅުމާލޭގައި އިތުރަށް 10 ސްކޫލު އެޅިއްޖެ ނަމަ ސިނަމާލެ ބްރިޖުގެ ޓްރެފިކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ އެވެ.

ހުޅުމާލޭގައި އިތުރު ސްކޫލްތަކެއް އަޅަން ނިންމާފައިވާ އިރު، މި އަހަރު އިތުރު ތިން ސްކޫލް ހުޅުމާލޭގައި އިމާރާތް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިދިޔަ ހަފުތާގައި ވަނީ ވިދާޅުވެފަ އެވެ.

ހުޅުމާލެ 1 ގައި ސްކޫލަކާއި ހުޅުމާލެ 2 ގައި ސްކޫލެއް އަޅާއިރު ތިން ވަނަ ސްކޫލް އަޅާނެ ތަނެއް އަދި ނުނިމޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހުޅުމާލެ 2 ގައި ހުންނަ ސަލާހުއްދީން ސްކޫލް. އިތުރު ސްކޫލެއް ދެވަނަ ފިޔަވަހީގައި އަޅަން ސަރުކާރުން ވަނީ ނިންމާފައި.

ހުޅުމާލެ 2 ގައި ހުންނަ ސަލާހުއްދީން ސްކޫލް. އިތުރު ސްކޫލެއް ދެވަނަ ފިޔަވަހީގައި އަޅަން ސަރުކާރުން ވަނީ ނިންމާފައި.

ހުޅުމާލެ 2 ގައި މިހާރު ކިޔަވައި ދެމުން އަންނަނީ ކާމިލް ދީދީ ޕްރައިމަރީ ސްކޫލާއި ސަލާހުއްދީން ސްކޫލްގަ އެވެ.

ހުޅުމާލެ 2 ގައި އާބާދުވަމުން އަންނަ މީހުންނާ އެކު ދަރިވަރުންގެ އަދަދު އިތުރުވެ، ބާރު ބޮޑުވާތީ މިދިޔަ ދިރާސީ އާ އަހަރާ އެކު، އެ ސްކޫލްގެ ކިޔެވުން ވަނީ ދެ ދަންފަޅި އަށް ބަދަލު ކޮށްފަ އެވެ. ސަތާރަ ސަތޭކަ ކުދިންގެ ޖާގައިގެ ސަލާހުއްދީން ސްކޫލްގައި މި ވަގުތު ވެސް 2،053 ކުދިން ކިޔަވަ އެވެ.

ހުޅުމާލެ 2 ގައި ދިރިއުޅޭ ބައެއް ކުދިން ކިޔަވަން ދަނީ ހުޅުމާލެ 1 ގައި ހުންނަ ހުރަވީ ސްކޫލަށެވެ. ޖާގަ ނުލިބޭ ކުދިން މާލޭގެ ސްކޫލުތަކުގައި ވެސް ކިޔަވަ އެވެ.